އިންޑިއާގެ ކަރްނާޓަކާ ސްވިމިންގ އެސޯސިއޭޝަނުގެ ފަރާތުން އިންތިޒާމް ކޮށްގެން ބެންގަލޫރުގައި ބާއްވާ އެމެރިކަން ސްވިމިން ކޯޗަސް އެސޯސިއޭޝަން (އޭއެސްސީއޭ) ގެ ލެވަލް 1، 2 އަދި 3 ގެ ކޯސް ފުރިހަމަ ކުރުމަށް ރާއްޖޭގެ ފެތުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަސް ކޯޗަކު އިންޑިއާގެ ބެންގަލޫރަށް ފުރައިފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މި ކޯހުގައި ރާއްޖެއިން ބައިވެރިވި ފަސް ކޯޗުންނަކީ ރާއްޖޭގެ ގައުމީ ހެޑް ކޯޗް އިސްމާއިލލް ފަރުޙާނު އާއި ރާއްޖޭގެ ގައުމީ އެސިސްޓެންޓް ކޯޗް އިބްރާޙީމް މޫސާ އާއި މައިޔަމް ނަފްހާ އަލީ އާއި އަހުމަދު ޒުނައިޖު އަދި އަހުމަދު ފިރާސް އަފީފެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، ރާއްޖޭގެ ކޯޗުންނަށް މިދާއިރާއިން ތަމްރީނު ހޯދަން ލިބުނު މި ފުރުޞަތުގައި އިންޑިޔާގެ ބެންގަލޫރުގައި ފެތުމުގެ ކޯޗިންގެ ތިން ފެންވަރެއްގެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިގެންދާނެ ކަމަށެވެ. އަދި މަތީ ފެންވަރުގެ ފެތުންތެރިންގެ ތަމްރީނުތައް ގެންދިއުމުގެ މަޢުލޫމާތާއި ހުނަރު ހޯދުމުގެ އިތުރު ފުރުޞަތު މި ކޯޗުންނަށް ލިބިގެންދާނެ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މި ތަމްރީނު ޕްރޮގްރާމަށް ކޯޗުން ފޮނުވާފައިވަނީ ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކު ކަމަށެވެ.
މި ކޯޗުން ތަމްރީނު ކޯސް ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ. މިއީ އޭއެސްސީއޭ ގެ ކޮލިފިކޭޝަން ކޯހެއްގައި ރާއްޖޭގެ ފަރާތުން ކޯޗުން ބައިވެރިވާ ފުރަތަމަފަހަރެވެ.