
ރަޝިއާގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ފަށާ ފީފާ ވޯލްޑް ކަޕް 2018 އަށް "މިހާރު" ނޫހުން ތައްޔާރުކުރި ވޯލްޑް ކަޕް ގައިޑް މިރޭ ނެރެފިއެވެ.
މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ވީޓީވީގެ ނިއުސް ހެޑް އިމާދު ލަތީފާއި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ ދިވެހި އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދާއި "މިހާރު" އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލްކުރި ހީނާ އަހުމަދު ސަލީމެވެ.
ވޯލްޑް ކަޕާއި ގާތްކޮށް "މިހާރު" ނޫހުން މި ފޮތް ނެރުނުއިރު، މި ފޮތް އާންމުންނަށް ހިލޭ ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށް އެނޫހުން މައުލޫމާތުދެއެވެ. މި ފޮތާއެކު "މިހާރު" ނޫހުން ތައްޔާރުކޮށްފައިވާ ވޯލްޑް ކަޕްގެ ސްކޯ ޗާޓު މާދަމާއިން ފެށިގެން ބުކްޝޮޕްތަކުން ލިބެން ހުންނާނެއެވެ.
މި ފޮތުގައި ވޯލްޑް ކަޕްގައި ވާދަކުރާ ހުރިހާ ޓީމެއްގެ ތަފްސީލާއި މި ފަހަރުގެ މުބާރާތުން ފާހަގަކޮށްލެވޭނެ ތަރިންނާއި އަލަށް ވިދާލާނެ ކުޅުންތެރިންނާ ބެހޭ ޕްރޮފައިލްތައް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ވޯލްޑް ކަޕްގައި ބޭނުންކުރާ ސްޓޭޑިއަމްތަކާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާގެ ތައްޔާރީތަކާއި ޓީމުތަކުގެ ޖާޒީތަކުގެ މައުލޫމާތުގެ އިތުރުން ވޯލްޑް ކަޕް ޓްރޮފީއާ ގުޅޭ މައުލޫމާތުތައް ވަނީ ހިމަނާފައެވެ.
މިއަހަރު މުޅިން އަލަށް ވޯލްޑް ކަޕްގެ ރައިޓްސް ރާއްޖޭގެ ޕީއެސްއެމްއިން ގަތުމުން، "މިހާރު" ނޫހުން ނެރުނު ފޮތުގައި ވޯލްޑް ކަޕްގެ ޓްރޭޑްމާކް ލޯގޯ ބޭނުންކޮށްފައެއް ނުވެއެވެ. މިހާރުން ބުނީ ފޮތުގައި ހިމަނާފައިވާނީ އޭއެފްޕީން ފޯރުކޮށްދިން ފޮޓޯތައް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު