
ސޫރިޔާއަށް އަސްކަރީ ހަމަލާ ދިނުމަށް ކަނޑައެޅި މަގްސަދު ހާސިލްވެއްޖެ ކަމަށާއި، ސޫރިޔާއަށް ހަމަލާދިނުން ވަރަށް ފުރިހަމަ ކަމާއެކު ތަންފީޒު ކުރެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސޫރިޔާއަށް ދެވުނު އަސްކަރީ ހަމަލާއިން ވަރަށް ފުރިހަމަ ނަތިޖާއެއް ނެރެވިފައިވާ ކަމަށެވެ. އެހެންކަމުން، ހަމަލާ ދިނުމުގައި އެމެރިކާ ސިފައިންނާއެކު ބައިވެރިވި ފަރަންސޭސި އަދި އިނގިރޭސި ސިފައިންގެ ހިކުމަތަށާއި، ބާރުވެރިކަމަށް ޓްރަމްޕް ޝުކުރު އަދާކުރައްވާފައި ވެއެވެ.
ޓްރަމްޕްގެ ޓްވީޓްގެ ފަހުން، އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންގެ ތަރުޖަމާނު ޑާނާ ވައިޓް ވިދާޅުވެފައިވަނީ، އަސްކަރީ ހަމަލާ ދިނުމަށް ކަނޑައެޅި ހުރިހާ އަމާޒުތަކަށްވެސް ކާމިޔާބު ކަމާއެކު ހަމަލާތައް ދެވުނު ކަމަށެވެ.
އެމެރިކާ، ފަރަންސޭވިލާތް އަދި އިނގިރޭސިވިލާތުގެ ސިފައިން ގުޅިގެން، ސޫރިޔާގެ ގަޑިން ފަތިހު އަދި ރާއްޖޭ ގަޑިން މިއަދު ހެނދުނު ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވަނީ ސޫރިޔާއިން ކެމިކަލް ހަތިޔާރު ތަރައްގީކުރަން ބޭނުންކުރަމުންދާ ސަރަހައްދަކަށް ކަމަށް ވެއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް އޮފިޝަލެއް ކަމަށްވާ ލެފްޓިނަންޓް ޖެނެރަލް ކެނެތު މެކްކެންޒީ ވިދާޅުވީ، މިއަދުގެ ހަމަލާ މައިގަނޑުގޮތެއްގައި އަމާޒުކުރެވުނީ ކެމިކަލް ހަތިޔާރު ތަރައްގީކުރަން ސޫރިޔާއިން ބޭނުންކުރާ ސައިޓްތަކަށް ވީހާވެސް ބޮޑު ގެއްލުންތަކެއް ދިނުމަށް ކަމަށާއި، މިއަދުގެ ހަމަލާތަކުގެ ސަބަބުން ކެމިކަލް ހަތިޔާރު ޕްރޮގްރާމް ތަރައްގީ ކުރުމަށް ސޫރިޔާއަށް ލިބިފައިވާ ގާބިލްކަން އެތައް އަހަރަކަށް "ފަހަތަށް" ދާނެ ކަމަށެވެ.

ސޫރިޔާ ގަޑިން މިއަދުގެ ފަތިހާ ދިން މިސައިލް ހަމަލާތަކުގައި 45 ވަރަކަށް މިނެޓްވަންދެން އެއްޗެހިތައް ގޮވާ އަޑުފަށްގަނޑާއި، ހަނގުރާމަމަތީ މަތިންދާ ބޯޓްތައް އުދުހެމުންދިޔަ އަޑުތައް މުޅި ދިމިޝްގަށް އިވެމުންދިޔައެވެ.
ދިމިޝްގުގެ އުތުރާއި، އިރުމަތީގެ ސަރަހައްދުތަކުން ދުން އަރަމުންދިޔަ މަންޒަރު ފެނިފައިވާ ކަމަށް ނޫސްވެރިން ބުނެފައި ވެއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެމެރިކާ، ފަރަންސޭސި އަދި އިނގިރޭސި ސިފައިން މިއަދު ހަމަލާ ދީފައިވަނީ ދިމިޝްގު ކައިރީގައިވާ ސައިންޓިފިކް ރިސާޗް ސެންޓަރެއްގެ އިތުރުން، ހޮމްސް ސިޓީގެ ހުޅަނގުގައި ހުރި ކެމިކަލް ހަތިޔާރު ގުދަނަކަށާއި، ހޮމްސްގެ އެހެން ހިސާބެއްގައި ހުރި ކޮމާންޑް ޕޯސްޓާއި، ކެމިކަލް ހަތިޔާރު ގުދަނަކަށް ކަމަށެވެ.
ހަމަލާގެ ފަހުން އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މެޓިސް ވިދާޅުވެފައިވަނީ، ސޫރިޔާއަށް ދިނުމަށް ކަނޑައެޅި ހަމަލާތައް ދެވިއްޖެ ކަމަށާއި، އިތުރު ހަމަލާތަކެއް ދިނުމަށް މިވަގުތަށް ރޭވިފައި ނެތް ކަމަށެވެ.
މިއީ، ސޫރިޔާގައި ވެރިކަންކުރާ ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ބޭރުގެ ބާރުތަކުން މިހާތަނަށް ދިން އެންމެ ވަރުގަދަ ވައިގެ ހަމަލާތައް ކަމަށް މީޑިއާއިން ބުނެއެވެ.
ސޫރިޔާއަށް ދިން ހަމަލާގައި ތިންމީހަކު ޒަޚަމްވެފައިވާ ކަމަށް ސޫރިޔާ ސަރުކާރު މީޑިއާއިން ބުނެފައި ވާއިރު، ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، މިހަމަލާގެ ސަބަބުން އާންމުންގެ މީހަކަށްވެސް އަދި ސޫރިޔާ ސިފައިންގެ މީހަކަށްވެސް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ސޫރިޔާއަށް ދިން އަސްކަރީ ހަމަލާތައް ރަޝިޔާއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފައި ވާއިރު، ރަޝިޔާގެ އެދުމަށް މިމައްސަލާގައި އދގެ ސަލާމަތީ މަޖިލީސް މިހާރު އޮތީ ކުއްލި ބައްދަލުވުމަކަށް ތައްޔާރުވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، ސޫރިޔާއަށް އަސްކަރީ ހަމަލާދޭން ނިންމީ، މިމަހުގެ 7 ވަނަ ދުވަހު ސޫރިޔާ ސިފައިން ސޫރިޔާގެ ދޫމާއަށްދިން ކެމިކަލް ހަތިޔާރުގެ ހަމަލާގެ ރައްދުގައި ކަމަށެވެ.
އެކަމަކު، ސުރިޔާގެ ރައީސް ބައްޝާރުލް އަސަދާއި، އަދި އަސަދަށް މަދަދޭ ރަޝިޔާއިންވެސް ގެންދިޔައީ އެފަދަ ހަމަލާއެއް ނުދޭ ކަމަށް ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު