
ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނަން ބޭނުންވަނީ ފަހަތުން ހަދާ ގިނަ ގޯސްތައް ރަނގަޅުކޮށްގެން ކަމަށް ކްލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން ބަލިވި މެޗުގައި އީގަލްސްގެ ފަހަތަށް ކުޅޭ ކުޅުންތެރިން ވަނީ ގިނަ ގޯސްތަކެއް ހަދާފައެވެ.
މޯހަން ބުނީ އެންމެ ފަހު މެޗުގައި ދިޔައި ވަރަށް ދަށްކޮށް ކަމަށާއި، ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ފެނުނީ އާދައިގެ ކުޅުމެއް ކަމަށެވެ. އެޓީމުގެ އެޓޭކިންގެ ވަރުގަދަ ނަމަވެސް، މެޗުތަކުން މޮޅުވާނީ ރަނގަޅަށް ޑިފެންސްވެސް ކޮށްގެން ކަމަށާއި، އެހެންކަމުން މިހާރު މަސައްކަތް ކުރަނީ ޓީމުގެ ބެލެންސް ކުރަން ކަމަށް މޯހަން ބުންޏެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި މޯހަން އިތުރަށް ބުނީ އީގަލްސްއަށް މިހާތަނަށް ފަސޭހަ މެޗެއް ނުލިބޭ ކަމަށާއި، އެހެންކަމުން ޔޫވީ މެޗުވެސް ފަސޭހަކޮށްލެވެން ނޯންނާނެ ކަމަށެވެ. އެކަމަކު ޔޫވީ އަތުން ތިން ޕޮއިންޓު ހޯދަން ބޭނުން ކަމަށް އޭނާ ބުންޏެވެ.
ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، އީގަލްސްގެ ކުޅުންތެރިންނަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި، ބޭނުންވަނީ އެޓީމުގެ ކުޅުންތެރިންގެ ހަދާ ގޯސްތައް ރަނގަޅުކުރަން ކަމަށެވެ. ކުޅުންތެރިންގެ މަސައްކަތު ރޭޓް މިހާރު މާ ދަށް ކަމަށާއި މިކަން ރަނގަޅު ކުރުމަށް ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ލީގުގައި މިހާތަނަށް ކުޅުނު އެންމެ މެޗަކުން އީގަލްސް ބަލިވިއިރު، އެޓީމު އޮތީ ތާވަލުގެ ތިންވަނައިގައި 8 ޕޮއިންޓާއެކު އެވެ. އަދި ޔޫވީ އޮތީ ތާވަލުގެ ހަވަނައިގައި 6 ޕޮއިންޓާއެކު އެވެ.
މިދެޓީމް ބައްދަލުކުރާ މެޗް ފަށާނީ މާދަމާ ރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
ކިޔުންތެރިންގެ ހިޔާލު