ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިލާ ގުރޫޕުން ވަކިވެވަޑައިގަތުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ވެރިންގެ ނުފޫޒެއް ނެތް ކަމަށް ވިލާގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިލާއިން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ މީރާގެ އިސްވެރިޔާގެ ފަރާތުން ފިއްތުންތަކެއް ވިލާއަށް އައިސްގެން ކަމަށް ދޭހަވާ ގޮތަށް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ނިޔާޒު ދެއްކެވި ވާހަކަތަކާ ގުޅިގެން ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ ނިޔާޒު ވިލާ ކުންފުނީގައި ވަޒީފާ އަދާކުރައްވަމުން ގެންދެވި ދުވަސްވަރަކީ ސަރުކާރުގެ ފިއްތުންތައް ވަރަށް ބޮޑަށް ވިލާއަށް ކުރިމަތިވި ދުވަސްވަރެއް ކަމަށެވެ. އެގޮތުން ވިލާއަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުންތައް ބާތިލްކޮށް އެ ތަންތަން އަނބުރާ ދައުލަތަށް ނެގީ އެދުވަސްވަރު ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ނިޔާޒު ވިލާގައި ވަޒީފާ އަދާކުރައްވާތީ އެކަމުގެ ސަބަބުން ވެސް އިތުރު ފިއްތުންތަކަކާ ވިލާއަށް ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ފަރާތްޕުޅުން ވަރަށް ބޮޑެތި ފިއްތުންތަކާ ކުރިމަތިވިކަން ފާހަގަކުރެއްވިއެވެ.

"ހަނދުމަފުޅު ހުންނާނެ ހުރިހާ ރައްޔިތުންވެސް އެމްޕީއެލްގެ ބޮޑު އޮޑިޓް ރިޕޯޓެއްގެ ވާހަކަ. ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލްއިން 77 މިލިއަން ރުފިޔާގެ ލޯނެއް އެމްއެމްޕީއާރުސީއަށް ނެގި މައްސަލަ. އެއީ ނިޔާޒު ނެރުއްވި ރިޕޯޓެއް. އެކަމާ ސީދާ އަދީބު އަޅުގަނޑަށް ގުޅުއްވާފައި ނުރުހުން ފާޅުކުރެއްވި. ކީއްވެތޯ ނިޔާޒަށް ވަޒީފާ ދިނީ އައްސަވާ ހެއްދެވި. އަދި އަޅުގަނޑުމެންގެ ހަގީގަތްތަކެއް ހުރިތޯ ބަލަމުންދާ ކަމުގެ އިންޒާރުވެސް ދެއްވި. އޭގެ ފަހުން ވިލާގެ ކޮންޓްރެކްޓްތައް ބާތިލްކުރީ" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ އޭރު އަދީބު ހުންނެވީ ނާއިބުރައީސް ކަމުގައި ނޫން ކަމުގައި ވިޔަސް އެއީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު ކަމަށެވެ. އެހެންކަމުން އެ ނުފޫޒަކީ ސަރުކާރު ތެރެއިން އައި އެއްޗެއް ނޫން ކަމަށް ވިދާޅުނުވެވޭނެ ކަމަށެވެ.

"ޓުއަރިޒަމް މިނިސްޓަރު ކަމުގައި އަދީބު ހުންނެވީ. އެކަމަކު އެންމެ ބަސްވިކޭ، ނުފޫޒު ގަދަ މިނިސްޓަރުގެ ގޮތުގައި ހުންނެވީ. އަދީބުގެ ޕްރެޝަރު ކުރިމަތިވި. އެއީ ސަރުކާރުގެ އެތެރެއިން ކަމަށް ނުވެއެއް ނުދާނެ. އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެސް އަޅުގަނޑުމެންނަށް ލިބުނު" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެގޮތަށް ކަންތައް ދިމާވުމުން ނިޔާޒު އަރިހު އެވާހަކަ ވިދާޅުވި ކަމަށެވެ. އަދި އޭރު މަސައްކަތް ކުރަމުންދިޔައީ ވިލާ ގުރޫޕްގައި އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓެއް އުފެއްދުމަށް ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މާލީ ހާލަތު ހުރި ގޮތުންނާއި ސަރުކާރުގެ ފިއްތުންތައް އޮތުމުން އެކަން މަޑުޖައްސާލުމަށް ނިންމީ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ނިޔާޒު ވިލާއިން ވަކިވެވަޑައިގަތުމަށް ޖެހިވަޑައިގަތީ އެ ސަބަބުތަކާ ގުޅިގެން ކަމަށެވެ.

ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވީ ވިލާއިން ވަކިވެވަޑައިގަތުމަށް މީރާގެ އިސްވެރިޔާގެ ފިއްތުންތައް ވެސް އައި ކަމަށް މައުލޫމާތު ލިބިވަޑައިގަތް ކަމަށެވެ. އެއީ ކިހާވަރެއްގެ ހަގީގަތެއްކަން އެނގިވަޑައިނުގެންނެވި ނަމަވެސް މުއުތަބަރު ދެތިން ފަރާތަކުން އެ މައުލޫމާތު ލިބިވަޑައިގަތް ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހީމް ވެސް އޭނައާ ބައްދަލުކުރައްވައި ފިއްތުންތައް ހުރިކަމުގެ ވާހަކަ ވިދާޅުވި ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އަދީބުގެ ފިއްތުންތައް ކުރިމަތިވި ނަމަވެސް މީރާގެ އިސްވެރިޔާ ނުވަތަ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ އެއްވެސް ނުފޫޒެއް ނާންނަ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެފަދަ ވާހަކައެއް ނިޔާޒު އަރިހު ވިދާޅުނުވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"މީރާގެ ކޮމިޝަނާ އޮފް ޓެކްސޭޝަން ޔަޒީދަކާ އަޅުގަނޑަކާ އެކަހަލަ އެއްވެސް ވާހަކައެއް ނުދެކެވޭ. ނިޔާޒު ހަނދުމަފުޅު ނެތުނީ ކަމަށް ގަބޫލުކުރެވެނީ. އަޅުގަނޑު ހަމަގައިމުވެސް ނިޔާޒަށް އެހެނެއް ނުދަންނަވަން. އެކަމަކު އަޅުގަނޑު ދެންނެވިން އަދީބުގެ ޕްރެޝަރު އެބަހުއްޓޭ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވިލާގެ އެއްބަސްވުންތައް ބާތިލްކުރުމުން ވަރަށް ބޮޑެތި ގެއްލުމާއި ނިކަމެތިކަން ލިބުނު ކަމަށެވެ. އަދިވެސް އެކަމުން އަރައިނުގަނެވިގެން އުޅޭއިރު އެ މައްސަލަތައް މިހާރު އޮތީ ކޯޓުގައިކަން ވެސް ފާހަގަކުރެއްވިއެވެ.

ވިލާއަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ބާތިލްކުރި މައްސަލައިގައި މިހާތަނަށް ދަށު ކޯޓުން ނިންމި ހުރިހާ މައްސަލައެއް ވެސް ނިންމާފައިވަނީ ވިލާއާ އެއްކޮޅަށެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް މިހާރު ވަނީ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައެވެ.

ވިލާއަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން ދައްކަންޖެހޭ ކުއްޔާ ޖޫރިމަނާ ނުދައްކާ ކަމަށް ބުނެ މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ވިލާގެ އެކައުންޓްތައް ވެސް ފްރީޒްކޮށްފައެވެ. ނަމަވެސް ސަރުކާރުން ބުނާ ފައިސާއަކީ ވިލާއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނޫން ކަމަށާއި އަދި ވިލާއިން ދައުލަތަށް ދައްކަންޖެހޭ ލޯލާރިއެއްވެސް ނޯންނާނެ ކަމުގައި ގާސިމް އިބްރާހިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެންމެ ފަހުން ވިލާއިން ފައިސާ ދައްކަން އެއްބަސްވުމުން ނޫނީ އެކައުންޓްތައް ދޫނުކުރާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންގުމުން ވިލާއިން މިހާރު ދަނީ މީރާއިން ބުނާ ފައިސާ ބަހާލައިގެން ދައުލަތަށް ދައްކަމުންނެވެ.