ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އެއަތޮޅު ކައުންސިލާއި އެއަތޮޅު މަގޫދޫ ކައުންސިލް ގުޅިގެން މަގޫދޫގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފި އެވެ.

މަގޫދޫގެ ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 35 ފަރާތަކުން ބައިވެރިވެއެވެ.

މި ޕްރޮގްރާމުގައި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުންނާއި ރަނގަޅު ސިއްޙަތެއްގައި ދެމިހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިއްމުކަމާއި ރަނގަޅު ކާނާއާ ބެހޭގޮތުން މަޢުލޫމާތު ދެވޭނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެއިތުރުން މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދެނީ ސެންޓްރަލް ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން އައިލްސްގެ ސެޓިފައިޑް ދެ ފިޒިކަލް އިންސްޓްރަކްޓަރުުންނެވެ. އަދި ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން މީގެކުރިންވެސް މިފަދަ ކަސްރަތު ޕްރޮގްރާމްތަކެއް ފ. އަތޮޅުގެ ބައެއް ރަށްރަށުގައި ހިންގާފައިވެއެވެ.