
އެމެރިކާގެ މަޝްހޫރު ދެ ނަން ކަމަށްވާ އެމޭޒަން އަދި ވޮލްމާޓްއަކީ ވަރަށް ބޮޑު ދެ ވާދަވެރިންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިޔަފާރި ފުޅާކުރަން މި ދެކުންފުނިން ކުރަމުންދާ ހަނގުރާމަ މިހާރު މިވަނީ އިންޑިއާ އާއި ހަމައަށް އައިސްފަ އެވެ. އިންޑިއާގެ އޮންލައިން ރީޓެއިލް ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ފްލިޕްކާޓްގެ ހިއްސާ ގަތުމަށް މި ދެ ކުންފުނިވެސް ތިބީ ފެންބޮވައިގެންފަ އެވެ.
ފްލިޕްކާޓްގެ ހިއްސާ ގަތުމަށް އެމޭޒަން އަދި ވޮލްމާޓުންވެސް ހުށަހެޅުންތައް ހުށަހަޅާފައިވާއިރު، މިކަމުގައި ވޮލްމާޓުން ކާމިޔާބީ ހޯދަމުން އަންނަ ކަމަށް ގަބޫލުކުރެވެ އެވެ.
ވޮލްމާޓުން ފްލިޕްކާޓްގެ ހިއްސާ ގަތުމަށް މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިކަން ހަގީގަތަކަށް ވާން އުޅޭކަމުގެ ހަބަރު ރޮއިޓާސްއިން ހާމަކުރީ ދާދިފަހުންނެވެ.
ފްލިޕްކާޓްގެ ބޮޑު ބައެއް ގަތުމަށް ވޮލްމާޓުން މިހާރު އޮތީ ތައްޔާރަށް ކަމަށާއި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މިކަމަށް ގޮތެއް ނިމޭނެ ކަމަށް ރޮއިޓާސްއިން ބުނެ އެވެ. ފްލިޕްކާޓް އަދި ވޮލްމާޓުން ވަނީ މިކަމާއި މެދު އަދި ވަކި އެއްޗެއް ހާމަކުރަން ބޭނުން ނޫން ކަމަށް ބުނެފަ އެެވެ. މިވިޔަފާރީގައި އެމޭޒަންއަށް ވެސް އަދިވެސް ފުރުސަތު އެބައޮތެވެ.
އެމޭޒަންއިން އިންޑިއާގެ ބާޒާރުގައި އެތަކެއް ބިލިއަން އެމެރިކާ ޑޮލަރެއް އިންވެސްޓްކޮށްފައިވާއިރު، ވޮލްމާޓަށްވުރެ ބޮޑު އަގެއް ހުށަހަޅައިގެން ފްލިޕްކާޓްގެ ހިއްސާ ގަތުމުގެ ފުރުސަތު އެމެމޭޒަންއަށް އެބައޮތެވެ. ވޮލްމާޓާއިއެކު ދައްކަމުންދާ ވާހަކަތައް މެދުކަނޑާލުމަށް އެދި އެމޭޒަންއިން ފްލިޕްކާޓްއަށް ދެ ބިލިޔަން އެމެރިކާ ޑޮލަރު ހުށަހަޅާފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެމޭޒަން އަދި ވޮލްމާޓުންވެސް ގަބޫލުކުރާ ގޮތުގައި ފްލިޕްކާޓްއަކީ 20 ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެކެވެ.
އިންޑިއާގައި ސްމާޓްފޯންތަކާއި އިންޓަނެޓުގެ ހިދުމަތް އާންމުވުމާއި ގުޅިގެން، އެ ގައުމުގެ އީ-ކޮމާސް ވިޔަފާރި ބާޒާރުގެ އަގު 2026 ވަނަ އަހަރުގެ ކުރިން 200 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް މި ދާއިރާގެ މާހިރުން ގަބޫލުކުރެއެވެ.
އިންޑިއާގައި ވިޔަފާރި ފުޅާކުރުމަށް އެމޭޒަންއިން މިހާރުވެސް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމޭޒަންގެ "އެމޭޒަން ޕްރައިމް ވީޑިއޯ" އަދި މިޔުޒިކް ހިދުމަތަކީ މިހާރުވެސް އިންޑިއާގައި ބޮޑު ތަރުހީބެއް ހޯދަމުން އަންނަ ހިދުމަތެކެވެ.
ކިޔުންތެރިންގެ ހިޔާލު