އައްޑޫ މީދޫއަކީ އިހު ހަތް ދަރިކޮޅަކަށް ވަގުފުވެގެންވާ ރަށެކެވެ. ރާއްޖޭގެ ތަޚުތުގައި ހުންނެވި ތީމުގޭ ދަރިކޮޅުގެ ސުލްތާން ޔޫސުފު އެއްވަނައިގެ ދައުރުގައި މިކަމަށް ރުހޭބަސް ދެއްވީ މީލާދީން 1289 ގައެވެ.
އުސޫލެއްގެ ގޮތުން ރާއްޖޭގެ ކޮންމެ ރަށަކީ ބަންޑާރަ ރަށެކެވެ. އަދި ކޮންމެ ބިމަކީވެސް ބަންޑާރަ ބިމެވެ. މާނައަކީ ދައުލަތަށް ނިސްބަތްވެގެންވުމެވެ. ވަގުފު ކުރުމުގެ މާނަޔަކީ ބަންޑާރަކަން ކެނޑި އެ ވަގުފު ކުރެވޭ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވުމެވެ. ރަށެއް ވަގުފު ކުރުމޭ ބުނެވެނީ އަދި ބިމެއްވިޔަސް ތަނެއްވިޔަސް ވަގުފު ކުރުމޭ ބުނެވެނީ އޭގެ މިލްކުވެރިކަން ދާއިމީ ގޮތަކަށް އެ ވަގުފެއްގެ އަހުލުވެރީންނަށް ލިބިގެންވުމެވެ. މިގޮތުން މީދޫ ވަގުފު ކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ ދައުލަތުގެ މިލްކުވެރިކަމުން ނެއްޓި ވަކިވަކި ފަރުދުންނަށް މިލްކުވެގެންވާ އަމިއްލަ ރަށެއް ކަމުގައި ހަމަޖެއްސުމެވެ.
މިމަގުން މީދޫ ވަގުފު ކުރެވި އެ ވަގުފެއްގެ މައްޗަށް ރަށުގެ ކަންކަމާއި ވެރިކަން ހިންގަމުން އައިސް މީލާދީން 1855 ގައި ގަނޑުވަރު ހަސަންދީދީގެ ނާއިބު ކަމުގައި މިވަގުފު އުވައިލެއްވީއެވެ. އެއީ ހުރަވީ ޚާންދާނުން ސުލްތާނު މުހައްމަދު އިމާދުއްދީން ހަތަރެއް ނުވަތަ މަޝްހޫރު ނަމުންނަމަ މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ދައުރެވެ.
ވަގުފު ފަތް ބާތިލުކޮށް ވަގުފު ނިޒާމު އުވައިލުމުގެ މައިގަޑު ސަބަބަކަށް ބެލެވެނީ އެ ނިޒާމު ޒަމާނަށް ނުފެތުމާއި އެ ވަގުފެއްގެ ސަބަބުން އިތުރު މައްސަލަތައް ނުކުންނާން ފެށުމެވެ. މީދޫގެ އަސްލުކަމަށް ބެލެވޭ ހަތްދަރިކޮޅު އޭރު އޮތީ މުޅި ރާއްޖެއަށް ބެހިގެންގޮސްފައެވެ. އެހެންވުމުން މާދުރު ރަށްރަށުގެ މީހުންނަށް ހައްގުވެގެންވާ ބިންތަކެއް މީދޫގައި އޮވެފައި އެ ބިންތަކަށް ގޮތެއް ހަދައިލެވޭކަށްވެސް ނޯވެއެވެ. ފަތެއްގައި އެއްޗެއް ލިޔެފައި އޮތަސް އެއެއްޗެއް ތަންފީޒުކުރެވޭނެ އުސޫލެއް ނެތުމަކީ މި ފަތް ބާތިލު ކުރަން ޖެހުމުގެ މައިގަނޑު ސަބަބެވެ.
މި ވަގުފެއްގެ ހައިސިއްޔަތާއި ދެނެގަތުމުގެ މިންވަރުގެ ބޮޑުކަން އިހުހުރި ވަރަކީ ކޮންމެ އަހަރެއްގެވެސް މުހައްރަމް މަހު ކޯގަންނު ގަބުރުސްތާނުގައި ވަގުފު ސަލަވާތުގެ ނަމުގައި ސަލަވާތެއް ކިޔަވައެވެ. އަހަރަކު އެއްފަހަރު ވަގުފު މައުލޫދުގެ ނަމުގައި މައުލޫދެއް ވެސް ކިޔައެވެ. މީދޫއެކޭ އެއްގޮތަށް މީދޫގެ ގަބުރުސްތާނު ކަމަށްވާ ކޯގަންނަކީވެސް ވަގުފު ކުރެވިފައިވާ ތަނެކެވެ. ކޯގަންނުގައި ފަސްދާނުލެވިގެން ވަނީ ޔޫސުފު ނާއިބެވެ. ނަދުރުބުނުން އޮތީ އާއްމުވެފައެވެ. މުޅި ދެކުނުގެ ހުރިހާ ރަށަކުން ނަދުރު ފުއްދުމަށް ކޯގަންނަށް އައުން އޮތީ ފެށިފައެވެ. ޔޫސުފު ނާއިބު ފަސްދާނުލެވިގެންވާ ގަބުރުސްތާނުގައި ވަޅުލެވުމަކީ ހަމަ ކޮންމެ މީހަކުވެސް އެދޭ އެދުމަކަށް އޮތީ ވެފައެވެ. ކޯގަންނު އިހު އޮތީ ހަތް ސަރަހައްދަކަށް ބަހައި ކޮންމެ ދަރިކޮޅަކަށް ބައެއް ކަމުގައި ހަމަޖައްސައިފައެވެ.
މީން ކޮންމެ ދަރިކޮޅަކަށް ނިސްބަތްވާ މިސްކިތެއް ބިނާކޮށް މަރުވާ މީހުން ވަޅުލާން ޖެހޭނީ މިއިން ކޮންމެވެސް މިސްކިތެއްގެ ކައިރީގައި ކަމަށް ހަމަޖެހިފައި އޮތެވެ. މިއިން މިސްކިތެއްގެ ކައިރީގައި ވަޅުލެވޭނީ މަރުވެފައިވާ މީހާގެ މިލްކިއްޔާތުގެ ތެރެއިން ނުވަތަ އެނޫންވެސް މީހެއްގެ މިލްކިއްޔާތުގެ ތެރެއިން މަތިވަރު ރަގަޅު ރުކެއް ގަހެއް މިސްކިތަށް ވަގުފު ކުރުމުން ކަމަށްވެސް ހަމަޖެހިފައި އޮތެވެ. މިސްކިތުގެ ބޯގައިގައި ހިމެނިގެންވާ ދަރިކޮޅެއްގެ މީހަކު ނިޔާވެއްޖެނަމަ އެ މިސްކިތުގެ ކައިރީގައި ވަޅުލާކަށް ކޮންމެހެން ރުއްގަސް ދޭކަށް ނުޖެހެއެވެ. މިސްކިތަށް ތަކެތި ވަގުފު ކުރުމުގެ މުރާދަކީ ބިން ގަތުމެވެ.
ތަނަވަސްކަމެއް ނެތް މީހަކު މަރުވެއްޖެނަމަ އަދި އޭނާގެ މަތިން މިވަރުގެ އެއްޗެއް ދެވޭވަރު މީހަކުވެސް ނުވެއްޖެނަމަ ދެން އެމީހަކު ވަޅުލަމުން އައީ މާކަންމަތީގައި ނުވަތަ އެފަދަ އެނޫންވެސް ތަނެއްގައެވެ. އެއީ މައްޔިތާއަށާއި އޭނާގެ އާއިލާއަށް ވަރަށް ވެސް ބޮޑު ނިކަމެތި ކަމެކެވެ. މިސަބަބަށްޓަކައި އާއިލާގައި ތިބި ބަޔަކު ދަރަނިވެރިވެގެންވެސް އެމީހެއްގެ ތިމާގެ މީހާ ކޯގަންނުގައި ވަޅުލެވޭތޯ ބަލައެވެ.
މިސްކިތަށް ވަގުފު ކުރެވޭ ރުއްގަހުގެ މައްޗަށް ހުކުމް ކުރުމަކީ އެ މިސްކިތެއް ނިސްބަތްވާ ދަރިކޮޅުގެ އިސްކޮށް ތިބޭ މީހުންގެ ހައްގެކެވެ. ޒަމާންތަކެއްވީ ފަހުން މިކަހަލަ ވަގުފު މުދާ ގިނަވެ އެ މުދާތަކުން މަންފާ ލިބެންޖެހޭ އެއިގެ ހައްގުވެރިން އޮޅުންއަރާ ހިސާބަށް ގޮސް ވަކި ތަރުތީބަކުން އާއިލީ ވަނަވަރު ލިޔެ ރައްކާކުރުމުގެ އާދަވެސް ފެށިއްޖެއެވެ. މިހެން ދިމާވީ މި ވަގުފުތަކުގެ ހައްގުވެރިން އެހެން ރަށްރަށުގައިވެސް ގިނަވާން ފެށުމުންނެވެ.
ކޯގަންނު މިސްކިތްތަކުގެ ވަގުފަކީ ހަމައެކަނި ވަކިބަޔަކު މަންފާ ލިބިގަތުމަށް އޮތް ވަގުފެއް ނޫނެވެ. މިސްކިތަށް ލިބޭ ރުއްގަސް ނުވަތަ މީދޫގައި ކިޔާގޮތަށް ކައްވަތަށް ލިބޭ ރުއްގަހުގެ މަންފާއިން މިސްކިތްތައް ބަލަހައްޓައި އާބާތުރަ ފިލުވައި ޚަރަދު ހިންގުމަކީވެސް މި ވަގުފުތަކުގެ އެއް ބޭނުމެވެ. އެ ބިން ބެލެހެއްޓުމަކީވެސް ކުރަން ޖެހިފައި އޮންނަ ކަމެކެވެ.
ނަދުރު ބުނެގެން ކޯގަންނަށް އަންނަ އައުމުގައި ކިރުމާއި ފޮރުވުމާއި މިޒާތުގެ އެތައް ކަމެއް ހިމެނިގެންވިއެވެ. މީހާގެ ބުރަދަނާއި އެއްމިންވަރަކަށް ކާބޯތަކެތިން ސަދަގާތް ދެއެވެ. މެދުޒިޔާރަތާއި ކޯގަންނަށް ޒިޔާރަތްކުރާ މީހުން މައިގަނޑު ގޮތެއްގައި ކުރާ އޮންނަނީ ދެ ކަމެކެވެ. އެއީ ފޮރުވުމާއި ކިރުމެވެ. ފޮރުވުމާއި ކިރުން އޮންނަނީ އާޝޫރާ ދުވަހުއެވެ. އާޝޫރާ ދުވަސް ފިޔަވައި ވަރަށް މަދުން އެހެން ދުވަސް ތަކުގައިވެސް މިކަންތައް ކުރެއެވެ.
ފޮރުވުމަށް ބޭނުންކުރަނީ ވަކި ގޮތަކަށް ފިހެފައި ހުންނަ ފޮޅިއެވެ. މިއަށް ކިޔަނީ ފޮރުވާ ފޮޅިއެވެ. މިފޮޅި ހުންނަނީ ވަރަށް ތުނިކޮށް ފިހެފައެވެ. ވަށް ބުރަށް ހުންނަ ފޮޅީގެ ކުލައަކީ ރީދޫކުލައެވެ. އެފޮޅި އަކީ ހަނޑޫ މުގުރައިގެން ހަނޑުލުން ތައްޔާރުކުރާ އެއްޗެކެވެ. މި ފޮޅި ފިހެނީ ހަދެއްގައެވެ.
ކޯގަންނުގެ ޚާއްސަކަން އުވި ވަގުފުގެ އުސޫލުތައް މުގުރި ހަމަ ކޮންމެ އައުލާދެއްގެ ކޮންމެ މީހަކުވެސް ވަޅުލެވޭ އާއްމު ގަބުރުސްތާނަކަށް ބަދަލުވީ މީލާދީން ނަވާރަސަތޭކައިގެ މެދުތެރޭގައެވެ. ކޯގަންނު ނޫން އެހެން ތަންތަނުގައި ރަށު މީހުން ވަޅުލުމުގެ ކަންތައް މުޅިން ނިމުމަކަށް އައީ 1970 ގެ އަހަރުތަކުގެ ތެރޭގައެވެ. ނަދުރު ބުނެގެން ބީރައްޓެހީން ކޯގަންނަށް ގޮސް ކިރުމާއި ފޮރުވުމުގެ އާދަ މުޅިން އުވިގެން ދިޔައީ 1990 ގެ އަހަރުތަކުގެ ތެރޭގައެވެ.
މިކަން މިމަގުން ހިނގުމުގެ މައިގަނޑު ސަބަބަކީ އާދަތައް ބަދަލުވުމާއި ވިސްނުން ބަދަލުވުމެވެ. މިއަދުގެ ކޯގަންނަކީ ރާއްޖޭގެ އެހެނިހެން ގަބުރުސްތާނުތަކެކޭ އެއްފަދައިން ޕަބްލިކް ގަބުރުސްތާނެކެވެ. މިތަނަކީ800 އަހަރަށް ވުރެ ދިގު ތާރީޚެއް ލިބިގެންވާ ތަނެއްކަމާއި އޭގެ ތެރެއިން ބޮޑު ބައެއްގައި މިއީ ޕްރައިވެޓް ގަބުރުސްތާނެއްކަން ދެނެތިބީ މިކަމާއިމެދު ހޯދައި ބަލައި ފިކުރު ކުރާ ވަރަށް މަދުބައެކެވެ.