
ރަޝިއާގެ ކެމެރޯވޯ ސިޓީގައި ހުރި ޝޮޕިންމޯލެއްގައި އަލިފާން ރޯވެ 48 މީހުން މަރުވެފައިވާއިރު އެތެރޭގައި ތާށިވެފައިވާ މީހުންގެ ތެރޭގައި 41 ކުޑަކުދިން ހިމެނޭ ކަމަށާއި، 27 މީހުން ގެއްލިފައިވާ ކަމަށްވެސް ރަޝިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އަލިފާން ރޯވެފައިވަނީ ވިންޓަރ ޗެރީ ކޮމްޕްލެކްސްގެ އެންމެ މަތީ ފަންގިފިލާގައި ކަމަށާއި، ތާށިވެފައިވާ ގިނަ މީހުން ތިބީ އެ އިމާރާތުގައި ހިންގާ ސިނަމާ ހޯލްތަކުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިއިމާރާތުގައި ރޯވި އަލިފާންގަނޑު ނިންވާލުމުގައި 300 ފަޔަ ފައިޓަރުން ހަރަކާތްތެރިވަމުންދާއިރު އިމާރާތުގެ އެތެރޭގައި ތިބި ބައެއް މީހުން ވަނީ ސަލާމަތްވުމަށް އިމާރާތުގެ ކުޑަދޮރުތަކުން ބޭރަށް ފުއްމާލާފަ އެވެ. މީހުން ސަލާމަތްކުރުމަށް 660 އޮފިޝަލުން ހަރަކާތްތެރިވާއިރު މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.
ރަޝިއާގައި ހިނގި މި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބައެއް ގައުމުތަކުގެ އިސްވެރިން ވަނީ ރަޝިއާއަށް ހަމްދަރުދީގެ މެސެޖު ފޮނުއްވާ އަލިފާނުގެ ސަބަބުން މަރުވި މީހުންނާއި، ގެއްލުފައިވާ މީހުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެފަ އެވެ.
ރަޝިއާހެ ވެރިރަށް މޮސްކޯގެ އިރުން އޮންނަ ކެމެރޯވޯ އަކީ ރަޝިއާގައި އެންމެ ފުޅާދާއިރާއެއްގައި ބޯޓު ދެލި ނަގާ މައިންތައް ހުންނަ ސަރަހައްދެވެ.
ފިހާރަތަކާއި ސިނަމާތަކާއި ރެސްޓޯރެންޓަތަކާއި ޒޫއެއްވެސް ހުންނަ ޝޮޕިން މޯލްގައި އަލިފާން ރޯވީ ރަޝިއާ ގަނޑިން އާދިއްތަ ދުވަހު ހަވީރު 5:00 ޖެހާ އެހާއިރު އެވެ. މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ އިމާރާތުގެ ސިނަމާތަކުގައި ކަމަށް ބެލެވޭ ކަމަށް ރަޝިއާގެ އޮފިޝަލުން ވިދާޅުވެ އެވެ.
އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު އިމާރާތުގެ އެންމެ މަތީ ދެ ފަންގިފިލާ އިން މިހާރު ވަނީ މީހުން ހުސްކޮށްފަ އެވެ. އެހެންނަމަވެސް އަދިވެސް ތާށިވެފައިވާ މީހުންގެ ތެރޭގައި ދެ އަހަރާއި 13 އަހަރާއި ދެމެދުގެ ކުޑަކުދިން ހިމެނޭ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު