އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ވަޒީފާގެ މައްސަލަތައް އަތޮޅު ތެރޭގައި ގާއިމްކުރެވިފައި ހުންނަ ދައުލަތުގެ މުއައްސަސާއަކަށް ހުށަހެޅުމުން މާލޭގައި ހުންނަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެމައްސަަލައެެއް ލިބި އެމައްސަލަ ބެލޭނެ ގޮތަށް ގާނޫނީ އިންތިޒާމްތައް ހަމަޖެހުމަކީ މުހިއްމުގެ ކަމެއްގެ ގޮތުގައި ދެކޭ ކަަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނެފި އެވެ.

ޓްރައިބިއުނަލުން މިހެން ބުނެފައި މިވަނީ އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ވަޒީފާގެ މައްސަލަތައް އަތޮޅު ތެރޭގައި ގާއިމްކުރެވިފައިވާ ޝަރުއީ ދާއިރާގެ މުއައްސަސާއަކަށް ހުށަހެޅުމުން މާލޭގައި ހުންނަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެމައްސަަލައެެއް ލިބި އެމައްސަލަ ބެލޭނެ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރުމަށް އެމްޑީޕީގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބިލެއް ހުށަހެޅި މަޖިލީހުގައި އެބިލަށް މިއަދު ބަހުސްކޮށްފައި ވަނިކޮށެވެ.

ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ލީގަލް އޮފިސަރު އައިޝަތު ރިޔާޒާ ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސީދާ އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް ބިލްގައި ގެނެސްފައިވާ ކޮންސެޕްޓަކީ މާލެ ނައިސް އަތޮޅު ތެރޭގައި ހުރެގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެހޭނެ ނިޒާމެއް ކަމަށާއި އެހެންކަމުން އެ ކޮންސެޕްޓަކީ ޓްރައިބިއުނަލުން މަރުހަބާ ކިޔާ އަދި ތާއީދުކުރާ ގޮތެއް ކަމަށްވެސް ވިދާޅުވި އެވެ.

"ބިލްގައިވާ ކޮންސެޕްޓަކީ އަޅުގަނޑުމެންނަށް ހަމަ ތާއީދުކުރެވޭ ގޮތެއް. އަތޮޅު ތެރެއިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގައި ދަތިތަކެއް ހުރިކަން މިކޮޅަށް [ޓްރައިބިއުނަލަށް] ވެސް ވަރަށް ގިނައިން ފާހަގަކުރެވިފައި އެބަހުރި. އަތޮޅު ތެރެއިން މާލެ އައިސް ޓްރައިބިއުނަލަށް އަދި އަޑުއެހުންތަކަށް ހާޒިރުވުމަށް ހާއްސަކޮށް މާލެއާއި ދުރު ރަށްރަށުން ބަދަލުގައި ބޭފުޅުންނަށް އައުމަށްވެސް ދަތިވާކަން އެބަ ފާހަަގަކުރެވޭ. އެހެންވީމާ މިއީ މުހިއްމު ކޮންސެޕްޓެއް ކަމަށް ހަަމަ ފެންނަނީ،" ރިޔާޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިލްގައި ހުށަހަޅާފައިވާ ގޮތަށް އަތޮޅު ތެރޭގައި ހުރި ވަޒީފާގެ މައްސަލަތައް އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ މުއައްސަސާއެއް މެދުވެރިކޮށް މާލޭގައި ހުންނަ ޓްރައިބިއުނަލަށް ހުށަހެޅޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ޓްރައިބިއުނަލްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނެތް ކަމަށެވެ. އެގޮތަށް މަސައްކަތް ކުރުމަށް އުސޫލުތަކެއް ވެސް ހެދިފައި ނެތް ކަމަށާއި އަދި އެގޮތަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ވީޑިއޯ އާއި އޯޑިއޯ ކޮންފަަރެންސްކޮށް ކުރިއަށް ގެންދިއުމަށް ޓްރައިބިއުނަލްގައި މިވަގުތު އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް އެފަދަ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުމަށް ގާނޫނަކުން ޓްރައިބިއުނަލަށް ލާޒިމްކޮށްފި ނަމަ އެފަދަ ނިޒާމެއް ގާއިމްކުރުމަށް ބަޖެޓް ހޯދުމަށްފަހު އިންތިޒާމްތައް ޓްރައިބިއުނަލްގައި ގާއިމްކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފައްޔާޒު އިސްމާއިލް އިސްލާހު ހުށަހަޅުއްވާފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާއަށް ހަތަރު އަކުރެއް އިތުރުކުރުމަށެވެ.

އިތުރުކުރަން ހުށަހެޅި ފުރަތަމަ އަކުރުގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ގާއިމްކޮށްފައި ނުވާ ރަށްރަށުގައި އުފެދޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިހްތިސޯސް ހިނގާ މައްސަލައެއް އެ ރަށެއްގެ ނުވަތަ އެ ރަށެއް ހިމެނޭ ޖުޑީޝަލް ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށެވެ. އެ މައްސަލާގައި ގޮތެއް ނިންމާނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަމަށްވެސް މި އަކުރުގައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާއަށް އިތުރުކުރަން ހުށަހެޅި ދެވަނަ އަކުުރުގައި ބުނެފައިވަނީ މިމާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަަލައެއްގެ އަޑުއެހުންތައް ބަލާނީ ވަަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަމަށެވެ. އަޑުއެހުންތައް ބާއްވާނީ އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން ނުވަތަ އެނޫންވެސް އެފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށްވެސް މި އަކުރުގެ ވެއެވެ. އަދި އެފަދަ މައްސަލަތަކުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބޭނުންވާ އިދާރީ އެއްބާރުލުން މައްސަލަ ހުށަހެޅޭ ދަށު ކޯޓަކުން ފުރިހަމައަށް ފޯރުކޮށްދޭންވާނެ ކަމަށްވެސް މިއަކުރުގައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާއަށް އިތުރުކުރަން ހުށަހެޅި ތިންވަނަ އަކުުރުގައި ބުނެފައިވަނީ މިމާއްދާގައިވާ ގޮތުގެ މަތިން ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނެ އުސޫލު މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގަވައިދުގައި ހިމަނާ އާންމުކޮށް ޝާއިއުކުރަން ވާނެ ކަަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާއަށް އިތުރުކުރަން ހުށަހެޅި ހަތަރުވަނަ އަކުުރުގައި ބުނެފައިވަނީ މިމާއްދާގައިވާ ގޮތުގެ މަތިން އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން ނުވަތަ އެނޫންވެސް އެފަަދ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލޭނެ އިންތިޒާމް މި ގާނޫނަށް އަމަލުކުރަން ފަށާތާ ބާރަ މަސް ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހަމަޖައްސަންވާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިފަދަ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ މުވައްޒަފުންނަށް ދިމާވާ ވަޒީފާގެ މައްސަލަތައް ހުށަހަޅަންޖެހެނީ މާލޭގައި ހުންނަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ކަމަށްވާތީއާއި، މާލެ ފިޔަވާ އެހެން ރަށްރަށުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ނުވަަތަ އޮފީހެއް ގާއިމްވެފައި ނުވުމުގެ ސަބަބުން ވަޒީފާއާ ބެހޭ މައްސަލަތައް ހުށަހެޅުމަށް މާލެ އަންނަންޖެހޭ ވަގުތު ކުރަންޖެހޭ ބޮޑެތި ހަރަދުތަކާއި އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުއިގޮތެއް ހަމަޖައްސައިދިނުމުގެ މަގުސަދު ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރެއްވި ގިނަ މެންބަރުން ވެސް ވަނީ މި ބިލަށް ތާއީދުކުރައްވާފަ އެވެ.