ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ގޮވާލައްވައިފި އެވެ.

މޫސަ މިކަމަށް ގޮވާލެއްވީ ސްރީލަންކާގެ އައިލެންޑް ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މޫސަ ވިދާޅުވީ ބޭސް ފަރުވާއަށް އިނިގިރޭސިވިލާތަށް ވަޑައިގެން ނަޝީދު އަމަލުކުރައްވަނީ އެމަނިކުފާނުގެ އަމިއްލަ މަސްލަހަތުގައި ދިވެހި ގައުމާ އެމްޑީޕީއަށް ގެއްލުން ލިބޭ ގޮތަށް ކަމަށެވެ. އެހެންކަމުން އެފަދަ ގެއްލުންތަކެއް އެމްޑީޕީއަށް ދިނުމުގެ ބަދަލުގައި ނަޝީދު އެޕާޓީން ވަކިވެވަޑަައިގަތުމަށް މޫސަ ވަނީ އެދިވަޑައިގެންފަ އެވެ.

އައިއެސްއާ ގުޅިގެން ހަނގުރާމަކުރަމުންދާ ގިނަ ބަޔަކު ރާއްޖޭގައި އުޅެމުންދާ ކަމަށާއި އަދި ރާއްޖެއަށް ފިޔަވަޅު އެޅުމަށް ނަޝީދު ގޮވާލައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ މޫސަ ވަނީ އެކަންކަން ކުށްވެރިކުރައްވާފަ އެވެ.

މޫސަ ވިދާޅުވީ ޑިމޮކްރަސީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅިގެން ނަޝީދަށް ވުރެ މާކުރިން އޭނާ ވެސް ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވި ކަމަށެވެ.

ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މޫސަ ވިދާޅުވީ ނަޝީދު ފަދަ ގޮތް ދޫނުކުރައްވާ އަދި ބަސް ގަބޫލުނުކުރައްވާ ބޭފުޅަކު އެމްޑީޕީގައި ހުންނެވުމުން ސަރުކާރުގެ ކުރިމަތީގައި އެމްޑީޕީ ބަލިކަށިވަމުންދާ ކަަމަށެވެ. އެފަދަ ބޭފުޅެއްގެ ފަހަތުގައި މަސައްކަތް ކުރެއްވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މޫސާ އިތުރަށް ވިދާޅުވީ އެމްޑީޕީއަށް ލިބޭ ފައިސާގެ ތެރެއިން 80 ޕަސަންޓް މިއަދު ހަރަދުކުރަމުންދަނީ ރައީސް ނަޝީދުގެ އަމިއްލަފުޅު ބޭނުންތަކާއި އެމަނިކުފާނުގެ ބައިނަލްއަގުވާމީ ވަކީލުންގެ ބޭނުންތަކަށް ކަމަށެވެ.

މޫސަ މިފަހަކަށް އައިސް ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފް ކުރައްވާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ބޭސް ފަރުވާ ކުރެއްވުމަށް 30 ދުވަހުގެ މުއްދަތެއް ދެއްވުމުން ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފުރާވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ލަންކާގައި ދެ ދުވަހު މަޑުކުރެއްވުމަށްފަހު އެވެ. ބޭސް ފަރުވާއަށް ދިން މުއްދަތު މިދިޔަ އަންގާރަ ދުވަހަށް ވަނީ ހަމަވެފަ އެވެ. މުއްދަތު އިތުރުކޮށްދެވޭނީ އެކަމަށްޓަކައި ރައީސް ނަޝީދުގެ ފަރާތްޕުޅުން މީގެ ކުރިން ހުށަހެޅި ޑޮކިއުމަންޓްތަކުގެ އިތުރަށް އެކަމަށް ބޭނުންވާ އިތުރު ލިޔުންތައް މެޑިކަލް ބޯޑަށް ހުށަހެޅުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ވަނީ ބުނެފަ އެެވެ.