ދެ ޖިންސްގެ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޖެންޑާ އިކުއަލިޓީ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި މި ބިލްގެ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ ބިލަށް ތާއީދުކޮށް ވާހަކަދައްކަވާފަ އެވެ.

މެންބަރުން ވިދާޅުވީ ޖިންސްގެ ހަމަހަމަކަން ގާއިމުކުރުމަށް ބިލެއް ހުށަހެޅި ނަމަވެސް ރާއްޖޭގައި ޖިންސުގެ ތަފާތު ކުރުން އަދިވެސް އެބައޮތް ކަމަށެވެ. ނަމަވެސް މި ބިލްގެ ސަބަބުން އެފަދަ މައްސަލަތަކަށް ގާނޫނީ ހައްލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މެންބަރުން ވިދާޅުވި އެވެ.

މި ބިލަކީ ވަކި ޖިންސަކަށް ބަލައި ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިދޭ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ އަންހެނުންނާއި މެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލުމާާއި ބެހޭ ބައިނަލްއަގްވާމީ ދެ މުއާހަދާއަކަށް ރިއާޔަތްކޮށް ހުށަހަޅާފައިވާ ބިލެއް ކަމަށް ބިލްގައި ބުނެފައިވެ އެވެ.

އެގޮތުން އަންހެނުންނާ ފިރިހެނުން ތަފާތުކުރުމަށް ބާރުއަޅާ ވިސްނުންތަކާއި ފިކުރުތަކާއި އުސޫލުތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް މަގުފަހި ކުރުމާއި، އިޤްތިސޯދީ އިޖުތިމާއީ ސަގާފީ އަދި މަދަނީ ގޮތުން ފިރިހެނުންނާއި އެއް ހަމައެއްގައި އަންހެނުންނަށްވެސް ފުރުސަތު ލިބިގެންވާކަން ކަށަވަރު ކުރުން ބިލްގެ މަގުސަދުގެ ތެރޭގައި ހިމެނެ އެވެ.

މި ބިލުން އަންހެނުންނާއި ފިރިހެނުންވެސް ބާރުވެރި ކުރެވޭނެ ފަދަ މާހައުލެއް ގާއިމްކޮށް، ދެ ޖިންސުގެ މީހުންނަށްވެސް ހަމަހަމަ ފުރުސަތެއް ފަހިވެގެންދާނެ ކަމަށްވެސް ބިލްގައި ބުނެފައިވެ އެވެ.