ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ކ. މާފުށީގައި ހުޅުވައިފި އެވެ.

މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ބްރާންޗް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާއި ބީއެމްއެލް މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ.

މާފުށީގައި މިއަދު ހުޅުވުނީ ބީއެމްއެލްގެ 28 ވަނަ ބްރާންޗެވެ. ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ބީއެމްއެލް ދަނީ އަދި އިތުރު ހަ ބްރާންޗް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.

ބީއެމްއެލް އިން ބުނީ މާފުށި ބްރާންޗްގައި ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމް ބަލައިގަތުމުގެ ހިދުމަތާއި ބީއެމްއެލްގައި އެކައުންޓް ހުޅުވުމުގެ ހިދުމަތާއި ލޯނަށް އެދި ހުށަހެޅުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ޕެންޝަން ފައިސާ ދޫކުރުމާއި އުމުރުން ދުވަސްވީ މީހުންނަށް ބޭންކުގެ ހިދުމަތް ހޯދުމަށް ބީއެމްއެލްގެ މުވައްޒަފުން އެހީތެރިވެދޭނެ ކަމުގައިވެސް ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކްގެ އެހެން ބްރާންޗްތައް ފަދައިން މާފުށި ބްރާންޗްގައި ބަހައްޓާފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ވެސްލިބޭނެ ކަމަށެވެ.

ރާއްޖޭގެ 19 އަތޮޅެއްގައި ބީއެމްއެލްގެ 28 ބްރާންޗެއް ހުޅުވާ ހިދުމަތް ދެމުންދާއިރު 260،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ބީއެމްއެލް އިން ދަނީ ހިދުމަތް ދެމުންނެވެ. އަދި 75 އޭޓީއެމް އާއި، 3100 ޕީއީއޯއެސް މާޗަންޓުންނާއި، 177 ކޭޝް އޭޖެންޓުންނާއި، 10 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން ފަސް ދޯނި ބޭންކިން ޔުނިޓް އެކުލެވޭ ބީއެމްއެލް އަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކެވެ.

ގިނަ އަދަދެއްގެ ގެސްޓް ހައުސް ހިންގާ ރަށަކަށް ވާތީ މާފުއްޓަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ޒިޔާރަތް ކުރާ ރަށެކެވެ. އެހެންކަމުން އެ ރަށުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވާ އޭޓީއެމްގެ ހިދުމަތް 24 ގަޑިއިރު ލިބުމަކީ ވިޔަފާރިއަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއް ކަމަށް މާފުށީގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.