
ސްރީލަންކާގެ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ޕާޓީގެ އިސް މެމްބަރަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ހައްޔަރުކުރި މެމްބަރަކީ، ސްރީލަންކާ ފްރީޑަމް ޕާޓީގެ އިސް މެމްބަރެއް ކަމަށްވާ ކުރީގެ ސްޕޯޓްސް މިނިސްޓަރ މަހިންދަނަންދާ އަލުތުގަމަގެއެވެ.
މަހިންދަނަންދާ އަލުތުގަމަގެ ހައްޔަރު ކޮށްފައިވަނީ، އޭނާ ސްޕޯޓްސް މިނިސްޓަރަކަށް ހުންނެވިއިރު، ދައުލަތުގެ ފައިސާއިން 39 މިލިއަން ރުޕީސް ނަހަމަގޮތުގައި ބޭނުންކުރެއްވި މައްސަލައެއްގައި ކަމަށް މީޑިއާއިން ބުނެއެވެ.
މަހިންދަނަންދާ އަލުތުގަމަގެއަކީ، ރައީސް މައިތުރިޕާލަ ސިރިސޭނާ ލީޑަރުކަން ކުރައްވާ ސްރީލަންކާ ފްރީޑަމް ޕާޓީގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ވަފާތެރި ފެކްޝަންގެ މެމްބަރެކެވެ.
އޭނާ ސްޕޯޓްސް މިނިސްޓަރަކަށް ހުންނެވިއިރު، ދައުލަތުގެ ފައިސާއިން 39 މިލިއަން ރުޕީސް ޚަރަދުކޮށް ގަނެފައިވަނީ ކުޅިވަރުގެ ސާމާނު ކަމަށާއި، އެތަކެތި އެކިއެކި ފަރާތްތަކަށް ދީފައިވަނީ ކައުންސިލް އިންތިޚާބަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ތާއީދު ހޯދައިދިނުމަށް ކަމަށް ވެއެވެ.
ދައުލަތުގެ ފައިސާއިން ގަނެ އާންމު ފަރާތްތަކަށް ބަހާފައިވާ ސާމާނުގެ ތެރޭގައި 14،000 ކެރަމް ބޯޑުވެސް ހިމެނެއެވެ.
މަހިންދަނަންދާ އަލުތުގަމަގެއަކީ، ސްރީލަންކާ ފްރީޑަމް ޕާޓީގެ ތެރޭގައި އޮންނަ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ތާއީދުކުރާ ފެކްޝަންގެ އިސް ބޭފުޅެކެވެ. އެ ފެކްޝަނުން ޕާޓީ ތެރޭގައި ރައީސް ސިރިސޭނާއާ ފާޅުގައި ދެކޮޅެވެ.
ސްރީލަންކާ ފްރީޑަމް ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރުންގެ ތެރެއިން އަޣުލަބިއްޔަތު އޮތީވެސް ކުރީގެ ރައީސަށެވެ.
ވެރިކަންކުރާ ކޯލިޝަންގެ ތެރޭގައި މައްސަލަތައް ޖެހި، ރައީސް ސިރިސޭނާ ޕާލަމެންޓް ސަސްޕެންޑް ކުރައްވާފައި ވާއިރު، އެސްއެލްއެފްޕީގެ އިސް މެމްބަރަކު ފުލުހުން ހައްޔަރު ކުރުމަކީ، ރާޖަޕަކްސައަށް ތާއީދުކުރާ އެހެން މެމްބަރުން ސީރިއަސްކޮށް ވިސްނާނެ މައްސަލައެއް ކަމަށް ވެއެވެ.
ސްރީލަންކާ ފްރީޑަމް ޕާޓީ ތެރޭގައި އޮން ދެ ފެކްޝަންގެ ދެމެދުގައި ދެކޮޅުވެރިކަން އޮތްނަމަވެސް، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓް ފާސްކުރަން މިމަހުގެ ކުރީކޮޅު އެއްގަލަކަށް އަރައި މަސައްކަތް ކޮށްފައި ވެއެވެ.
ނަމަވެސް، ބޮޑުވަޒީރުގެ އިތުބާރުނެތް ކަމަށް ފާސްނުވުމާއެކު، ޕާޓީ ތެރޭގައިވެސް ސީރިއަސް އިތުރު މައްސަލަތަކެއް އުފެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބޮޑުވަޒީރުގެ މައްޗަށް ނެގި އިތުބާރުނެތް ކަމުގެ ވޯޓާއި ގުޅިގެން، ވެރިކަންކުރާ ކޯލިޝަން ސަރުކާރުގައި ހިމެނޭ ސްރީލަންކާ ފްރީޑަމް ޕާޓީއަށް ނިސްބަތްވެވަޑައި ގަންނަވާ ހަ ވަޒީރަކާއި، އިތުރު އިސް 10 ވެރިޔަކު މިހާތަނަށް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ސަރުކާރުން އިސްތިއުފާ ދެއްވި ހުރިހާ ބޭފުޅުންވެސް ސްރީލަންކާ ފްރީޑަމް ޕާޓީގެ މަހިންދަ ރާޖަޕަކްސަ ފެކްޝަނާ ގުޅިވަޑައިގަންނަވާނެކަން ހާމަވެފައި ވެއެވެ.
އަމިއްލަފުޅު ޕާޓީ ތެރެއިން ރައީސް ސިރިސޭނާއަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެވަޑައި ގަންނަވަމުން ދާއިރު، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ރައީސްގެ ގުޅުންވެސް އިތުރަށް ދަނީ ގޯސްވަމުންނެވެ.
ސަރުކާރުގެ ބޮޑެތި އެތައް ބާރުތަކެއް ރައީސް ސިރިސޭނާ، ބޮޑުވަޒީރުގެ ކިބައިން ނިގުޅައިގެންފައި ވާއިރު، ލަންޑަންގައި މިއަދު ފަށާ ކޮމަންވެލްތު އިސްވެރިންގެ ސަމިޓުން އެނބުރި ވަޑައިގެން ސަރުކާރުގެ ކެބިނެޓް ރައީސް ސިރިސޭނާ އަލުން އެކުވަލާލައްވާނެ ކަމަށް ޚަބަރުލިބެއެވެ.
ކިޔުންތެރިންގެ ހިޔާލު