(21 ފެބްރުއަރީ 2016 އާ ގުޅޭ)

"އެބުނީނު ދެމައިންގެ ހާލު ވެސް ރަނގަޅޭ... ދެން ގިނައިރެއްނުވެ އަހަރުމެންނަށް އެ ދެމައިން ވެސް ފެނިދާނެ" އުފާވެރިކަމުގެ ކަރުނަ ނިރާލުމުން ސިއްރުން ލޯ ފުހެލާފައި ރޭޝްމާއަށް ހިތްވަރު ދިނުމުގެ ގޮތުން ތަހުސީނު ބުނެލިއެވެ.

ރޭޝްމާ ބޯޖަހާލަމުން ތަހުސީނާ އެއްބަސްވިއެވެ. އަދި ދެ ލޯ ފުހެލުމާއެކު ތަހުސީނާއެކު އެއްފަރާތުގައި މަޑުކޮށްލީ ކުޑަދަރިފުޅު ނެރޭނޭ އިރެއްގެ އިންތިޒާރުގައެވެ. ލިބުނު އުފަލުން ހުރިހާ ކަމެއް ހަނދާންނެތިފައި ހުއްޓާ ޒޫރިންގެ ދަރިފުޅުގެ ބައްޕައާ ބެހޭ މަޢުލޫމާތު ފުރުމަށްޓަކައި ނަރުސްކުއްޖަކު ނުކުމެ ސުވާލުކޮށްލިއެވެ. އެއާއެކު ހަތަރު އުދަރެސް ފެނުޖެހުނު ފަދަ އިހުސާސެއް ރޭޝްމާއަށް ކުރެވިގެން ދިޔައެވެ. ބަރުބާދުވެފައިވާ ދަރިފުޅުގެ ދިރިއުޅުން އާބާދުވުމުގެ ކުޑަކުޑަ އުންމީދު ވެސް ކަނިވެގެން ދިޔައެވެ. ނަމަވެސް ރޭޝްމާ އާއި ޒޫރިންއަށްޓަކައި ތަހުސީނު އޭނާގެ މޭ ނެރުނީ އެ ދަމައިންގެ ހިމާޔަތުގެ އައްޑަނައެއްގެ ގޮތުންނެވެ. އޭނާގެ ވަށައިގެން ކެތްތެރިކަމުގެ ޙިޞާރެއް ކުރިއެވެ. ނުގުޑާނޭ ފަދަ ޢަޒުމެއް ކަނޑައެޅިއެވެ. ރޭޝްމާގެ އަތަށް ބާރުކޮށްލުމަށްފަހު އެ އަތުން ދޫކޮށްލާ ތަހުސީނު ކުރިއަށް ނުކުތެވެ. ނަރުސްކުއްޖާއަށް މަޢުލޫމާތު ދިނުމުން އޭނާގެ މޫނުމަތިން ފެނިގެން ދިޔަ ކުލަވަރާއި ބަލާލި ބަލާލުމުގައި ހުރި ނޭއްދާރުކަން ވަރަށް ރަނގަޅަށް ތަހުސީނަށް ފާހަގަކުރެވުނެވެ. ސުވާލެއް ނުކުރި ނަމަވެސް އެ ނަރުސްކުއްޖާގެ ހިތުގައި ޒޫރިންއާ މެދު ވާނީ ކީކޭކަން ތަހުސީނަށް އެނގޭ ކަހަލައެވެ. އެނބުރި ރޭޝްމާއަށް ބަލާލުމާއެކު ހިކިފައިވާ ދެ ތުންފަތް ތެތްމާލާފައި ފުންނޭވާއެއް ތަހުސީނު ލިއެވެ. ރޭޝްމާގެ ގާތަށް އައުމުގެ ކުރިން އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ.

"ދެން ކިހިނެއްވާނީ..." ތަހުސީނު އައިސް ރޭޝްމާގެ ގާތުގައި މަޑުކޮށްލުމާއެކު އޭނާ އަހާލިއެވެ. ވަށައިގެން އުޅޭ މީހުންތަކަށް ނީވޭނޭ ހެން ސިއްރުންނެވެ.

"މިކޮޅުން އެކަން ރިޕޯޓުކުރާނެ... މައްސަލަ ބަލާނެ..." ދަތި އުނދަގުލުން ތަހުސީނަށް ބުނެލެވުނެވެ. އެހިނދު ރޭޝްމާގެ މޫނުމަތި ކަފަކޮޅެއްހާ ހުދުވެގެން ދިޔައެވެ. އިންތިހާ ދަރަޖައިގެ މާޔޫސްކަމާއެކު ރޭޝްމާ އިސްޖަހާލުމުން އޭނާގެ ކޮނޑުގައި ތަހުސީނު އަތްޖައްސާލީ ހިތްވަރު ކުރާށޭ ބުނާ ފަދައިންނެވެ.

"ރޭޝް، ނާޒިލަށް އަންގަންވާނެއެއްނު... އޭނާއަށް ގުޅާލަންވީނު. އަހަރެން އެބަ އަންނަން ބޭބީ ނެރެންވާއިރަށް ވުޟޫކޮށްލައިގެން. ބައްޕަނެތް ކުއްޖަކަށްވިޔަސް ދަރިއަކު އުފަންވުމުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން އަހަރުމެންގެ މައްޗަށް ލާޒިމުވާނެ..." ތަހުސީނުގެ ވާހަކަތަކުން ރޭޝްމާއަށް ސާބިތުކަން ލިބިގެން ދިޔައެވެ. އަވަސް އަވަހަށް ބޯޖަހާލާފައި އަތުގައި އޮތް އަތްދަބަހުން ފޯނު ނަގާ ނާޒިލަށް ގުޅިއެވެ.

ފަޅާ ކޮޓަރީގެ ބޭރުގައި ރޭޝްމާ އާއި ތަހުސީނުގެ އިތުރުން ނާޒިލު ހުއްޓެވެ. ތިން މީހުން ވެސް ތިބީ ކެތްތެރިކަން ކުޑަވެފައި ތިބިހެންނެވެ. ގިނަ އިރުތަކެއްނުވެ ޒޫރިންގެ ނަންގޮވާލުމާއެކު ނަރުސްކުއްޖަކު ނުކުތެވެ. އޭނާގެ އަތުގައި ހުދު ރަޖައަކަށްލާ އޮޅާލާފައި އޮތް ތުއްތުކުއްޖާ ފެނުމާއެކު ރޭޝްމާއަށް އަވަހަށް އައިސް އެކުއްޖާ އުރާލުމަށް އަތްދިއްކޮށްލެވުނެވެ. ތަހުސީނަށް ވެސް އަވަސްވެގަނެވުނީ އެ ކުޑަކުއްޖާގެ މޫނު ދުށުމަށެވެ.

"ބަލާބަލަ ލޯބިކަން... އަހަރެން ރީން ނެގިއިރު އޮތީ ހަމަ މިހެން... ތަހުސީނު... ބަލާބަލަ..." ކަރުނުން ފުރިފައިވާ ލޮލުން އަތުގައި އޮތް ކުޑަކުއްޖާއަށް ބަލަން ހުރި ރޭޝްމާ ވާހަކަދެއްކިއެވެ. އޭރު ރޭޝްމާ އާއި ތަހުސީނުގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމުގެ އަސަރުތަކެވެ. ނާޒިލު ވެސް ފެންނަނީ އުފަލުން ހުރި ތަނެވެ. ހިނިތުންވެލައިގެން ތިން މީހުން ތިބިއިރު ދުނިޔޭގެ ހުރިހާ އުފަލެއް އެވަގުތު އެ މީހުންގެ ކުރިމަތީވާ ކަހަލައެވެ. ރޭޝްމާގެ އަތުން ތުއްތުކުއްޖާ ނަގާ ތަހުސީނު އުރާލުމާއެކު އެ ދަރިފުޅުގެ މައްޗަށް ކުރުން ވާޖިބުވެގެންވާ ކަންކަން އޭނާ ކޮށް ނިންމާލިއެވެ.

"ރީން ކިހިނެއްތޯ؟" ނަރުސްކުއްޖާ ޒޫރިންގެ ދަރިފުޅު ތަހުސީނުގެ އަތުން ނެގުމާއެކު އޭނާ އަހާލިއެވެ. އެވަގުތު ޒޫރިންގެ ހާލު ރަނގަޅުކަމުގަ އާއި ގިނައިރެއްނުވެ ދެން ނެރިދާނެކަމުގެ ޚަބަރު ނަރުސްކުއްޖާ ދިނެވެ. އެއާއެކު ހިތްހަމަޖެހުމުގެ ފުންނޭވާއާއެކު ރޭޝްމާއަށް ތަހުސީނަށް ބަލާލެވުނެވެ. އަދި ޒޫރިން ނެރެފައި ބާއްވާނޭ ކޮޓަރިއެއް ހޮސްޕިޓަލުން ހަމެޖެއްސުމަށް ޓަކައި އެކަމުގައި ތަހުސީނު އަވަސްވެގަތެވެ.

* * * *

"އެއްޗެއް ނުބުނެ ހާދައިރެއް ތިވަނީ؟ ކޮންކަމަކާ ތި ވިސްނަނީ؟" އެނދުގައި އޮތް ޖަޒްލާގެ ފޯނަށް އައި ވައިބަރ މެސެޖު އޭނާ ކިޔާލިއެވެ.

"އަހަންނަށް ހީވަނީ އީތަންއާ ވާހަކަދައްކަންވީހެން... އޭނާ ވާހަކަދައްކާކަށް އަހަރެން އޭރު ފުރުޞަތެއްނުދެމެއްނު. ހިތަށް އަރަނީ އަހަރެން ހީކުރާ ގޮތަށް ފަހަރެއްގައި ކަންކަން ނުވެދާނެއޭ... ޑިޒިޝަންއެއް މޭކް ކުރަން ނޭނގިގެން މިއުޅެނީ..." އެނދުގެ ހެޑުބޯޑަށް ދެފައި ނަގައިގެން އޮވެ ކައިލަން ފޮނުވި މެސެޖަށް ޖަވާބު ފޮނުވާލިއެވެ.

"ލޮލަށް ފެނުނު މަންޒަރު ވެސް ދޮގުކުރަން ޖޭޒް ބޭނުންވަނީތަ؟ އަހަންނަކީ ވެސް ފިރިހެނެއް، އަހަރެންގެ ހިތުން ޚާއްޞަކަމެއް ދެވިފައިނުވާނަމަ އަންހެންކުއްޖަކާ ގާތެއްނުވާނަން... އެ ހިސާބަށް ކަންތައް ދާނީ ޔަޤީނުން ވެސް ސަބަބެއް އޮވެގެން... ދެން އޮތް ގޮތަކީ މަންމަމެން ވެސް ބޭނުންވާގޮތް ހެދުން. އީތަން ކުރިކަމަކީ ނުކުރާ ކަމަކަށް ހަދާފައި ޖޭޒްގެ ހިތުގައި އީތަންއަށް އޮތް ލޮއިބެއްގެ ސަބަބުން އޭނާއާ ކައިވެނިކުރުން... މަށަށް މިހާރު ހީވަނީ ޖޭޒް ބޭނުންވަނީ އެގޮތަށް އެކަންވާންހެން..."

"ކައިލް... ތިހެން ނުބުނޭ... އެއީ ނުވާކަމަކަށް ހެދުމަށް އަހަރެން ނޫޅެން. އެކަމަކު އީތަން އެވަރަށް އަހަންނަށް ގުޅާނީ ކޮންމެވެސް ވާހަކައެއް އަހަންނަށް އޮޅުންފިލުވައިދޭން ބޭނުންވާތީ. އަހަރުމެން ދެ މީހުން ރައްޓެހިވެގެން އުޅުނީ ކުޑަ ދުވަސްކޮޅަކު ނޫން. ކައިލްއަށް ވެސް ރަނގަޅަށް އެނގޭނެ އަހަރެން ކިހާ ލޯބިވާކަން އީތަން ދެކެ"

ޖަޒްލާގެ ވާހަކައަށް ކައިލަންގެ ފަރާތުން ޖަވާބެއް ނައުމުން އޭނާގެ ހިތް ނުތަނަވަސްވިއެވެ. އީތަންގެ މަތިން ހަނދާންނައްތާލުން އެއީ ޖަޒްލާއަށް ކުރަން އެހާ ފަސޭހަކަމެއްނޫންކަން ކައިލަންއަށް ވިސްނާދޭނެ ގޮތެއް ޖަޒްލާއަކަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އީތަން ކުރީ ކީއްކަން ޖަޒްލާއަށް ވެސް އެނގެއެވެ. ހަޤީޤަތް އެނގި ފާޅުވެއްޖެއެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔަ ލޯބީގެ ގުޅުން ކުއްލިއަކަށް ކަނޑާލާ އެއްކޮށް ދެ މީހުން ވަކިވާނީ ކިހިނެއްހެއްޔެވެ. އެއީ ޤުދުރަތީ ކަމެކެވެ. ލޯތްބަކީ ކުއްލިއަކަށް ކެޑިގެންދާނޭ އެއްޗެއް ނޫނެވެ. މަޑުމަޑުން ގޮސް ނިމިގެންދާ އެއްޗެކެވެ. ޖަޒްލާގެ ހިތުގައިވާ އީތަންގެ ހަނދާންތައް ކުއްލި ގޮތަކަށް ފޮހެލާނީ ކިހިނަކުން ހެއްޔެވެ. އޭނާއަށް ވެސް ގޮތެއް ނިންމަން ނޭނގިގެން އުޅެނީ އީތަންއަށްޓަކައި އެ ހިތުން ލޯބީގެ ވިންދު ޖެހީތީއެވެ. އެތަކެއް އަހަރު އެކުގައި ހޭދަކުރެވުނީތީއެވެ. އެ ހިތް އުފާކޮށްދިނުމުގައި އެތައް ވަގުތެއް އީތަން ހޭދަކޮށްފައިވާކަން އެނގޭތީއެވެ. އެހެންނަމަވެސް ގޮތެއް ނިންމަން ވެއްޖެކަން ޚުދު ޖަޒްލާގެ ޟަމީރު ވެސް އެއްބަސްވެއެވެ. ގޮތެއް ނިންމުމުގެ ކުރިން އޭނާ އީތަންގެ ވާހަކަ އަޑުއަހަން ބޭނުންވެއެވެ. އެގޮތަށް އީތަން ކަންތައް ކުރަން ޖެހުނު ސަބަބު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އެއީ ޖަޒްލާ އޮޅުން ފިލުވަން ބޭނުންވާ ކަމެކެވެ. ރުޅި އިސްނުކޮށް މަޑުމައިތިރިކަމާއެކު އީތަންއާ ކުރިމަތިލާންވީ ވަގުތު ޖެހިއްޖެކަން ޔަޤީނެވެ.

"ސޮރީ ކައިލް... އައި ހޭވް ޓު ޑޫ ދިސް.. އައި ހޭވް ޓު ޓޯކް ޓު ހިމް... ކައިލް ހިތްހަމަނުޖެހޭކަން ވެސް އެނގޭ. ޔޫ ވޮރީ ޓޫ މަޗް. ފަހުން ދެން މިކަމާ ވާހަކަދައްކާނީ. ގުޅާނަން މާދަން... ބާއި... ގުޑްނައިޓް..." ޖަޒްލާ ވިސްނަން އޮވެފައި ކުއްލިއަކަށް ފޯނު ނަގާ ކައިލަންއަށް މެސެޖުލިޔެ ފޮނުވާލިއެވެ.

* * * *

މުޅިން އައު ދުވަހަކަށް ދުނިޔެމަތި އަލިކޮށް ޤުދުރަތުގެ ހިތްގައިމުކަން ހޭލައްވާލައިފިއެވެ. މީސްތަކުން އެމީހުންގެ ދުވަހީ މަސައްކަތްތަކައިގެން ބިމުގައި ފެތުރެގަނެއްޖެއެވެ. މާލޭގެ މަގުތައް ހަލަބޮލިވެއްޖެއެވެ. ހިމޭންކަން ވެރިވެފައި އޮތް ހޮސްޕިޓަލްތެރެ ވެސް ފަރުވާ ހޯދަންށާއި އެހެނިހެން ބޭނުންތަކަށް އައިސް ތިބި މީހުންނާއިގެން ފުރެން ފަށައިފިއެވެ. ބޭސް ފިހާރައިން ނަގައިގެން ގެނައި ބޭސްތައް ކައުންޓަރުގައި ތިބި ނަރުސްކުދިންނާއި ހަވާލުކޮށްފައި ތަހުސީނު އައިސް ޒޫރިން އޮތް ކޮޓަރިއަށް ވަނެވެ. އޭރު ހެނދުނުގެ ސައިބުމުގައި ނާޒިލާއި ރޭޝްމާ އުޅެއެވެ.

"ލިބުނުތަ ހުރިހާ ބޭހެއް؟" ސޭންޑްވިޗް އަތަށް ލައިގެން އިނދެ ރޭޝްމާ އަހާލިއެވެ.

"އާން! ކައުންޓަރާ ހަވާލުކޮށްލާފައި މިއައީ... ރީންއަށް ނިދިފައިތަ؟" ރޭޝްމާ ކައިރީ ތަހުސީނު އައިސް އިށީނެވެ.

"ބޭބީއާ ދެމީހުން ވާދައަށް އެ ނިދަނީ" ހަމަޖެހިލައިފައި އިން ރޭޝްމާ ނިކަން ހިނިއައިސްފައި ބުނެލިއެވެ.

"ފޮޓޯ ނަގަން މިއަދު ހަވީރު އަންނާނެ އަހަރެންގެ ރައްޓެއްސެއް. އަހަރެން ބޭނުން ބޭބީ އާއި ރީންގެ ވަރަށް ލޯބިލޯބި ފޮޓޮއެއް ނަގާ ބޮޑުކޮށްލާފައި ގޭގައި ބަހައްޓަން... ނޫންތަ ރޭޝް" އަނގަޔަށް ގުޅައެއްލައިގެން އިނދެ ނާޒިލު ވާހަކަދެއްކީ ވަރަށް ޖޯޝާއެކުއެވެ.

"ގޭގައި ނުބެހެއްޓިޔަސް އަހަރެން ވެސް ބޭނުން ރީން އާއި ބޭބީގެ ފޮޓޯކޮޅެއް އަތުގައި ހުންނަން. ކުޑަކުދިން ނިކަން އަވަހަށް ބޮޑުވާނެ... ރީން ވެސް ކިހާ އަވަހަށް ބޮޑުވީ... އަދި އެކުއްޖާ ކުޑައިރު ނުހުންނާނެ ރީތި އެންމެ ފޮޓޮއެއް ވެސް ނެގިފައެއް. ކޮންމެ ފޮޓޮއެއްގައި ހުންނާނީ ރޮވިފައި..." ރޭޝްމާ އާއި ނާޒިލުގެ ވާހަކަތަކުގައި ތަހުސީނު ބައިވެރި ނުވިއެއްކަމަކު އެމީހުންގެ ވާހަކަތަކުން ތަހުސީނަށް ވެސް އުފާވެރިކަމާއި ހިތަށް ފިނިކަން ލިބެމުންދިޔައެވެ. ޒޫރިންގެ ތުއްތު އިރުގެ އެއްވެސް ހަނދާނެއް ތަހުސީނާ ގުޅިފައި ނުވިނަމަވެސް ޒޫރިންއަށް ލިބުނު ދަރިފުޅު ބޮޑުވާނީ ތަހުސީނުގެ ހިޔަނީގެ ހިޔަލުގައިކަން އޭނާއަށް ޔަޤީންވެއެވެ.

މެންދުރު ތަހުސީނު ގެއަށް އައީ ފެންވަރައިގެން އެނބުރި ހޮސްޕިޓަލަށް ދާގޮތަށެވެ. އަބްދުއްސައްތާރު ނަމާދުން އައިސް ގެއަށް ވަންއިރު ލިފްޓު ކައިރީ ތަހުސީނު މަޑުކޮށްލައިގެން ހުރި ތަން ފެނި ދަރިފުޅަށް ގޮވާލިއެވެ. އަދި މެންދުރު ކައިގެން ދާން އަބްދުއްސައްތާރާއެކު އޭނާގެ ބަޔަށް ވަނުމަށް އެދުނެވެ. ދެކޮޅު ހެދުމުގެ ބަދަލުގައި އެ ފުރުޞަތުގެ ބޭނުން ތަހުސީނު ވެސް ހިފީ މައިންބަފައިންނާ ޚިއްޞާކުރަން ބޭނުންވާ ކަމެއް ހިތުގައި އޮތުމުންނެވެ.

"ކޮންތާކުން އޭނާ ތިގެނައީ..." ބަދިގޭ ކާމޭޒު ދޮށުގައި ނޯކަރުކުއްޖާ ސުފުރާމަތި ތައްޔާރުކުރާގޮތް ބަލަން ހުރި ޒާހިރާއަށް އަބްދުއްސައްތާރާއެކު އެތަނަށް ވަން ތަހުސީނު ފެނުމުން ބުނެލިއެވެ.

"ލިފްޓު ކައިރިން" އަބްދުއްސައްތާރު ބުނެލިއެވެ.

"މިހާރު އަހަރުމެން މަތިން އޭނާ ހަނދާނެއްނުވޭ... ކައިބޮއެ ހަދަނީ ކިހިނެއް ކޮންތާކުންކަމެއް ވެސް އެނގެނީއެއްނޫން" ޝަކުވާކުރުން ޒާހިރާގެ މިޒާޖުގައި ހަރުލާފައި ހުރި ރަނގަޅުނުވާ ބައްޔެއް ފަދައެވެ.

"ކާކު އަންނާނީ... އެކަކު ވެސް ނާންނާނެ ޒާހިރާގެ ތި ހަޅޭކުގެ އަޑު އަހާކަށް. އެ ސޮރު އައީތީ ދެން އެކަމާ ޝުކުރުކޮށްބަލަ... ތަހުސީނު! އާދޭ ދަރިފުޅު އިށީންނަން"

ކާމޭޒު ދޮށުން ގޮނޑި ދަމާލާފައި އަބްދުއްސައްތާރު އިށީނެވެ. އޭނާގެ ކުރިމައްޗަށް ހުރި ގޮނޑީގައި ތަހުސީނު އިށީނެވެ. ޒާހިރާ އިނީ އަބްދުއްސައްތާރާ ޖެހިގެން ކަނާތް ފަރާތުގައި ހުރި ގޮނޑީގައެވެ. އެންމެން ކެއުމުގައި ކުރިއަށް ދިޔައިރު ތަހުސީނު އޭނާގެ މަންމަ އާއި ބައްޕައަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ހިތުގައި އޮތް އެއްޗެއް ހާމަކުރަން ބޭނުންވެ އެހެންނަމަވެސް ބުނާނޭ ގޮތެއް ނޭނގި ވިސްނުމުގައި އިންދާ އަބްދުއްސައްތާރު ގޮވާލިއެވެ.

"ދަރިފުޅު ކީއްވެތަ މިހާރު ނުފެންނަނީ. ފިހާރައަށް އައު މުދާ އައިސްގެން އުޅެނީތަ؟ ދޭތެރެއަކުން ޝައުން ފެނޭ... އެކުއްޖާ މިހާރު ވެސް ދޭތަ އޮފީހަށް"

"އާން! ފެނޭ އުޅޭތަން... ދޭތެރެއަކުން ބަލާލަން ކުރާ މަސައްކަތްތައް ވެސް..."

"ވިޔަފާރީގެ ވާހަކަ ހުއްޓާލާފައި ނިކަން ބުނެބަލަ... މަންމަ ބުނި ކަންތަކާ އެއްވެސް ވަރަކަށް ވިސްނާލައިފިންތަ" އަބްދުއްސައްތާރާއި ތަހުސީނުގެ ވާހަކައަށް ހުރަސްއަޅާ ޒާހިރާ ބުނެލިއެވެ.

"ކޮންކަމެއް؟" ތަހުސީނު ހީވީ ޔަޤީންކުރަން ބޭނުންވިހެންނެވެ.

"ނޭނގޭކަމަކައްނު އެ ހެދީ... ކޮންއިރަކުންހޭ ދަރިފުޅު މީހަކާ އިންނާނީ" ޒާހިރާ ރާގަކަށް ދަމާލާފައި ބުނެލިއެވެ.

"އަޅުގަނޑު ވިސްނައިފިން ތިކަމާ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކައިވެނި ކުރަން ވެސް ނިންމައިފިން" އަބްދުއްސައްތާރާއި ޒާހިރާއަށް ވަކިވަކިން ބަލަމުން ތަހުސީނު ބުނެލިއެވެ.

"ހަމައަސްލުވެސްތަ؟ ކޮންގެއަކު ކާކު އެއީ... ކުއްލިއަކަށް ހާދަ އަވަސްއަރުވާލީ..."

"ސާބަސް ޒާހިރާއަށް. ރަނގަޅު އެއްގޮތް ވެސް ނެތެއްނު. ތަހުސީނު މީހަކާ ނީދެގެން އެވާހަކަދައްކާފައި އޭނާ މީހަކާ އިންނަ ވާހަކަ ބުނީމާ ތިވީ ކިހިނެއް؟" އަބްދުއްސައްތާރު ކެއުން މެދު ކަނޑާލާފައި ޒާހިރާއާ ދިމާއަށް ބަލަން އިނދެ ބުނެލިއެވެ. އޭރު ހުއްޓުން އަރާފައި ޒާހިރާ އިނީ ތަހުސީނަށް ބަލާށެވެ.

"މާލޭ އަންހެނެއް. މީހަކާ އިނދެ ވަރިވެފައި ހުރި އަންހެނެއް. ދަރިއަކު ވެސް ހުރޭ..."

"ކީކޭ؟ މީހަކާ އިނދެ ދަރިއަކު ވެސް ހުންނަ އަންހެނެއްތަ؟ ހިލޭ މީހެއްގެ ދަރިއަކު ބޮލުގައި އަޅަނީތަ؟ މިއޮއްބޮޑު ދުނިޔޭން އެކަހަލަ އަންހެނަކު ނޫނީ މަގޭ ތަހުސީނަށް ހަމަ ނުވީތަ؟ ބަލަ މަންމައަށް ތަހުސީނާ އިންނާނޭ ހުއްސަރިބައި ކިތަންމެ އަންހެންކުދިންނެއް ވެސް ހޯދުނީސް" މޭނުބުއިކޮށްފައި އިންހެން ޒާހިރާ ވާހަކަދެއްކިއެވެ. އޭނާގެ ޠަބީޢަތް އެކޮޅުކޮޅުން ޖެހުނު ކަހަލައެވެ.

"އަޅުގަނޑުގެ ވިސްނުން މަންމަ އާއި ބައްޕަގެ ވިސްނުމާ ތަފާތުކަން މިހާރު އެނގޭހާ ދުވަސްވެއްޖެ ނޫންތޯ؟ އަޅުގަނޑަށް ކަމުދާ މީހަކު އަޅުގަނޑުގެ ހަޔާތުގެ ބައިވެރިއަކަށް ހަދާނީ... މިކަން ކޮންމެހެން ވެސް މަންމަމެން ގާތުގައި މިބުނީ، މަންމަމެން އަޅުގަނޑު ކައިވެންޏެއް ނުކޮށްގެން އެ ވާހަކަ އަބަދު ދައްކަވާތީ. މިކަމުގައި ޚިޔާލެއް އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑު ގޮތެއްވާނީ ނިންމާފައި.... އަދި އެއްވާހަކަ އަޅުގަނޑު ބުނަން ބޭނުން... މަންމަތީ އަންހެނެއް، އަޅުގަނޑުގެ ދަރިއަކަށް ފަރިޔާލު ބަލިވެ އިންކަން އެ ދުވަހު މަންމައަށް ޔަޤީންކޮށްދިނީ ޚުދު އަޅުގަނޑު. އެކަމަކު މަންމަގެ ހިތަށް ރަޚުމުނުވަތް. އެ ދަރިފުޅު ބައްޕަނެތް ކުއްޖެއްގެ ގޮތުގައި އުފަންވުމަށް ދޫކޮށްލަން އަހަންނަށް މަޖުބޫރުވީ... އެހެންނަމަވެސް ތަޤުދީރުގެ ގަލަމުން ލިޔެވިފައިވާ ކަމެއް މަންމަމެންނަށް ވެސް ބަދަލުނުކުރެވޭނެކަން މިއަދު އަޅުގަނޑަށް ވިސްނިއްޖެ. ﷲ އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑަށް ދެއްވައިފި... އަދި ރޭ ދަންވަރުގެ ވަގުތެއްގައި އަޅުގަނޑު ކާފައަކަށް ވެސް ވެއްޖެ.... ފަހަރެއްގައި ވެސް މަންމަމެން ހީނުކުރައްވާތި މަންމަމެންނަށް އުނދަގޫކުރަން އަޅުގަނޑުގެ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން މިގެއަށް އަންނާނެއޭ... މިއަދު އެމީހުން ގޮވައިގެން އުޅޭނޭހާ ފެންވަރު އަޅުގަނޑުގެ އެބަހުރި... ބައްޕަގެ އަތުން ލޯ ލާރިއަކަށް ވެސް މިއަދު އަޅުގަނޑު ނޭދޭނަން... އެކަމަކު... އަޅުގަނޑަށް ކޮށްދެއްވި ހުރިހާ ކަމަކަށް ތި މަންމަ އާއި ބައްޕައަށް ޝުކުރުވެރިވަން... ނަމަވެސް އަޅުގަނޑުގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ނުވެންނެވުމަށް އެދި އާދޭސްކުރަން...."

ހުއްޓުން އަރާފައި ޒާހިރާ އިން ގޮތުން ހީވަނީ އޭނާގެ ހަށިގަނޑުން މީހަކު ފުރާނަ ދަމައިގެންފައި އިން ހެނެވެ. އަބްދުއްސައްތާރަށް އިސްޖަހާލެވުނީ ހަނދާނުގެ އިސްކުރީނުތަކުން ތަހުސީނާ ދިމާއަށް އެ ދުވަހު ކަންތައްކުރެވުނު ގޮތް ސިފަވެގެން ދިއުމުންނެވެ. ކަންފަތުގައި އެ ދުވަހު ތަހުސީނަށް ކީ އެއްޗެހި ސާފުކަމާއެކު ގުގުމާލިއެވެ. މިއަދު އޭނާގެ ހިތް މަޑުވެއްޖެއެވެ. ދަރިފުޅުގެ ނިންމުމަށް ފާޑުކިޔުމުގެ ރޫހެއް ނެތެވެ.

"ދަރިފުޅުގެ ޒާތީ ދިރިއުޅުމަކާ ނުބެހޭނަން... ތަހުސީނަށް ފެންނަ ގޮތަކަށް ކަންތައް ކުރަންވީ. ޠާރީޤުއެކޭ އެއްގޮތަށް ތަހުސީނަކީ ވެސް މި ބައްޕަގެ ދަރިއެއް. ބައްޕަގެ ކޮންމެ އެއްޗަކުން ދަރިފުޅަށް ވެސް ވާނެ.... މީހަކާ އިނދެގެން މިގޭގައި ދިރިއުޅެން ނިންމިޔަސް ބައްޕަމެންނަކަށް އުނދަގުލެއްނުވާނެ. ދަރިފުޅާ މެދު ކުރިން ކަންތައްކުރެވުނީ ބޭއިންސާފުން... ބައްޕައަށް މާފުކުރޭ...މިއަދު ބައްޕަ ވެސް އަދި މަންމަ ވެސް މި ތިބީ މުސްކުޅިވެފައި. ދަރިންގެ އެހީއަށް ބޭނުންވެފައި... ޔަޤީނުން ވެސް ތަހުސީނުގެ ގެއްލުނު ހަޔާތަށް އެނބުރި ދެވުމަށް ﷲ މިންވަރު ކުރެއްވިނަމަ އެކަމާ ދެކޮޅު ހަދަން ބައްޕަމެން މީ ކޮންބައެއް. ﷲއަށް ވުރެ މަތިވެރި އެއްވެސްކަމެއް ނުވޭ..." ކުށުގެ އިހުސާސްވެފައި އިން ކަހަލަ ގޮތަކަށް ތަހުސީނަށް އަބްދުއްސައްތާރު ބަލާލިއެވެ.

"ކުރިއަށް މިއޮތް މަސް ތެރޭ އަޅުގަނޑު ކައިވެނިކުރާނަން" ތަހުސީނު ބުނެލިއެވެ.

ޒާހިރާއަށް ކެއުމައިގެން ކުރިއަކަށް ނުދެވުނެވެ. އިން ތަނުން ތެދުވެގެން އޭނާ ދިޔައީ އަނގައިން ބުނުމެއްނެތިއެވެ. އެކަމާ ތަހުސީނުގެ އެއްވެސް ފަރުވާލެއްނެތެވެ. އަބްދުއްސައްތާރަށް ވެސް ޒާހިރާއަށް ގޮވާލުން ފިޔަވާ އިތުރު އެއްވެސް އެއްޗެއް ނުބުނެވުނެވެ. ހިމޭންކަމުގެ ވަގުތުކޮޅެއްގައި ތަހުސީނު ކައި ނިންމާލާފައި ތެދުވެގެން ދިޔައީއެވެ. އަބްދުއްސައްތާރު ވެސް މަޑުމަޑުން އިނދެ ކައި ނިންމާލާފައި ތެދުވެގެން ސިޓިންރޫމަށް އައެވެ. އެތަނުގައި ޒާހިރާ ނެތުމުން އޭނާ އެ ދިޔައީ ކޮޓަރިއަށްކަން އަބްދުއްސައްތާރަށް ޔަޤީންވިއެވެ. އެހެންވެ އަވަހަށް އައިސް ކޮޓަރިއަށް ވަނެވެ.

(ނުނިމޭ)