
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ގަދަބާރުން ހިފާފައިވާ ބިންތަކުގައި ގަވާއިދާ ޚިލާފަށް ހަދާފައިވާ އަދި ހަދަމުންދާ ޔަހޫދީ އާބާދީތައް ހިމެނޭ ސަރަހައްދުތައް އިސްރާއީލުގެ އަމިއްލަ ބިންތަކެއްގެ ގޮތުގައި ކަނޑައެޅުމަށް އެކުވަލާފައިވާ ގާނޫނުގެ ދެލިކޮޕީއާމެދު އެމެރިކާ ސަރުކާރާއެކު މަޝްވަރާ ކުރިކަމަށް ބުނެ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ ދެއްކި ވާހަކަތައް ވައިޓް ހައުސްއިން ދޮގު ކޮށްފިއެވެ.
ނަތަންޔާހޫގެ ވާހަކަތައް ވައިޓް ހައުސްއިން ދޮގުކުރުން މީޑިއާއިން ފާހަގަ ކޮށްފައިވަނީ ވަރަށް ނާދިރު ކަމެއްގެ ގޮތުގައެވެ.
ނަތަންޔާހޫގެ އަމިއްލަ ޕާޓީ ކަމަށްވާ ލިކޫދު ޕާޓީއަށް ނިސްބަތްވާ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންނާ ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނެފައިވަނީ، އާބާދީތައް ހަދާފައިވާ ބިންތައް އިސްރާއީލުގެ އިސްތިގްލާލުގެ ދަށަށް ގެނައުމާ ގުޅޭގޮތުން އެމެރިކާއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ނަމަވެސް، ވައިޓް ހައުސްގެ ތަރުޖަމާނު ޖޯޝް ރަފޭލް ވަގުތުންވަނީ ނަތަންޔާހުގެ ވާހަކަތައް ދޮގު ކުރައްވާފައެވެ.
"ހުޅަނގު އައްސޭރީގައި އާބާދީތައް ހަދާފައިވާ ބިންތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅޭގޮތުން އެމެރިކާއިން އިސްރާއީލާއެކު އެއްވެސް އިރަކު މަޝްވަރާއެއް ނުކުރޭ. އެއީ ދޮގެއް. ރައީސް ޓްރަމްޕްގެ ނަޒަރު ހުއްޓިފައިވަނީ އިސްރާއީލު-ފަލަސްތީނު ސުލްހައިގެ މަސައްކަތްތަކަށް" ރަފޭލް ވިދާޅުވިއެވެ.
ނަތަންޔާހޫ ދެއްކި ވާހަކަތައް ވައިޓް ހައުސްއިން ދޮގުކުރުމުން، ނަތަންޔާހޫގެ އޮފީހުން ފަހުންވަނީ ބަޔާނެއްނެރެ، ނަތަންޔާހޫ ދެއްކި ވާހަކަ ބަދަލުކޮށްފައެވެ.
ބަޔާނުގައި ބުނެފައިވަނީ، އާބާދީތައް އިސްރާއީލުގެ ތަންތަނުގެ ހެދުމާ ގުޅޭގޮތުން އެކަށައަޅާފައިވާ ޕްލޭން ނަތަންޔާހޫ ސީދާ އެމެރިކާ ސަރުކާރާ ހިއްސާކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް، ނަތަންޔަހޫ ބުނީ އާބާދީތަކާ ގުޅޭ މައުލޫމާތު އެމެރިކާ ސަރުކާރާ ހިއްސާކުރަމުން ގޮސްފައިވާނޭކަން ކަމަށެވެ.
ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ޔަހޫދީ އާބާދީތައް ހެދުން އިތުރުކޮށް، އެ ބިންތަކަށް ވެރިވެގަތުން އިތުރުކުރަމުންދާ މައްސަލައަކީ، ދެދައުލަތުގެ ހައްލަށް ކިރިޔާވެސް އޮތް ފުރުސަތު މުޅީން ގެއްލެމުންދާ ކަމެއް ކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން ބުނަމުން ގެންދެއެވެ. އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރަމުން ގެންދެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް އިއްޔެ ވިދާޅުވެފައިވަނީ، ފަލަސްތީނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް އިސްރާއީލުން ހަގީގީ މަސައްކަތްތަކެއް ކުރާ ކަމަށް ޔަގީންވެވަޑައި ނުގަންނަވާ ކަމަށެވެ.
ޓްރަމްޕް އިއްޔެވަނީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ޔަހޫދީ އިތުރު ބާދީތައް ހަދަމުންދާ މައްސަލާގައި ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.
"އާބާދީތައް ހެދުމުގެ މައްސަލައަކީ، އަބަދުވެސް ސުލްހައިގެ މަސައްކަތްތަކަށް ހުރަސްއެޅޭ މައްސަލައެއް. އަޅުގަނޑަށް ހީވާގޮތުން އިސްރާއީލުން އެކަމަށް ވަރަށް ފަރުވާތެރިވާން އެބަޖެހޭ" ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު