
ކްލަބް އީގަލްސްގެ ކޯޗަކަށް މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފި އެވެ.
އީގަލްސްގެ ކޯޗުކަމާ މޯހަން ހަވާލުވިކަން އެ ކްލަބުންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ވީނިއުސް އަށް މައުލޫމާތު ދެމުން މޯހަން ބުނީ އީގަލްސް އަކީ ފުރަތަމަ ޑިވިޝަންގައި ވަރަށް ގިނަ ދުވަސްވީ ކްލަބެއް ކަމަށާއި، އެ ކްލަބް މިހާރު އޮތް ފެންވަރަށް ގެންގޮސްދިނީތީ ކުރީގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
މޯހަން ބުނީ އީގަލްސް މަޝްހޫރުވެފައިވަނީ ކުޅުންތެރިން އުފައްދާ ކްލަބެއް ގޮތުގައި ކަމަށާއި، އެގޮތުން އޭނާ ކޯޗު ކަމާ ހަވާލުވެގެންވެސް އެންމެ ބޮޑަށް އިސްކަންދޭނީ ކުޅުންތެރިން އުފައްދާ، ވަކިން ހާއްސަކޮށް ޅަ ކުދިންތަކަކާއެކު ކާމިޔާބީ ހޯދުން ކަމަށެވެ.
ރާއްޖޭ ގައުމީ ޓީމަށް ދިގު މުއްދަތެއް ވަންދެން ހިދުމަތްކޮށްދީފައިވާ މޯހަން ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗުކަން 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް އަދާކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ 2012 ވަނަ އަހަރު އެއްވެސް މެޗަކުން ބަލިނުވެ ނިއު އަށް ލީގު ކާމިޔާބުކޮށްދީފަ އެވެ.
މީގެ އިތުރުން އޭނާ ވަނީ އޭއެފްސީން 2014 ވަނަ އަހަރު ކެމްބޯޑިއާ އާއި މޮންގޯލިއާގައި ބޭއްވި ކޯޗިން ކޯހުގައި އިންސްޓްރަކްޓަރެއްގެ މަގާމު ވެސް އަދާކޮށްފަ އެވެ. މޯހަން އަކީ ބޭރު ގައުމެއްގައި ބޭއްވި ކޯޗިން ކޯހެއްގައި އިންސްޓްރަކްޓަރުކަން އަދާކުރި ފުރަތަމަ ދިވެހި ކޯޗެވެ.
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނަ އީގަލްސްގެ ކެޕްޓަން އިމްރާން ނާޝިދު (އިންމަ) އަންނަ ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުމަށް އެއްބަސް ވެފައިވާއިރު، އެ ކުލަބުން ބުނެފައިވަނީ އިންމަ ނެތްތަން ފޫބެއްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އީގަލްސް އިން އެޓީމު ވަރުގަދަކުރުމަށް މަސައްކަތްކުރަމުން އަންނައިރު، އެޓީމުން އަންނަނީ ގިނަ ކުޅުންތެރިން ތަކެއް ހޯދުމަށްވެސް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ތިން ބިދޭސީ ކުޅުންތެރިންވެސް ހިމެނެ އެވެ.
މިދިޔަ ސީޒަނުގައި އީގަލްސްއަށް މޮޅު ކުޅުމެއް ދެއްކި ކެޕްޓަން އިމްރާން ނަޝީދު (އިންމަ)ގެ އިތުރުން މުޖްތާޒު މުހައްމަދު (މުޖޭ) ވެސް ވަނީ އެޓީމު ދޫކޮށް ގޮސްފަ އެވެ. އެހެންނަމަވެސް އެޓީމުން ވަނީ މި ދެ ކުޅުންތެރިން ފިޔަވައި ބާކީ ތިބި ހުރިހާ ކުޅުންތެރިންގެ އެއްބަސްވުން އާކޮށްފަ އެވެ. އޭގެ ތެރޭގައި ލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ހިޔާލު