ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެެރިކަމުގައި އިނގިރޭސިވިލާތުގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ (ޖީޕީޑީ)އާއި ހަވާލުކޮށްގެން ހިއްކާފައިވާ ގުޅިފަޅުން ކުއްޔަށް ބިން ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ސިނާއީ ބޭނުމަށް ގުޅިފަޅުން ބިން ނަގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ ތިންވަނަ ދުވަހު މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުޅުވާލާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްޑީޕީގެ ސަރުކާރުން ނިންމާފައި އޮތީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ގުޅިފަޅު ތަަރައްގީ ކުރުމަށެވެ. އެގޮތުން ޖީޕީޑީއާ ހަވާލުކޮށްގެން އެރަށުގައި ހެދި ފްލެޓްތައް ދޫކުރަން ހުޅުވާލުމުން ފްލެޓު ގަތުމަށް 216 ފަރާތަކުން ފައިސާ ދެއްކި އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ފްލެޓުތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ފައިސާ އަނބުރާ ނަގާފަ އެވެ. ނަމަވެސް ދެއްކި ފައިސާކޮޅުވެސް ނުލިބި ތިބި 182 އާއިލާއަކަށް ހުޅުމާލެއިން ފްލެޓް ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވީނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގުޅިފަޅަކީ މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި އެތަން ތަރައްގީކުރަން ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި މިސަރުކާރުން ގުޅިފަޅު ތަރައްގީ ކުރާނީ ސިނާއީ ރަށެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ގުޅިފަޅު ސިނާއީ ރަށެއްގެ ގޮތުގައި ތަަރައްގީކުރަން ނިންމާފައިވީނަމަވެސް އެތަނުގައި ޓޫރިޒަމާ ގުޅޭ ބައެއް މަސައްކަތްތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މާލޭގައި ހަދާފައި ހުރި ލޭބަ ކުއާޓަރުތައް ގުޅިފަޅަށް ބަދަލުކުރުމާއި މާލޭގެ ބަނދަރުގައި އަޅާ ލޯންޗް ފަހަރާއި ޔޮޓް ފަދަ އުޅަނދުތައް އަޅަން ގުޅިފަޅުގައި ބަންކަރިންއެއް ހެދުމަށް ނިންމާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި ގުޅިފަޅަކީ ކުރިންވެސް ސިނާއީ މަސައްކަތްތައް ކުރަން ޕްލޭނެއް ކުރެވިފައި އޮތް ރަށެއް. އެހެންކަމުން ސަރުކާރުން މިހާރު ވިސްނާފައިވަނީ އެފަަދަ ޕްލޭނެއްގެ ދަށުން ގުޅިފަޅު ތަަރައްގީކުރުމުގެ މަސައްކަތް ފަށަން،" މުއިއްޒު ވިދާޅުވި އެވެ.