އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ވަޒީފާގެ މައްސަލަތައް އަތޮޅު ތެރޭގައި ގާއިމްކުރެވިފައިވާ ޝަރުއީ ދާއިރާގެ މުއައްސަސާއަކަށް ހުށަހެޅުމުން މާލޭގައި ހުންނަ ލޭބަ ޓްރައިބިއުނަލަށް އެމައްސަަލައެެއް ލިބި އެމައްސަލަ ބެލޭނެ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިބިލް ހުށަހެޅުއްވީ އެމްޑީޕީގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް އެވެ. އޭނާ އިސްލާހު ހުށަހަޅުއްވާފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާއަށް ހަތަރު އަކުރެއް އިތުރުކުރުމަށެވެ.

އިތުރުކުރަން ހުށަހެޅި ފުރަތަމަ އަކުރުގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ގާއިމްކޮށްފައި ނުވާ ރަށްރަށުގައި އުފެދޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިހްތިސޯސް ހިނގާ މައްސަލައެއް އެ ރަށެއްގެ ނުވަތަ އެ ރަށެއް ހިމެނޭ ޖުޑީޝަލް ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށެވެ. އެ މައްސަލާގައި ގޮތެއް ނިންމާނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަމަށްވެސް މި އަކުރުގައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާއަށް އިތުރުކުރަން ހުށަހެޅި ދެވަނަ އަކުުރުގައި ބުނެފައިވަނީ މިމާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަަލައެއްގެ އަޑުއެހުންތައް ބަލާނީ ވަަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަމަށެވެ. އަޑުއެހުންތައް ބާއްވާނީ އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން ނުވަތަ އެނޫންވެސް އެފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށްވެސް މި އަކުރުގެ ވެއެވެ. އަދި އެފަދަ މައްސަލަތަކުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބޭނުންވާ އިދާރީ އެއްބާރުލުން މައްސަލަ ހުށަހެޅޭ ދަށު ކޯޓަކުން ފުރިހަމައަށް ފޯރުކޮށްދޭންވާނެ ކަމަށްވެސް މިއަކުރުގައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާއަށް އިތުރުކުރަން ހުށަހެޅި ތިންވަނަ އަކުުރުގައި ބުނެފައިވަނީ މިމާއްދާގައިވާ ގޮތުގެ މަތިން ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނެ އުސޫލު މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގަވައިދުގައި ހިމަނާ އާންމުކޮށް ޝާއިއުކުރަން ވާނެ ކަަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާއަށް އިތުރުކުރަން ހުށަހެޅި ހަތަރުވަނަ އަކުުރުގައި ބުނެފައިވަނީ މިމާއްދާގައިވާ ގޮތުގެ މަތިން އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން ނުވަތަ އެނޫންވެސް އެފަަދ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލޭނެ އިންތިޒާމް މި ގާނޫނަށް އަމަލުކުރަން ފަށާތާ ބާރަ މަސް ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހަމަޖައްސަންވާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިފަދަ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ މުވައްޒަފުންނަށް ދިމާވާ ވަޒީފާގެ މައްސަލަތައް ހުށަހަޅަންޖެހެނީ މާލޭގައި ހުންނަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ކަމަށްވާތީއާއި، މާލެ ފިޔަވާ އެހެން ރަށްރަށުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ނުވަަތަ އޮފީހެއް ގާއިމްވެފައި ނުވުމުގެ ސަބަބުން ވަޒީފާއާ ބެހޭ މައްސަލަތައް ހުށަހެޅުމަށް މާލެ އަންނަންޖެހޭ ވަގުތު ކުރަންޖެހޭ ބޮޑެތި ހަރަދުތަކާއި އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުއިގޮތެއް ހަމަޖައްސައިދިނުމުގެ މަގުސަދު ކަމަށެވެ.

"ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގަވައިދުގައި ބުނާ މުއްދަތު ފަހަނައަޅައިގެންދާއިރު މައްސަަލަަތައް ހުށަނޭޅި ހުރުމުގެ ސަބަބުން ވަޒީފާއަދާކުރާ ފަރާތްތަކަށް ގެއްލުންވެގެންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމާއި ދިވެހިރާއްޖޭގެ ވަޒީފާގެ މާހައުލުގައި ހުރި މައްސަލަތައް ދެނެގަނެވޭނީ އެ މައްސަލަތައް ހުށަހެޅިގެން ކަމަށްވާއިރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުން ފަސޭހަވާނެ އުސޫލެއް ގާއިމުކުރުމެވެ،" ބިލް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ބުނެފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރެއްވި ގިނަ މެންބަރުން ވެސް ވަނީ މި ބިލަށް ތާއީދުކުރައްވާފަ އެވެ.