ކ. މާފުށީގައި ހިންގާގެސްޓް ހައުސް ތަކުން އެކަނިވެސް މަހަކު އެއް މިލިއަން ޑޮލަރު މާފުށީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރޭގައި ދައުރުވަމުންދާ ކަމަށް މާފުށި ކައުންސިލް އިދާރާއިން ބުނެފި އެވެ.

މާފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ހުޅުވުމަށް އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާފުށި ކައުންސިލްގެ ރައީސް މުހައްމަދު މުސްތޮފާ ވިދާޅުވީ ގެސްޓްހައުސް ތަކުގެ ވިޔަފާރިން އެކަނި މަހަކު އެއް މިލިއަން ޑޮލަރު މާފުށީގެ އިގްތިސޯދުގެ ތެރޭގައި ދައުރުވަމުންދާއިރު އެރަށަކުގައި ބޭންކެއް ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މުސްތޮފާ ވިދާޅުވީ މާފުށި ރައްޔިތުން ބޭންކަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވަނިކޮށް އެރަށުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަކީ ރަށުގެ ހުރިހައި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ކުރިއެރުމެއް ކަމަށެވެ.

"މިއަދު ހަގީގަތަކަށް މިވީ ރަށުގެ ރައްޔިތުން ވަރަށް ކުރިންސުރެ ދެކެމުންދިޔަ ހުވަފެނެއް،" މުސްތޮފާ ވިދާޅުވި އެވެ.