މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގުތަކަށް ބޭނުންވާތީ އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ އެކައުންޓްގެ ތަފްސީލް އޭސީސީއާ ހިއްސާކޮށްފިއެވެ.

އެމްއައިބީގައި ރައީސް ޔާމިން ހުޅުވާފައިވާ އެކައުންޓްގެ ތަފްސީލް އެމްއައިބީ އޭސީސީއަށް ދީފައިމިވަނީ އެމައުލޫމާތު އޭސީސީއާ ހިއްސާކުރުމަށް ރައީސް އެދިވަޑއިގަންނަވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވުމާއި ގުޅިގެންނެވެ.

ރައީސްގެ އެކައުންޓުގެ މައުލޫމާތު އޭސީސީއާއި ހިއްސާކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ރައީސްގެ އެމްއައިބީ އެކައުންޓުގެ މައުލޫމާތު ހޯދުމަށް އޭސީސީން އެދިފައިވަނީ މިހާރު އެކޮމިޝަނުން ބަލަމުންދާ އެމްއެމްޕީއާރުސީގެ މައްސަލަޔާ ގުޅިގެންކަމަށް ވީނިއުސްއަށް ވަނީ އެނގިފައެވެ.

އެމްއައިބީގައި އޮތް ރައީސްގެ އެކައުންޓުގެ މައުލޫމާތު ދިނުމަށް އެ ބޭންކުން ދެކޮޅު ހަދާ އެ މައްސަލަ ކޯޓަށް ހުށައެޅިކަމަށްވެސް ވަނީ އަޑުފެތުރިފައެވެ.

ނަމަވެސް އެމްއައިބީ އިން ބުނެފައިވަނީ މިމައްސަލާގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ދެކެވޭ ކަމަށާ ރައީސްގެ ބޭންކް އެކައުންޓްގެ މައުލޫމާތު އޭސީސީއާ ހިއްސާ ނުކުރުމަށް އެމްއައިބީ އިން ކޯޓަށް މައްސަލައެއް ހުށަހެޅި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އެމްއައިބީ އިން ބުނީ އެ ބޭންކުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ ކަސްޓަމަރުންގެ މައުލޫމާތު ހިމާޔަތްކުރުމަށް ބޭންކިން ގާނޫނުގައި ވަރުގަދަ އުސޫލުތަކެއް ކަނޑައަޅާފައިވާތީ ތަހުގީގު ކުރާ ފަރާތްތަކަށް ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތު ހިއްސާ ކުރަންވީ ގޮތެއް ކަނޑައަޅައިދިނުން އެދި ކަމަށެވެ.

އެމްއައިބީ އިން ބުނީ ތަހުގީގު އިދާރާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށްޓަކައި އެމްއައިބީ އިން އަބަދުވެސް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ތެރޭގައި ހިޔާނާތުގެ ބޮޑެތި އަމަލުތަކެއް ހިންގާ އަމިއްލަ ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާ 1.2 ބިލިއަން ރުފިޔާގެ ތެރެއިން ބައެއް ފައިސާ ރައީސް ޔާމިންގެ ދެކަނބަލުންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައީސް ޔާމިނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.