
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވީ ނަމަވެސް ރާއްޖޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގަމުން ނުދާ ކަމަށާއި ގައުމު އޮތީ ރައީސް އަބްދުﷲ ޔާމީންގެ ފުރިހަަމަ ބާރުވެރިކަމުގެ ދަށުގައި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޑރ. ޝައިނީ މިހެން ވިދާޅުވީ އިއްޔެ ހެނދުނު އިންޑިއާގެ އެންޑީޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ޝައިނީ ވިދާޅުވީ ރާއްޖެ އޮތީ އާންމު ހާލަތުގައި ކަމަށާއި ނޫސްތަކުގައި ހަބަރު ފަތުރަމުންދާ ގޮތަށް ރާއްޖޭގެ ހާލަތު ގޯސް ނޫން ކަމަށެވެ. ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން ހިނގަމުން ދިޔައީ ކުއްލި ނުރައްކަލުގެ ހާލަތުގެ ކުރިން ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް އިދިކޮޅު ފަރާތްތަކުގެ އަތުން ރިޝްވަތު ނަންގައިވައިގެން ދައުލަތް ހިންގުމަށް ދަތިކޮށް ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރުމުން ކަމަށްވެސް ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިފަހައްޓާފައިވާ ގާނޫނީ މާއްދާތަކަކީ ރިޝްވަތުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްސަލަތައް ކޮންމެހެން ބެލުމަށް ބޭނުންވާ ވަރަށް އެކަނި ހިފަހައްޓާފައިވާ ގާނޫނީ މާއްދާތަކެއް ކަމަށެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބުރޫއަރައިގެން ނުދާނެ ކަމަށާއި އިތުރު ގާނޫނީ މާއްދާތަކެއް ހިފަހައްޓަން ރައީސް ޔާމީން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ކަން ފާހަގަކުރައްވަމުން ޝައިނީ ވިދާޅުވީ އާބާދީގެ ނިސްބަތުން ރާއްޖެއަކީ މީޑިއާތައް ގިނަ ގައުމެއް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހުރިހާ ޓީވީ ޗެނަލެއް ހުއްޓުމެއް ނެތި ހިންގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖެ ޓީވީގެ ނަން ވިދާޅު ނުވެ ޝައިނީ ވިދާޅުވީ ރާއްޖެ ޓީވީން އަމިއްލައަށް ބްރޯޑްކާސްޓްކުރުން ހުއްޓާލި ނަމަވެސް 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ޓީވީގެ ހިދުމަތްވެސް ފަށާފައިވާ ކަމަށެވެ.
ރާއްޖެއިން ދާދިފަހުން ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމާފައިވާ އޭއެފްޕީގެ ދެ ނޫސްވެރިންގެ މައްސަލާގައި ޝައިނީ ވިދާޅުވީ އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅީ އެމީހުން ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް އެ ވިސާގައި ނުކުރެވޭނެ ކަމެއް ކުރުމުން ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެގޮތަށް އަމަލުކުރާނެ ކަމުގައިވެސް ޝައިނީ ވަނީ ފާހަގަކުރައްވާފަ އެވެ.
ޝައިނީ ވިދާޅުވީ ރާއްޖޭގެ މައްސަލަތަކާ މެދު ބައިނަލްއަގްވާމީ ފަރާތްތަކުން ވާހަކަދައްކާއިރު ރަނގަޅު މައުލޫމާތު ހޯދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށްފައި ތިބީ ހެކި ނެތި ކަމަށް ބޭރުގެ ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވަމުން ޝައިނީ ވިދާޅުވީ އެބޭފުޅުންނާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ފަރާތްތައް ދެކޮޅު މީހުންގެ ގޮތުގައި ފެނިގެންދަނީ އެމީހުންގެ މައްޗަށް ކުށެއްގެ އިލްޒާމު އެޅި އެމައްސަލަ ބަލަން ފެށުމުން ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި ދިމާވާ މައްސަލަތައް ދިވެހިން އަމިއްލައަށް ހައްލުކުރުމުގެ ގާބިލްކަން ދިވެހިންނަށް ލިބިގެންވާ ކަމަށެވެ.
ޝައިނީ އިތުރަށް ވިދާޅުވީ ޗައިނާއާއި ދުނިޔޭގެ އެހެން ގައުމުތަކުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ހުރުމުން ރާއްޖެއަށް އެގައުމުތަކުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އަދި އިންޑިއާ އަކީ ރާއްޖޭގެ ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށާއި ރާއްޖޭގެ ކަންކަން ދުނިޔެއިން ބަލަމުންދާތީ ރާއްޖެއިން ހިތްހަމަޖެހޭ ކަމަށްވެސް ޝައިނީ ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު