މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ސްވިމިން އެޑްވާންސް ސެޓްފިކެޓްއިން ސްޕޯޓްސް މެނޭޖްމަންޓް ކޯސް އަންނަ މާޗް މަހުގެތެރޭގައި ފެށުމަށް ނިންމައިފި އެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، މި ކޯހަށް ނަންހުށަހެޅުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ފަރާތުންވަނީ އެއެސޯސިއޭޝަނަށް ފުރުޞަތު ދީފައި ކަމަށެވެ. އަދި ކޯހުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން، އަންނަ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށަހެޅުއްވަން ޖެހޭ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި އައިޑެންޓިޓީ ކާޑްގެ ކޮޕީ އާއި އެފަރާތެއްގެ ވަނަވަރު ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި މިކޯހަކީ އެއް އަހަރު ދުވަހުގެ ކޯހެއް ކަމަށާއި ކޯސް ކުރިއަށްދާނީ މާލޭގައި ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

މުޅިން ހިލޭ ކުރިއަށްގެންދަން ނިންމާފައިވާ މިކޯހަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް އިމްތިޙާނުން ތިން މާއްދާއިން ފާސްވެފައިވުން ނުވަތަ،

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ސެޓްފިކެޓް ލެވެލް 3ގެ ފާހެއް އޮތުން އަދި އުމުރުން 18 އަހަރު ފުރިފައިވުމާއިއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 7) ފުރިހަމަކޮށްފައިވުމާއި ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން އެއް އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށް ވާޖެހޭ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.