ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން މަހްލޫފްގެ ދިފާއީ ހެކިންގެ ގޮތުގައި ދެ ނޫސްވެރިއެއްގެ ނަން ހުށަހަޅައިފި އެވ.

މަހްލޫފްގެ މައްޗަށް ކުރަނީ ފުލުހުންނަށް ފިލަން މަސައްކަތް ކުރުމުގެ ދައުވާ އެވެ. މި ދައުވާ އުފުލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްފަހު ފުލުހުންގެ ވެހިކަލްގައި އަނބުރާ ގެންދަން އުޅެނިކޮށް ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވާ ފިލަން މަސައްކަތް ކުރެއްވި ކަމަށް ބުނެ އެވެ.

މަހްލޫފް ވަނީ މިމަހުގެ 17 ވަނަ ދުވަހު އޮތް މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުވާއަށް އިންކާރުކުރައްވާފަ އެވެ.

މި މައްސަލާގައި މިއަދު ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި މަހްލޫފްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ލ. ގަން، ބީޗްހެވަން މުހައްމަދު ވިސާމާއި، ވީމީޑިއާ ގުރޫޕްގެ ނޫސްވެރިޔާ ހއ. ތަކަންދޫ ވެޔޮދަށުގެ އަހްމަދު ހަމީދު އާދަމް ނަމެވެ.

ދައުލަތުން ވެސް ވަނީ މިއަދުގެ އަޑުއެހުމުގައި ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ދައުލަތުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅީ ހަ ފުލުހެއްގެ ނަމެވެ.

މަހްލޫފްގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ މަހްލޫފް ފިލަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. މަހްލޫފް ކުރެއްވި ކަމަކީ އޭނާގެ ސަޕޯޓަރުންނަށް "ހައި" ޖަހާލުމަށް ކުޑަ ވަގުތުކޮޅަކު މަޑުކޮށްލުމާއި އޭރު ބަންދުގައި ހުރުމުން އަނބިކަނބަލުން ނުފެނި ދުވަސްކޮޅެއް ވެފައި ވަނިކޮށް ކޯޓް ކައިރިން އަނބިކަނބަލުން ފެނުމުން ބައްދާލާ ސަލާމްކޮށްލަން އުޅުއްވުން ކަމަށެވެ. އެއީ ފުލުހުންނަށް ފިލަން ކުރެއްވި ކަމެއްކަމަށް މާނަކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގައިވެސް ވަކީލް ވިދާޅުވި އެވެ.

މަހްލޫފްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ ގިނަ ވެގެން އަންނާނީ ހަމަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އޭނާގެ މެންބަރު ކަމުގެ ގޮނޑި ގެއްލިގެން ނުދާނެ އެވެ.