
ލެސްޓާ ސިޓީގެ ފަރިތަކުރުންތަކަށް އަލްޖީރިއާގެ ފޯވާޑް ރިޔާދް މަހްރޭޒް ނުނިކުންނަތާ ދެ ދުވަސް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސްކައި ސްޕޯޓްސް އިން ބުނީ ޓްރާންސްފާގައި މެންޗެސްޓާ ސިޓީއަށް މަހްރޭޒް ބަދަލުވާން އުޅޭކަމަށް އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައި، ލެސްޓާ އިން އެންމެ ފަހުން ކުރިއަށް ގެންދިޔަ ދެ ފަރިތަކުރުމުގައި އޭނާ ބައިވެރިނުވާ ކަމަށެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން މި ހަފްތާ ތެރޭގައި މަހްރޭޒް ސިޓީއަށް ބަދަލުވާނެ އެވެ. އެގޮތުން މަހްރޭޒްގެ ޓްރާންސްފާގެ އެންމެ ފަހުގެ ކަންކަން ސިޓީ އަދި ލެސްޓާއާ ދެމެދު ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކަކުންވެސް ޝައުގުވެރިވާ މަހްރޭޒް ހޯދުމަށް ސިޓީގެ އިތުރުން ލިވަޕޫލާއި އާސެނަލްވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން ރަސްމީކޮށް މަހްރޭޒް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އުމުރުން 26 އަހަރުގެ މަހްރޭޒް ވިދާލީ ލެސްޓާއިންނެވެ. އޭނާ ވަނީ ލެސްޓާ އަށް މިހާތަނަށް ކުޅުނު 162 މެޗުގައި 43 ލަނޑު ކާމިޔާބު ކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ އަލްޖީރިއާ ގައުމީ ޓީމުގައި ހިމެނި އެޓީމަށް މިހާތަނަށް ކުޅުނު 34 މެޗުގައި އަށް ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
މަހްރޭޒް ވަނީ ލެސްޓާއާ އެކު 2015 ވަނަ އަހަރުގެ ސީޒަނުގައި ލެސްޓާއަށް ޕްރިމިއާ ލީގު ހޯދައިދިނުމަށް ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
މަހްރޭޒް ވަނީ އެ އަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ، ލެސްޓާގެ އެންމެ މޮޅު ކުޅުންތެރިޔާ، އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ޕްރިމިއާ ލިގުގެ ސަޕޯޓަރުން މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު