
ރަޖްނީކާންތްގެ ފިލްމު "2.0" އަކީ މި އަހަރު ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެ ފިލްމެކެވެ.
ޓެމިލް އެކްޓަރ ރަޖްނީކާންތާއި، އަކްޝޭ ކްމާރު މުހިންމު ރޯލުތައް އަދާކޮށްދީފައިވާ މި ފިލްމު އަޅުވާގޮތަށް ހަމަޖެހިފައި އޮތީ 14 އޭޕްރީލް ގައެވެ. އެހެންނަމަވެސް މިހާރު ހަބަރުތައް ބުނާ ގޮތުން މި ފިލްމު އަޅިވާ ތާރީހް ވަނީ ފަސްކޮށްފައެވެ.
މި ފިލްމު އެޅުވުން ލަސްކޮށްފައިވަނީ ފިލްމުގެ ބައެއް ވިޝުއަލް އިފެކްޓްސް މަސައްކަތްތައް އަދިވެސް ނުނިމޭތީ އެވެ. ވީއެފްއެކްސް އިން ކުރަންޖެހޭ މަސައްކަތްތައް ނިންމާލާނީ ޖުލައިގެ މަހުގެ ތެރޭގައި ކަމަށްވާތީ ލަފާކުރެވޭ ގޮތުގައި ބެލުންތެރިންނާ ހަމައަށް ފިލްމު އަންނާނީ އޮގަސްޓް ގައެވެ.
ވިޝުއަލް އިފެކްޓްސްގެ މަސައްކަތްތައް ދިގުލައިގެން ދަނީ އެކި ސުޓޫޑިއޯތަކާއި ހަވާލުކޮށްގެން މަސައްކަތް ކުރާތީ ކަމަށް ލަފާކުރެވެއެވެ. މި ފިލްމަކީ ގިނަ އަދަދަކަށް ވިޝުއަލް އިފެކްޓްސް ޝޮޓްތައް ހިމަނާފައިވާ ފިލްމެކެވެ.
ފިލްމުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނީ ޑައިރެކްޓަރު ޝަންކަރު ބޭނުންވަނީ ކޮންމެ ޝޮޓެއްވެސް ވަރަށް ފަރުވާތެރިކަމާއެކު ނިންމުމަށް ކަމަށާއި، ފިލްމު އަޅުވަން ޖެހޭ ތާރީހަށް ނުނިމުނު ކަމުގައި ވިޔަސް ވިޝުއަލް އިފެކްޓްސްގެ ބައި ވަރަށް ފުރިހަމައަށް ނިންމަން އިރުޝާދު ދީފައިވާ ކަމަށެވެ.
"2.0" ގެ ޓީމުން މިހާރު ފިލްމު އަޅުވަން ބޭނުންވަނީ އިންޑިއާގެ މިނިވަން ދުވަހުއެވެ. ހަފްތާ ބަންދަކާ ދިމާވާ އެ ދުވަހަކީ އޮގަސްޓް 15 އެވެ. އެހެންނަމަވެސް އަދި މިތާރީހުގައި ފިލްމު އަޅުވަން ހަމަޖެހިފައިވާ ކަން މީޑިއާއަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ސައިންސް ފިކްޝަންގެ ގެޓެގަރީއަށް ފެތޭ "2.0" އަކީ އެސް ޝަންކަރު ލިޔެ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ސުބާސްކަރަން އަލިއްރާޖާ އެވެ.
ކިޔުންތެރިންގެ ހިޔާލު