
(30 ޖެނުއަރީ 2017 އާ ގުޅޭ)
"ރިވާ އަންނާނެ. އެގޮތަށް އެއްބަސްވުމުން ފޮނުވީ. އެ ޔަގީންކަން އެބަ އޮތް" ހިޝާން ޖަވާބުދިނީ ޔަގީންކަމާއެކުއެވެ.
"ތިހެން ވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު. ބައްޕަގެ އުންމީދަކީ ވެސް ތީ. ބައްޕަގެ މި ވިޔަފާރި މިއަދު ހިންގެން އޮތީ ދަރިފުޅާއެކު. ދަރިފުޅަށް ވެސް އެނގޭނެ ދަރިފުޅު ނެތީމާ ބައްޕައަށް ވާ އުނދަގޫ. އެކަމަކު މަހެއް ފަހުން ދަރިފުޅު ވެސް އެކޮޅަށް ދާންވާނެ" ބައްޕަ ޚިޔާލު ދިނީ ދުވަސްކޮޅަކަށް ހިޝާން ވެސް އެކޮޅަށް ބަދަލުވާށެވެ. ހިޝާން ވެސް ނިންމައިގެން ހުރީ އެ ގޮތަކަށް ކަންކުރާށެވެ.
ރިވާއާއި ދަރިފުޅު ފުރިތާ އަށްގަޑިއިރު ފަހެވެ. ހިޝާން އިންތިޒާރުކުރަމުން ދިޔައީ ރިވާގެ ކޯލަކަށެވެ. ރިވާއާއި ދަރިފުޅަށް ގައުމަށް ދެވުނުކަން ޔަގީންކުރުމަށެވެ. އެ އިންތިޒާރަށް މާ ގިނަ އިރެއް ނުނެގިއެވެ.
ރިވާ ގުޅިއެވެ. އޭނާއަށް ދެވުނުކަން ހިޝާނަށް އެންގިއެވެ. ދަރިފުޅުގެ ހާލު ރަނގަޅުކަމަށް ވެސް ބުންޏެވެ. އޭނާ ކޮށްދިންކަންކަމަށް ޝުކުރުވެސް އަދާކުރިއެވެ.
"މިއީ ޝުކުރު އަދާކުރަންވީ ކަމެއް ނޫނެއްނު" ރިވާގެ ވާހަކަތައް އަޑުއަހަން ހުރެފައި ހިޝާނަށް ބުނެވުނެވެ.
"ދެން މާ ގިނަ ވާހަކަތަކެއް ދެއްކޭކަށް ނެތް. އަހަރެން މިދަނީ ގެއަށް" ރިވާގެ ވާހަކަތައް މެދުކަނޑާލަމުން އެންމެ ފަހު ޖުމުލަ ބުނުމަށް ފަހު ރިވާ ފޯނު ކަނޑާލިއެވެ. ހިޝާނަށް ހީވީ ކަންފަތް މަތީ މީހަކު ޖެހިހެންނެވެ. އޭނާ ވާހަކަދައްކަދައްކާ ހުއްޓާ ރިވާ ފޯނު ކަނޑާލުމުން ހިތްހަމަ ނުޖެހުނެވެ. ދެރަ ވެސް ވިއެވެ. ނަމަވެސް ރިވާ އުޅެންޖެހުނު ހާލުން އޭނާ ވެސް ހިތްހަމަ ނުޖެހުނީކަމަށް ހިޝާން ނިންމިއެވެ. ފަހުން ގުޅުމަށް ނިންމައި ހިޝާން ހަމަޖެހިލިއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ހެދުނާ ހިޝާން ރިވާއަށް ގުޅިއެވެ. ދެ ފަހަރަކު ގުޅުމުން ވެސް އޭނާ ފޯނެއް ނުނެގިއެވެ. އޭގެ އިރުތަކެއް ފަހުން ހިޝާން ގުޅުމުން ރިވާ ފޯނު ނެގިއެވެ.
އެންމެ ފުރަތަމަ ވެސް ހިޝާން ކުރީ ޝަކުވާއެވެ. ޖެއްސީ އޭނާ ފޯނު ނުނަގާ މައްސަލައެވެ. އެ ވާހަކަތައް ރިވާއަކަށް މުހިންމެއް ނުވިއެވެ. އަޑުއަހަން ވެސް ބޭނުމެއް ނުވިއެވެ.
"ތި ވާހަކަތައް އަހަރެންނަކަށް މުހިންމެއް ނޫން. ހިޝާން ބޭނުންވަނީ ކޮން ކަމެއް؟" ނުރުހުމުގެ ރާގުގައި ރިވާ ބުނެލިއެވެ.
"ކީކޭ؟ ރިވާއަށް އެނގޭތަ ތި ބުނެވެނީ ކީކޭ ކަން؟" ހިޝާން ހިތްހަމަ ނުޖެހުނެވެ.
"އަހަރެންނަށް އެނގޭ މި ކިޔެނީ ކީކޭކަން ވެސް. މި ވާހަކަދައްކަނީ ކާކާ ކަންވެސް. ތިގޮތަށް ޒުވާބުކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން މި އުޅެނީ ވަރަށް ބުރަކޮށް. އަހަރެންނަށް ރަނގަޅީ އެހައި ގިނައިން ނުގުޅިއްޔާ" ރިވާގެ ވާހަކަތަކުން ހިޝާންގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އޭނާގެ ލޭ ކެކެމުން ދިޔައެވެ.
"ބަލަ މި ވާހަކަދައްކަނީ ރިވާގެ ފިރިމީހާއޭ. ދަރިފުޅުގެ ބައްޕައޭ. ރިވާއަށް ތި ބުނެވެނީ ކީކޭ؟" ހިޝާންގެ އަޑު ބާރުވިއެވެ. އެ އަޑާއެކު ރިވާ ފޯނު ބޭއްވިއެވެ. ދެން ނުނަގަނަމޭ ބުނަމުންނެވެ. ހިޝާނަށް ގޮތް ހުސްވީ އެހިސާބުންނެވެ. ރިވާގެ ރުޅިގަނޑު އޭނާއަށް ވިހަލިކަން ޔަގީންވިއެވެ.
ހިޝާން އެތައް ފަހަރަކު ރިވާއަށް ގުޅި ނަމަވެސް ރިވާ ފޯނެއް ނުނެގިއެވެ. އެތައް މެސެޖެއް ކުރި ނަމަވެސް އެއަށް ޖަވާބެއް ވެސް ނުދިނެވެ. ސޮރީއޭ ބުނުމުން ވެސް އޭގެ ރައްދެއް ނުލިބުނެވެ.
އެންމެ ފަހުން ހިޝާން ގުޅީ ރިވާގެ ބައްޕައަށެވެ. ކޮންމެވެސް ވަރެއްގެ ފިނިކަމެއް ހިތަށް ލިބޭތޯއެވެ. ނަމަވެސް އެ ނަންބަރުގެ ޚިދުމަތް އޮތީ ކަނޑާލާފައެވެ. ގޭ ފޯނުގެ ޚިދުމަތްވެސް އޮތީ ކަނޑާލާފައެވެ. ދެން އޮތީ އެންމެ ގޮތެވެ. ރިވާ ގުޅަންދެން ކެތްތެރިވުމެވެ. އޭނާ ފޯނުކުރަންދެން އިންތިޒާރުގައި އިނުމެވެ.
ދެ ދުވަސް ފާއިތުވީއެވެ. ރިވާއާއި ދަރިފުޅުގެ ޚަބަރެއް ނުވެއެވެ. އެ ޚިޔާލުތަކުން އޭނާއަކަށް ދުރަކަށް ނުދެވުނެވެ. އަބަދުވެސް އިނދެވެނީ އެ ފިކުރުގައެވެ. ދަރިފުޅާއި އަންހެނުންނަށް ވެދާނެ ގޮތަކާމެދު ވިސްނުމުގައެވެ.
ހިޝާން ނިންމީ ވީހާ ވެސް އަވަހަކަށް ރިވާގެ ގާތަށް ދާށެވެ. އެ ވައްތަރުތައް އެ ޖައްސަނީ އޭނާ އެގައުމަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ހިޝާނަށް ގަބޫލުކުރެވުނެވެ. އެހެން ނޫންނަމަ އެގޮތަކަށް ރިވާ ކަންތަކެއް ނުކުރާނެއެވެ. އޭނާ ފޯނުކުރުމުން ފޯނަށް ޖަވާބު ނުދީއެއް ނުހުންނާނެއެވެ.
ހިޝާން އިންޑިއާއަށް ދިއުމަށް ތައްޔާރުވިއެވެ. އަދި މަންމައާއި ބައްޕަގެ ގާތުގައި އެ ވާހަކަ ބުންޏެވެ. ބައްޕަގެ ޖަވާބު އައީ ހިޝާން ހީކުރި ގޮތަކަށް ނޫންނެވެ.
"ބަލަ އެހައި އަވަހަށް. އަދި މިއުޅެނީ ތިން ދުވަސް ނުވޭ" ބައްޕަ ކުރީ ޝަކުވާއެވެ. އެ ޝަކުވާއަށް ދޭނެ ޖަވާބެއް ހިޝާނަކަށް ނުވިސްނުނެވެ. ކަންވީ ގޮތް ކިޔައިދޭން ހިތަށް އެރިއެވެ. އެހެން ނަމަވެސް އޭނާ ޖެހިލުން ވިއެވެ.
"ރިވާ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އެކޮޅަށް ދާން. އެހެންވެ ދާންވެގެން މި ވިސްނީ" ހިޝާން ދޮގު ހެދިއެވެ.
"ބަލަ ދަރިފުޅެއްނެ ބުނީ މަހެއް ފަހުންނޭ ދާނީ. އެހެންވެ މިއަދު ދެ މީހަކަށް ޗުއްޓީ ވެސް ދީފިން. އެމީހުން އަންނާނީ ފަނަރައިގެ ފަހުން" ބައްޕަ ދެއްކީ ހިޝާންދިއުމަށް ދެކޮޅު ހެދި ސަބަބެވެ.
"އެކަމަކު ދާން އެބަޖެހޭ. ގިނަ ދުވަހަކު މަޑުކުރެވޭކަށް ނެތް" އެންމެ ފަހުން ނުހުރެވިގެން ހިޝާނަށް ބުނެވުނެވެ.
"ކިހިނެއްވީ އަނެއްކާ؟ ކޮންމެހެން ދާންޖެހެނީ ކީއްވެ؟" ހިޝާންގެ ވާހަކަތައް އަޑުއަހަން ހުރި މަންމައަށް ސުވާލުކޮށްލެވުނެވެ. ހިޝާންގެ ހާސްކަން އިތުރުވިއެވެ. އޭނާއަށް ފުރަގަސް ދެވުނެވެ.
"ރިވާ ފޯނެއް ނުނަގާ. އޭނާއާ ގުޅޭ ގޮތެއް ނުވި. ހީވަނީ ހިތްހަމަ ނުޖެހުނީހެން" ހިޝާނަށް ބުނެވުނީ އެވަރަށެވެ. އޭނާގެ އަޑު ބެދުނެވެ. ކެތްތެރިކަން ކޮޅުން ލިއެވެ. ދެ ލޮލުން ކަރުނަ ނީރެންފެށިއެވެ. މަންމައާއި ބައްޕަގެ ކުރިމަތީ އޭނާ އިސްދަށަށް ޖެހިއެވެ. ބައްޕަ ގަޔަށް ހީވީ ހޫނު ފެންއެއްޗެއް އަޅައިލިހެންނެވެ. މަންމައަށް ދުއްވައި ގަނެވުނީ ދަރިފުޅާ ދިމާއަށެވެ. ދަރިފުޅުގެ ދުލުން އެ ބުނި ޖުމުލަތަކުން ދެ މީހުންނަށް ވެސް އަސަރުކުރީއެވެ. ދެ މީހުންވެސް ދެރަވީއެވެ. ދަރިފުޅުގެ އެ ކެތްތެރިކަމުގެ ބަދަލު ހޯދައިދިނުމަށް ނިންމީއެވެ.
"ވީހާވެސް އަވަހަކަށް ދަރިފުޅު ފުރަންވީ. އޮފީހުގައި އުޅޭ އިބްރާހީމާއެކު ދާންވާނީ. އޭނާ އިންޑިއާއަށް ވަރަށް ފަރިތަވާނެ. ކަންތައްތައް ވާ ގޮތް ބައްޕައަށް އަންގާތި. ވާނުވާ ބުނާތި" ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ބައްޕަ ދިނެވެ. އެ ވާހަކަތަކުން ހިޝާނަށް އިތުރު ހިތްވަރެއް ލިބުނެވެ. ބައްޕައާއި މަންމަގެ މުހިންމުކަން އިތުރަށް އިހުސާސް ކުރެވުނެވެ. ކިތަންމެ ބޮޑުވިޔަސް އެމީހުންގެ އެހީތެރިކަމާއި ލޯބި އަބަދުވެސް ބޭނުންވާނެ ކަން ކަށަވަރު ކުރެވުނެވެ.
ދަތުރުގެ ހުރިހާ ކަމެއް ހަމަޖެއްސުމުގައި ވެސް މަންމައާއި ބައްޕަ އުޅުނެވެ. ހިޝާން ފުރުވަން އެއާޕޯޓަށް ވެސް އެ ދެމީހުން ދިޔައެވެ. އެންމެ ފަހުގެ ސަލާމްވެސް ކުރިއެވެ. އެ ސަލާމާއެކު މަންމައަށް ބައްދައި ގަނެވުނެވެ. އެ އަތުގައި ހިފަހައްޓައިގެން ހުރެ ބައްޕަ ހިޝާންއާ ވާހަކަ ދެއްކެއެވެ.
"ދަރިފުޅު ދެރަނުވާތި. ހިތްވަރު އެލުވައި ނުލާތި. ކަންތައް ދިމާވާނެ ގޮތެއް ނޭނގޭ. މަޑުމައިތިކަން އިސްކުރާތި. ކޮންމެ ކަމެއް ވެސް ހައްލުކުރެވޭނީ ވާހަކަދައްކައިގެން. އެމަގުން ކަންކަން ކުރެވޭތޯ ބަލާތި" ބައްޕަގެ ފަހު ނަސޭހަތް ހިޝާންގެ ކަންފަތަށް ވިރުވާ އެޅިއެވެ. އެ ނަސޭހަތުން އެ ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދިނެވެ. އިތުރު ހިތްވަރާއި ޢަޒުމު އުފައްދައި ދިނެވެ.
(ނުނިމޭ)
ކިޔުންތެރިންގެ ހިޔާލު