
ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ފުރަތަމަ ފިލްމު "ވަކިން ލޯބިން" އަންނަ މަހުގެ 5 ވަނަ ދުވަހު އޮލިންޕަހުގައި ދައްކަން ފަށާއިރު، އެރެއިން ފެށިގެން އަތޮޅުތެރޭގައިވެސް ފިލްމު ދައްކަން ވަނީ ނިންމާފައެވެ. އަދި މިހާރު މިވަނީ ބައެއް ރަށްރަށުގެ ޝޯތަކުގެ ޓިކެޓްވެސް ބުކްކުރުމަށް ފުރުސަތު ހުުޅުވާލާފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ މޮގާ ބުނީ މާލޭގައި ފިލްމު ޕްރިމިއާކުރާ ރޭ ހދ. ކުޅުދުއްފުށީގައިވެސް ފިލްމު ދެއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިހާރު ކުޅުދުއްފުށީގައި ދެއްކުމަށް ހަމަޖެހިފައިވާ ޝޯގެ ޓިކެޓް ބުކްކުރަން ފަށާފައިވާކަމަށާ 9969035 އަދި 9972009 ނަންބަރަށް ގުޅުމުން ޓިކެޓް ލިބޭނެކަމަށެވެ.
މީގެ އިތުރަށް މާޗް މަހުގެ 8 ވަނަ ދުވަހު ހދ. ހަނިމާދޫގައިވެސް ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ހަނިމާދޫއިން ޓިކެޓް ބުކްކުރަން ބޭނުންވާ ފަރާތްތަކުން 9932529އަށް ގުޅުމުން ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މޮގާ ވަނީ ބުނެފައެވެ.
މިހާރު ޓްރެއިލާވެސް އާންމުކޮށްފައިވާ "ވަކިން ލޯބިން"ގެ ހަތަރު ޝޯއެއް އައްޑޫގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މި ފިލްމު އައްޑޫ ސިޓީ މީދޫއާއި އަދި ގުޅިފައިވާ ރަށްތައްކަމަށްވާ ފޭދޫ، މަރަދޫ އަދި ހިތަދޫގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީދޫގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 8 ވަނަ ދުވަހު އެފްއެމްޑީގައެވެ. މީދޫ ޝޯގެ ޓިކެޓް ހޯއްދެވުމަށް 9902388 ގުޅުމަށް މޮގާ ވަނީ އެދިފައެވެ.
އަދި ފޭދޫ، މަރަދޫ އަދި ހިތަދޫގައި ދެއްކުމަށް ވަނީ ހަމަޖެހިފައިވާ ޝޯގެ ޓިކެޓް 9999641 ނުވަތަ 9997049 ނަންބަރާއި ގުޅުމުން ލިބޭނެކަމަށްވެސް މޮގާ ވަނީ ބުނެފައެވެ.
ކާމިޔާބު ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ޕްރޮޑިއުސްކޮށްފައިވާ "ވަކިން ލޯބިން"ގެ ޓިކެޓް މިހާރު އޮލިންޕަހުން ދަނީ ވިއްކަމުންނެވެ.
ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވިފައިވާ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ގައުމީ ފިލްމް އެވޯޑްގެ އެންމެ މޮޅު ސްކްރީން ޕްލޭ ރައިޓަރު އައިޝަތު ފުއާދުގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކޮށްފައިވާ އާއިލީ ފިލްމެކެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ ފަހުގެ ފިލްމުތަކުން ފެންނަ ދެ ތަރިން ކަމަށްވާ މުހައްމަދު ޖުމައްޔިލް ނިމާލް އާއި، މަރިޔަމް މަޖުދާ (މަޖޫ) އެވެ. އަދި މިދިޔަ އަހަރު ފިލްމު "މަލިކާ" އިން ތައާރަފްވި ނުޒުހަތު ޝުއައިބު (ނުޒޫ) ވެސް މި ފިލުމުން ފެނިގެންދާނެ އެވެ.
ކިޔުންތެރިންގެ ހިޔާލު