
ކެއުން ބުއިމުގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ގިނަ ތަންތަން އެކުލެވޭ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީ ކުރާ "ވޯޓާފްރަންޓް ރެސްޓޯރަންޓް"ގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް ހިންގުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެމެރިކާގެ އެޗްއެމްއެސް ހޮސްޓް ކުންފުންޏާ އެކު މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްއޭސީލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. އަދި އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވެލްޓާ ސެެއިބް އެވެ.
އެޗްއެމްއެސް ހޮސްޓަކީ އެކި ގައުމުތަކުގެ އެއާޕޯޓްތަކާއި ހައިވޭ ތަކުގައި ކާބޯތަކެތި ވިއްކުމުގެ ހިދުމަތް ދިނުމުގައި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކުންފުންޏެކެވެ.
އެމްއޭސީއެލްއިން ބުނީ ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އިތުރުން ކޮސްޓަ ކޮފީ އާއި ހާވެސްޓް މާކެޓް ވެސް ވޯޓާފްރަންޓް ރެސްޓޯރަންޓްގައި ހިންގަން އެއްބަސްވެފައިވާ ކަމަށެވެ.
ވީނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މީގެ ކުރިން ވިދާޅުވީ ފާސްޓްފުޑް ރެސްޓޯރަންޓްތައް ހިމެނޭ ފްރެންޗައިޒް އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި، އެތަން ހުޅުވުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
އާދިލް އިތުރަށް ވިދާޅުވީ އެއާޕޯޓު ތަރައްގީގެ މަޝްރޫއު ހިނގަމުންދާއިރު ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑްތަކެއް ވީއޭއައިއޭއަށް ގެނައުމުގެ މަސއްކަތް ކުރަމުންދާ ކަމަށާއި އެއާޕޯޓުގެ ޖާގަ ހުރި މިންވަރަކުންނާއި އޮޕަރޭޓްކުރެވޭނެ ގޮތްތަކަށް ބަލާފައި އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބޮޑު މިނުގައި ގާތްގަނޑަކަށް 14،000 އަކަފޫޓު ހުންނަ މި އިމާރާތުގެ ސްޓީލް އޮނިގަނޑު މިހާރު ވަނީ ރާވައި ނިންމާފަ އެވެ. އެއާޕޯޓަށް މީހުން އަރާ ޖެޓީ ސަރަހައްދުގައި ހަދާ މި އިމާރާތުގައި "ކޮފީ ޝޮޕް" ހިންގަން 231 އަކަ މީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ. އަދި "ޑޯނަޓް" ވިއްކަން 80 އަކަމީޓަރުގެ ސަރަހައްދެއް ހާއްސަކޮށްފައިވާއިރު "ކެޝުއަލް ޑައިނިން" އަށް 302 އަކަމީޓަރު ހާއްސަކޮށްފައިވެ އެވެ. އަދި "ފާސްޓްފުޑް ކޮންސެޕްޓް" ރެސްޓޯރަންޓަކަށް 171 އަކަމީޓަރު ހާއްސަކޮށްފައިވެ އެވެ. މީގެ އިތުރުން ޕިއްޒާ ލިބޭ ސަރަހައްދުގެ ގޮތުގައި 99 އަކަމީޓަރުގެ ސަރަހައްދަކާއި އައިސްކްރިމީގެ މީރު ރަހަތަކަށް 14 އަކަމީޓަރުގެ ސަރަހައްދެއް ހާއްސަކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ހިޔާލު