ޝްރޫސްބެރީ ޓައުން އަތުން 3-0 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެ އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭ ރަށުން ބޭރުގައި ޔުނައިޓެޑް ކުޅުނު މެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ކްރިސް ސްމޯލިން އާއި ހުއާ މަޓާ އަދި ޖެސޭ ލިންގާޑެވެ.

ރޭގެ މެޗަށްފަހު ޔުނައިޓެޑުގެ ކޯޗު ވެން ހާލް ބުނީ، މެޗުން ލިބުނީ ހައްގު މޮޅެއް ކަމަށާއި މެޗުން މޮޅުވުމުގަިއ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ ހިތް ހަމަޖެހޭވަރުގެ މޮޅު ކުޅުމެއް ކަމަށެވެ.

"މިއީ އަހަރުމެންނަށް ލިބުނު ހައްގު މޮޅެއް. ހުރިހާ ކުޅުންތެރިން ވެސް ދެއްކީ މޮޅުކުޅުމެއް. މިއީ އަހަރުމެންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. ފުރުސަތުގެ ބޭނުން ހިފައި ހުރިހާ ކުޅުންތެރިން ކުރިއަށް ދިއުމަށް އެދެން. ސީޒަނުގައި އަދި ގިނަ މުބާރާތްތަކަށް އަހަރެމެން ވާދަކުރަން ޖެހޭ. އެއީ ފަސޭހަ ކަމެއް ނޫން." ވެން ހާލް ބުންޏެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވެސްޓް ހޭމް ޔުނައިޓެޑާ އެވެ.