
ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަކީ އެތަށް ގޮތަކުން ތަފާތު މުބާރާތެކެވެ. ދުނިޔޭގެ ފުޓުބޯޅައިގެ ޗެމްޕިއަނުންގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ މި މުބާރާތަކީ ކޮންމެ މުބާރާތެއްގައިވެސް ތަފާތު ކަންތައްތަކެއް ފެނިގެންދާ މުބާރާތެކެވެ.
މީގެތެރެއިން ގިނަބައެއްގެ އެންމެ ބޮޑު ސަމާލުކަމެއް ލިބެނީ މުބާރާތުގައި ބޭނުންކުރާ ބޯޅައަށެވެ. މިއީ ވޯލްޑްކަޕަކާއި ކައިރިވާއިރު އެންމެ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ބަޔެވެ. އެ ބޯޅައިގެ ފަރުމާއާއި ބޯޅައިގެ ހާއްސަ ކަންކަން ކޮންމެ މުބާރާތެއްގައި ވެސް ތަފާތެވެ.މިފަހަރުގެރިޕޯޓު މި ހާއްސަކޮށްލަނީ މިފަހަރުގެ ވޯލްޑްކަޕުގައި ބޭނުންކުރާ ބޯޅައަށެވެ.
ވޯލްޑްކަޕަށް މިފަހަރު ތައްޔާރުކުރި ބޯޅައަށް ދީފައިވާ ނަމަކީ ޓެލްސްޓާ އެވެ. މިއީ ވޯލްޑް ކަޕް 1970އަށް އެޑިޑާސް އިން އުފެއްދި 'ޓެލްސްޓާރ 18' ބޯޅައަށް ޒަމާނީ ބަދަލުތަކެއް ގެނެސް ޓެކްނޮލޮޖީގެ އެކިއެކި ސިފަތަކާ އެކުގައި ނެރުނު ބޯޅައެކެވެ.

މި ބޯޅައިގައި ނިއާ ފީލްޑް ކޮމިއުނިކޭޝަން(އެންއެފްސީ) ޗިޕެއް ހަރުކުރެވިފައިވެ އެވެ. އެއީ ސްމާޓްފޯނު މެދުވެރިކޮށް ބޯޅަ އާއި މުއަމަލާތު ކުރެމުގެ ފުރުސަތު ބޯޅަ ބޭނުންކުރާ ފަރާތްތަކަށް ދިނުމުގެ ގޮތުން ހަރުކުރެވުނު ޗިޕެއް ކަމަށް ބޯޅަ އުފެއްދި އެޑިޑާސް އިން ބުނެފައިވެ އެވެ. އެ ޗިޕު މެދުވެރިކޮށް ބޯޅަ އޮންނަ ތަން ދެނެގަނެވޭނެ ކަމަށާއި އެ ބޯޅަ އުފެއްދުމުގައި ރީސައިކަލް ކުރެވިފައިވާ މާއްދާތައް ބޭނުން ކުރެވިފައިވާ ކަމަށް އެޑިޑާސް އިން ހާމަކޮށްފައިވެ އެވެ
މީގެ 48 އަހަރުކުރިން އެންމެ ފުރަތަމަ އުފެއްދި 'ޓެލްސްޓާރ' ބޯޅައަށް އެ ނަން ދީފައިވަނީ ޓީވީގެ ޒަރިއްޔާއިން އެ ބޯޅައަށް ލިބުނު ތަރުހީބު ބޮޑުވުމުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ އުފެއްދި 'ޓެލްސްޓާރ' ބޯޅަ ވެގެން ގޮސްފައިވަނީ ކަޅު ޕެނަލްތަކެއް ބޭނުން ކޮށްގެން ބޯޅައެއް ފަރުމާކުރެވުނު ފުރަތަމަ ފަހަރަށެވެ. އެގޮތަށް އެ ބޯޅަ ފަރުމާކުރެވިގެން ދިޔައީ އޭރު ބޭނުން ކުރެވެމުންދިޔައީ ކަޅާއި ހުދުގެ ޓީވީތަކުގެ ސަބަބުންނެވެ.
މި ބޯޅަ މިހާޜު ވަނީ ބޭނުންކުރަން ފަށާފައެވެ. އެގޮތުން އިންޑިއާގައި ނިމިގެންދިޔަ 20 އަހަރުންދަށުގެ ވޯލްޑްކަޕާއި 2017 ވަނަ އަހަރުގެ ކުލަބް ވޯލްޑްކަޕުގައި ރެއާލް މެޑްރިޑާއި އަލް ޖަޒީރާ ބައްދަލުކުރި މެޗުގައި މި ޓެލްސްޓާ 18 ވަނީ ބޭނުންކޮށްފައެވެ.
ޓެލްސްޓާ 18 ވެގެން ގޮސްފައިވަނީ ފުޓްބޯޅައިގެ ދުނިޔެއަށް އިންގިލާބެއް ގެނުވި ބޯޅައަކަށެވެ. 1930 ވަނަ އަހަރު އުރުގުއޭ ގައި ބޭއްވި ވޯލްޑްކަޕުގައި ބޭނުންކުރި ފޮތި ބޯޅައިން ފެށިގެން މިއަދާއި ހަމައަށް ބޯޅަތަކަށް އައި ބަދަލުތަކަކީ ފާހަގަކޮށްލަން ޖެހޭ ކަންތައްތަކެވެ. އެހެންކަމުން ޖަބުލާނީ އާއި ބްރަޒޫކާ ފަދަ ބޯޅަތަކަށް ލިބުނު ތަރުހީބާއި އެއްވަރަކަށް ޓެލްސްޓާ 18 އަށް ބޮޑު ތަރުހީބެއް ލިބޭނެކަން މިއީ މިހާރު އުފެދޭ އެންމެ ބޮޑު ސުވާލެވެ.
ކިޔުންތެރިންގެ ހިޔާލު