
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ( ގެ މައްޗަށް ރެއާލް މެޑްރިޑް ކުރިހޯދައިފިއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޕީއެސްޖީއާ ވާދަކޮށް ރެއާލް އިން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން ޕީއެސްޖީގެ ހާފަށް ބާރުބޮޑުކޮށް ރެއާލް އިން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތު ހޯދާފައެވެ.
އެހެންނަމަވެސް ރެއާލް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް 33 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑްރިއަން ރަބިއޮޓްއެވެ.
މި ލަނޑާއެކު ރެއާލް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.
މި ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ހަތް މެޗެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށްވެފައެވެ. އަދި މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ރެއާލް އަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ.
ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ޕީއެސްޖީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ރެއާލްގެ ހާފަށް ބޯޅަތައް އިތުރުކޮށް އެޓޭކްތައް ގިނަކޮށްފައެވެ.
އެހެންނަމަވެސް ޕިއެސްޖީން ރަނގަޅަށް ކުޅެމުން ދަނިކޮށް 83 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ރެއާލް އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. އޭގެ ތިން މިނެޓު ފަހުން ރެއާލް އަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިޔާ މާކޯ އެސެންސިއޯގެ އެހީތެރިކަމާއެކު މާސެލޯއެވެ.
މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގު މެޗު އޮންނާނީ އަންނަ މާޗު މަހުގެ ހަތްވަނަ ދުވަހު ޕީއެސްޖީ ދަނޑުގައެވެ.
ކިޔުންތެރިންގެ ހިޔާލު