
އޮފީސްތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، މަސައްކަތުގެ މާހައުލު ކިލަނބުކޮށް ހަދާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަންޖެހޭކަމުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ޢަބުދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ދަރުބާރުގޭގައި ފެށި "ސިވިލް ސަރވިސް ކޮންފަރެންސް 2018" ފެށުން ޝަރަފްވެރިކޮށް ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންނަކީ، އެ ވަގުތަކު އޮތް ސަރުކާރަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދޭން ތިބި ބައެއްކަމަށާއި، ތަފާތު ވިސްނުމުގެ މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބޭނެކަން ގަބޫލުކުރާހިނދު، ޤައުމަށްޓަކައި، ނޫނީ ރައްޔިތުންނަށްޓަކައި ދެވޭ ޚިދުމަތަކަށް އޭގެ އަސަރު ފޯރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަަށެވެ.
މީގެ އިތުރުން ސިވިލް ސާވިސްގެ ޚިދުމަތް ރަނގަޅު ކުރެވޭނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް އެކަށީގެންވާ ޤާބިލް މީހުން އައްޔަނު ކުރެވިގެން ކަމުގައި ނައިބުރައީސް ޖިހާދު ވިދާޅުވި އެވެ.
ސަރުކާރުގެ ވަޒީފާތައް ދިނުމުގައި ޕީޕީއެމުގެ މެމްބަރުންނަށް އިސްކަންދީ ފުރުޞަތުތައް ދޭކަމުގެ ޝަކުވާތައް ބޮޑުވެފައި ވާއިރު، މިއަދު ފެށި "ސިވިލް ސަރވިސް ކޮންފަރެންސް 2018" ފައްޓަވައި ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް އަބުދުﷲ ޖިހާދު ވިދާޅުވީ، ސިވިލް ސަރވިސްގެ ޚިދުމަތް ލިބިގަންނަ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އިވެމުންދާ ޝަކުވާ އަކީވެސް ޚިދުމަތުގެ ފެންވަރާއި ގުޅޭ ޝަކުވާތައް ކަމުގައެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ އެންމެ ބޮޑު އެއް އަސާސަކީ، ޚިދުމަތާ ގުޅޭ މީހުންގެ ފެންވަރު ރަނގަޅުކޮށްގެންކަން ފާހަގަކުރައްވައި، މަސައްކަތަށް އެކަށޭނަ، ހުނަރު ހުރި، އެންމެ ޤާބިލު ފަރާތައް ވަޒީފާ ހަމަޖެހިގެންދިއުން ނުވަތަ "ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް" ނިޒާމެއްގެ ދަށުން ވަޒީފާތަކަށް ބޭނުންވާ މީހުން ޢައްޔަން ކުރެވިގެން ދިއުމުމަކީ މުހިއްމު ކަމެއް ކަމުގައި ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.
އަދި ރާއްޖެފަދަ ކުދިކުދި ޖަޒީރާތަކަކުން އުފެދިފައިވާ ޤައުމެއްގައި، ރައްޔިތުން ބޭނުންވާ މިންވަރަށް، އަދި ފެންވަރަށް ޚިދުމަތް ދިނުމަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމެއްކަމަށާއި، ބަވަނަވަމުންމިދާ ދުނިޔޭގައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމަށް ސިވިލް ސަރވިސްއިން އަބަދުވެސް މަސައްކަތް ކުރަންޖެހޭކަން ނައިބުރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު