
ރެއާލް މެޑްރިޑް އާއި ބާސެލޯނާ އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އަށް ބިޑުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދަ ސަން އިން ބުނީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްލަބް ކަމަށްވާ ރެއާލް އާއި ބާސާ އަދި ޕީއެސްޖީން ސަލާހު ހޯދުމަށް މަސައްކަތް ކުރަނީ 200 މިލިއަން ޕައުންޑަށް ކަމަށެވެ. އެއީ ބާސާ ދޫކޮށް ނޭމާ ޕީއެސްޖީ އަށް ބަދަލުވި ވޯލްޑް ރެކޯޑު ފީއަށްވުރެ ދެ މިލިއަން ޕައުންޑުގެ މަދުވުމެކެވެ.
އެގޮތުން މި ސީޒަނަށްފަހު ދުނިޔޭގެ ޓްރާންސްފާ ރެކޯޑު އަނެއްކާވެސް މުގުރިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް ސަލާހުގެ ޓްރާންސްފާއާ ގުޅޭގޮތުން އެއްވެސް ރަސްމީ ބަހެއް އަދި ނުލިބެއެވެ.
ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސަލާހު ބުނީ މަޝްހޫރު ބޮޑެތި ކުލަބު ތަކުން ބޮޑު އަގުގައި ހުށަހެޅުންތައް އައިކަމުގައިވިޔަސް ލިވަޕޫލްއަކީ އަބަދުވެސް އެންމެ ލޯބިވާ އެއް ކުލަބް ކަމަށާއި އަދިވެސް ލިވަޕޫލްގައި ހުރެގެން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށްފަހު ޓީމަށް ކާމިޔާބު ހޯދަދޭން މަސައްކަތް ކުރާނެ ކަމަށެވެ.
ޗެލްސީން ވިދާލި ސަލާހު ވަނީ އެޓީމަށް ކުޅުނު 19 މެޗުގައި ދެ ލަނޑު ކާމިޔާބުކޮށް، ޕްރިމިއާ ލީގު އަދި ލީގް ކަޕް އެޓީމާއެކު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޗެލްސީގައި ހުރެ ލޯން އެއްބަސްވުމެއްގެ ދަށުން ފިއޮރެންޓީނާ އަދި ރޯމާ އަށް ވެސް ކުޅެފައެވެ. އޭނާ ޗެލްސީ ދޫކޮށް ރޯމާ އަށް ރަސްމީކޮށް ބަދަލުވީ 2016 ވަނަ އަހަރެވެ.
އެއަށްފަހު ސަލާހު ލިވަޕޫލް އަށް ބަދަލުވީ މިދިޔަ އަހަރެވެ. އޭނާ ވަނީ މި ސީޒަނުގައި ލިވަޕޫލް އަށް ކުޅުނު 40 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ.
އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ އަހަރު ހޯދި ސަލާހު ވަނީ މިސްރު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމަށްވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު