ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމާއި ގުޅިގެން އުފެދިފައިވާ މައްސަލަތަކަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނިހާން ވިދާޅުވީ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި މައްސަލަތައް ކުރިމަތިވެވަޑައިގެންފައިވާ ލީޑަރުން ހާއްސަކޮށް ގައުމުގެ ރައީސްކަން ކުރައްވައިފައިވާ ބޭފުޅުން ތިއްބެވި ނަމަ އެކަމަކަށް އެންމެ ރަނގަޅު ހައްލެއް ހޯދޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިން މަޝްވަރާކޮށްގެން ކަމަށެވެ. އަދި އެކަން ކުރެވޭނެ ގޮތް ގާނޫނު އަސާސީގެ ތެރެއިން ހޯދެން އެބައޮތް ކަމަށާއި އެމްޑީޕީން އެގޮތަށް މަސައްކަތް ކުރުމަށްވެސް ނިހާން އެދިވަޑައިގެންނެވި އެވެ.

ނިހާން ވިދާޅުވީ ފާއިތުވި އަހަރު ދޮޅުއަހަރެއްހާ ދުަވަހު އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތްތަކަކީ ހަމަ އެންމެ މީހެއްގެ ވަށައިގެން އެނބުރުން ކަަމަށާއި އެގޮތަށް އެކަންކޮށްގެން އެއްވެސް މައްސަލައެއް ހައްލު ނުކުރެވޭނެ ކަމަށެވެ.

ނިހާން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަކީ އިންސާފުވެރި ޖަމާއަތެއް ނޫންކަމަށް ލަންޑަނުގެ މޭޔަރުވެސް ކަނޑައަޅުއްވައި އީޔޫއިން އިނގިރޭސިވިލާތް ވަކިވުމަށް ތާއީދު ކުރައްވައިފައިވާއިރު އެފަދަ ޖަމާއަތަކާއި ގުޅިގެން ކަންކަން ކުރަން އުޅުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ތެރެއިން ކަންކަން ހައްލުކުރަން މަސައްކަތްކުރުން މާރަނގަޅުވާނެ ކަމަށެވެ.

އެމްޑީޕީއަކީ މަޖިލީހުގައި މިއަދު މައިނޯޜިޓީ ޕާޓީއަށްވާއިރު އެމްޑީޕީ ފުނޑައި ސުންނާފަތި ކޮށްގެން ވެރިކަމުގައި ތިބުމަކީ އެންމެ ފުރިހަމައަށް ވެރިކަން ކުރުން ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ނިހާނު ވިދާޅުވި އެވެ.