
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަހުމަދު ރިޔާޒް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ.ކުނޫޒުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ޑރ ރިޔާޒްގެ މެމްބަރޝިޕް ފޯމު އެޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒާއި ވަނީ ހަވާލުކުރައްވާފައެވެ.
ޑރ. ރިޔާޒް ޖޭޕީއާ ގުޅިވަޑައިގަތުމުން ރިޔާޒު ވަނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަންފުޅުގައި އޭނައަށް މަރުހަބާ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭބޭފުޅުން ގެންދަވަނީ އެޕާޓީއާ ގުޅިވަޑައިގަންނަވަމުންނެވެ. އެގޮތުން ދާދި ފަހުން ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހްމަދު ވެސް ޖުމްހޫރީ ޕާޓީއަށް ވަނީ ސޮއި ކުރައްވާފައެވެ.
ކުރީގެ ނާއިބް ރައީސް މުހަންމަދު ޖަމީލު އަހްމަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވަނީ، ބޭސްފަރުވާއަށް މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ހާޟިރުގައި، ފްރެންކްފަރޓްގައި މިމަހުގެ 10 ވަނަ ދުވަހު އެވެ. އެދުވަހުގެ ރަސްމިއްޔާތުގައި ޑރ. ޖަމީލުގެ އިތުރުން، މި ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރ މުހަންމަދު މަލީހު ޖަމާލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީނާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހަންމަދު އަހްމަދު މަނިކާއި، އެމް.އެން.ޑީ.އެފްގެ މެޑިކަން ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޑރ. ޝާހު މާހިރުވެސް ޖޭޕީއަށް ވަނީ ސޮއި ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު