
ދިރާގުގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާ އަކަށް 11.81 ރުފިޔާ ބަހަން ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ދިރާގުން ބުނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 897.6 މިލިއަން ރުފިޔާ ބެހުމަށް ދިރާގުގެ ބޯޑުން ނިންމުމަށްފަހު އަހަރީ އާންމު ޖަލްސާގައި އެކަމާ މެދު ގޮތެއް ނިންމުމަށް ހުށަހަޅާނެ ކަމަށެވެ.
ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ޖުމްލަ ފައިދާ ބެހިފައިވަނީ މިދިޔަ އަހަރު އިންޓަރިމް ޑިވިންޑެންޑްގެ ގޮތުގައި ބަހާފައިވާ 452.96 މިލިއަން ރުފިޔާއާއި ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ފައިނަލް ޑިވިޑަންޑްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައިވާ 444.6 މިލިއަން ރުފިޔާގެ މައްޗަށެވެ.
މިދިޔަ އަހަރު ދިރާގުން ބަހާފައިވާ އިންޓަރިމް ޑިވިޑެންޑްގެ ހިއްސާ އަކަށް ޖެހިފައިވަނީ 5.96 ރުފިޔާ އެވެ. އަދި ކުރިއަށް އޮތް އާންމު ޖަލްސާ އަށް ހުށަހެޅުމަށް ނިންމާފައިވާ ފައިނަލް ޑިވިޑަންޑްގައި ހިއްސާއަކަށް ޖެހިފައިވަނީ 5.85 ރުފިޔާ އެވެ.
ދިރާގުން އިތުރަށް ބުނީ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާ އިއުލާންކުރާ 'ބުކް ކްލޯޝަރ ޑޭޓް' ގައި ކުންފުނީގެ ރަޖިސްޓްރީގައިވާ ހިއްސާދާރުންގެ މެދުގައި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު