ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރިނަމަ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ތައްޔާރަށް ތިބި ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގައި ޖަލްސާގައި ވަޒީފާއާ ބެހޭ ގާނޫނަށް އެމްޑީޕީގެ މެންބަރަކު ހުށަހެޅުއްވި ބިލްގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އިބޫ ވިދާޅުވީ ކަންކަން ހައްލުކުރުމަށްޓަކައި އެމްޑީޕީން އަބަދުވެސް މަޝްވަރާއަށް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން ސަރުކާރުން ސިޔާސީ ޕާޓީ ތަކާއި އެކު ކުރެވުނު މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިހްލާސްތެރިކަން ފެނިފައި ނެތް ކަމަށާއި އެހެންކަމުން ސަރުކާރުގެ އިހްލާސްތެރިކަން ފެންނަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

އިބޫ އަކީ މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ސިޔާސީ ޕާޓީ ތަކާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން އެންމެ އިސްކޮށް ހުންނެވި ބޭފުޅާ އެވެ.

އިބޫ ވިދާޅުވީ ހަރުކަށިކަމާއި ގަދަބާރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި އެގޮތަށް މަސައްކަތް ކޮށްފިނަމަ އެކަމުގެ ގެއްލުން ލިބޭނީ މުޅި ގައުމަށް ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ މިއަދު މައިނޯރިޓީ ޕާޓީއަށް ވާތީ މަޝްވަރާކުރި ނަމަވެސް އެމްޑީޕީ އިއްވާ އަޑުތައް ސަރުކާރަށް ނީވޭނަމަ އެއްވެސް ކަމެއް ހައްލުވާނެ ކަަމަށް ނުފެންނަ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ގޮވާލުންތަކުގެ އަޑު އެހުމަށް އިބޫ ވަނީ ސަރުކާރަށް އިލްތިމާސްކުރައްވާފަ އެވެ.

"އަޅުގަނޑުމެން މިތިބީ މަޝްވަރާގެ މޭޒުތަކަށް ދާން ތައްޔާރަށް. އެހެން ނަމަވެސް އިހްލާސްތެރިކަމާއި ތެދުވެރިކަން ހުރިހާ ފަރާތްތަކަކުވެސް ދައްކަން އެބަޖެހޭ" އިބޫ ވިދާޅުވި އެވެ.

ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރި ކަމަށްވާނަމަ މަޝްވަރާތަކަށް ދިއުމަށް ތައްޔާރަށް ހުންނެވި ކަަމަށް އިބޫ ވިދާޅުވެފައިވާއިރު އެމްޑީޕީން މީގެ ކުރިން ބުނީ މަޝްވަރާތަކަށް ދެވޭނީ އެކިއެކި ހުކުމްތަކާއި ގުޅިގެން ޖަލު ބަންދުގައި ތިއްބެވި އަދި އެކިއެކި ދައުވާތައް އުފުލިފައި ތިއްބެވި ސިޔާސީ ބޭފުޅުން އެކަންކަމުން މުޅިން ސަލާމަތްކޮށް މިނިވަން ކުރުމުން ކަމަށެެވެ.

ސިޔާސީ ޕާޓީ ތަކާއި މަޝްވަރާކުރުމަށް ނިންމާ މަޝްވަރާތަކުގައި ބައިވެރިވުމަށް ސަރުކާރުން ޕާޓީތަކަށް ދައުވަތު ދިނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައިވަނީ އިދިކޮޅު އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި، އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރްޕީ އަށެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި ސަރުކާރު ތަމްސީލް ކުރުމަށް ރައީސް އަބްދުﷲ ޔާމިން ކަނޑައަޅުއްވާފައިވާ ތިން ބޭފުޅުންނަކީ ފިޝަރީޒް މިނިސްޓަރު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި، މަޝްވަރާކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ގައުމާއި ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމާއިޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފެންވަރަކަށް ރާއްޖޭގެ ގާނޫނީ، ދުސްތޫރީ އަދި ޝަރުއީ ނިޒާމުގެ ކަންކަން އިސްލާހުކުރުމާއި އަދި ޕޮލިޓިކަލް ރިކޮންސިލިއޭޝަނެއް ގާއިމްކުރުމަށް ސިޔާސީ ގޮތުން އުފެދިފައި ހުރި ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން ގާނޫނީ ނިޒާމްގެ ތެރެއިން ހައްލުތަކެއް ހޯދުމާއި ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށް މަސައްކަތް ކުރުމެވެ.

މިމަޝްވަރާތައް އަވަހަށް ފެށުމަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް އދ،. އިން ވަނީ ބުނެފަ އެވެ.