
ގުޅިފައިވާ ޕާޓީ ތަކުން މިމަހުގެ 16 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން އަދި ނިންމާފައި ނުވާ ކަމަށް ގުޅިފައިވާ ޕާޓީ ތަކުން މިިއަދު ބުނެފި އެވެ.
ގުޅިފައިވާ ޕާޓީ ތަކުން މިހެން ބުނެފައި މިވަނީ މިމަހުގެ 16 ވަނަ ދުވަހު ޕާޓީތަކުން އިންތިޒާމުކޮށްގެން ބޮޑު އެއްވުމެއް ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ކަމަށް ބުނެ، އެ މައުލޫމާތު ސާފުކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ އިސް ތިން ބޭފުޅަކު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުންނެވެ.
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ފުލުހުންގެ އިސްކަންދަރު ކޮއްޓަށް ވަޑައިގަތީ އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރާއި، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރުގެ އިތުރުން އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ޝަރީފް އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންނާ ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ އަނަސް އަބްދުއްސައްތާރު ވިދާޅުވީ ފުލުހުން އެބޭފުޅުންނާ ސުވާލުކުރީ ގުޅިފައިވާ ޕާޓީ ތަކުން މިމަހުގެ 16 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވޭތޯ ސާފުކުރުމަށް ކަމަށެވެ. ފުލުހުން އެކަމާ ގުޅޭ ސުވާލުތައް ކުރީ ފުލުހުންނަށް ލިބިފައިވާ ސިއްރު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުން އިންތިޒާމުކޮށްގެން މިމަހުގެ 16 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ނުވާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ. އެކަމަކު ގުޅިފައިވާ ޕާޓީތަކުން ވަރަށް އަވަހަށް އާންމުކޮށް އިއުލާންކޮށްގެން ވަރަށް ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށާއި އަދި އެ އެއްވުމުގެ ސަލާމަތީ ހުރިހާ ކަމެއް ބަލަހައްޓައިދިނުމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަނަސް އިތުރަށް ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުން އިންތިޒާމުކޮށްގެން މިމަހުގެ 16 ވަނަ ދުވަހު ބޮޑު އެއްވުމެއް ނުބޭއްވި ނަމަވެސް ޕާޓީ ތަކުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް މިއަދާއި މާދަމާއާއި އަދި މިމަހުގެ 16 ވަނަ ދުވަހު ވެސް ކުރިއަށް ދާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީ ތަކުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ ސިޔާސީ ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދޭ ކަމަށްވެސް އަނަސް ވަނީ ވިދާޅުވެފަ އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ އެބޭފުޅުން ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވީ ފުލުހުންގެ ދައުވަތަކަށް ފުލުހުން ބޭނުންވާ މައުލޫމާތެއް ސާފުކޮށްދެއްވުމަށް ކަމަށްވީ ނަމަވެސް ފުލުހުން އެބޭފުޅުން ދެއްކެވި ވާހަކަތައް ވީޑިއޯކުރުމަށްފަހު ބައްދަލުވުން ނިމުމާއެކު ބަޔާނެއް ކަހަލަ އެއްޗެއްގައި ސޮއި ކުރެއްވުމަށް އެދުނު ކަމަށެެވެ. ނަމަވެސް އެބޭފުޅުން ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވީ ކުށެއްގެ ތުހުމަތުގައި ކަމަށް ނުވާތީ ބަޔާނެއްގައި ސޮއި ކުރައްވަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ފުލުހުންނަށް ދެންނެވުމުން ފުލުހުން ތައްޔާރުކޮށްފައި އޮތް ލިޔުމުގައި ސޮއި ނުކުރައްވާ ގޮތަށް ހަމަޖައްސައިދިން ކަަމަށެވެ.
ސަމީރު ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގާއިރު ފުލުހުން ހަމަހަމަކަމާއެކު ފުރުސަތު ނުދޭ މައްސަލަ ޝަކުވާއެއްގެ ގޮތުގައި ގުޅިފައިވާ ޕާޓީތަކުން މިބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ބޭނުންވުމުން ބޭނުން ތަނަކު އަދި ބޭނުން ވަގުތަކު ސިޔާސީ ހަރަކާތް ހިންގާއިރު ސަލާމަތީ ފަރާތްތަކުން އެކަމަށް ފުރުސަތު ދިނުމަށްފަހު ގުޅިފައިވާ ޕާޓީ ތަކަށް އެ އުސޫލުން ފުރުސަތު ނުދޭ މައްސަލަ ކަންބޮޑުވުމެއްގެ ގޮތުގައި ޕާޓީތަކުން ފާހަގަކުރެއްވި ކަމަށެވެ.
ޕާޓީތަކުގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ގާނޫނާ ގަވައިދާ އެއްގޮތަށް ހިންގާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް ސަމީރު ވިދާޅުވި އެވެ. ފުލުހުން އެގޮތަށް ދެންނެވުމުން ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތަށް ފުލުހުން އަންގާ އެންގުންތަކަށް ގުޅިފައިވާ ޕާޓީ ތަކުން އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ދެއްވާފައިވާނެ ކަމަށްވެސް ސަމީރު ވަނީ ވިދާޅުވެފަ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވަމުން އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ޝަރީފް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކާ ފުލުހުން ބައްދަލުކުރުމުން ޕާޓީ ތަކުގެ ކަންބޮޑުވުންތައް ހިއްސާކުރި ވަގުތު ފުލުހުން ވަރަށް ރަނގަޅަށް އެ ވާހަކަތައް އަޑުއެހި ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ވެސް މައްސަލަތަކެއް ހުރިކަން ގަބޫލުކޮށް އެކަންކަން އިސްލާހުކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށްވެސް ވިދާޅުވި އެވެ. އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ އިސް ތިން ބޭފުޅުން ފުލުހުންނާ ބައްދަލުކުރެއްވުމަށްފަހު އަމީނީ މަގު، އިސްކަންދަރު ކޮށި ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނިކޮށް ފުލުހުން ވަނީ އެބޭފުޅުން އެތަނުން ފަހަތަށް ޖައްސާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު