ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ މޫނަށް ކުޅުޖައްސަވައިފި އެވެ.

ރޮޒައިނާގެ މޫނަށް ނިހާން ކުޅުޖެއްސެވީ ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިހާން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އޭނާ ހުންނެވި މޭޒުކޮޅުގެ ކުރިމައްޗަށް ވަޑައިގެން ނިހާންގެ ވާހަކައަށް ހުރަސް އެޅުއްވުމުންނެވެ.

ރޮޒައިނާ، ނިހާނަށް ނިސްބަތްކުރައްވާ އެއްޗެތި ގޮވަން ފެއްޓެވެމުން ނިހާން ވަނީ އޭނާގެ މޭޒުކޮޅުގެ މަތީގައި ހުރި ފެންތަށި ނަންގަވާ ފެންފޮދެއް ހިތްޕެވުމަށްފަހު ރޮޒައިނާގެ މޫނަށް ކުޅުޖައްސަވާފަ އެެވެ. ބަދަލުގައި ރޮޒައިނާ ވަނީ ނިހާންގެ މޭޒުކޮޅު މަތީގައި ހުރި ފެންތަށި ނަންގަވައި ނިހާންގެ ހަށިކޮޅަށް ފެން ޖަހާފަ އެވެ.

ރޮޒައިނާގެ މޫނަށް ނިހާން ކުޅުޖެއްސެވުމުން އެމްޑީޕީގެ މެންބަރުން ވަނީ އެބޭފުޅުން ތިއްބެވި ގޮނޑިކޮޅުން ތެދުވެވަޑައިގެން ނިހާން ހުންނެވި މޭޒުކޮޅުގެ ކުރިމައްޗަށް ވަޑައިގެން މެންބަރުންގެ މައިންބަފައިންނާ ނިހާނަށް ބެހިވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ އަޑުއުފުއްލަވާފަ އެވެ.

ނިހާން ހުންނެވި މޭޒުކޮޅުގެ ކުރިމައްޗަށް ރޮޒައިނާ ވަޑައިގެންނެވީ ރޮޒައިނާގެ ބައްޕާފުޅަށް ނިސްބަތްކުރައްވާ ނިހާން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ރޮޒައިނާ ނެންގެވި ނިޒާމީ މައްސަލައަކީ ނިޒާމީ މައްސަލައެއް ނޫން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ނިންމެވުމުންނެވެ.

ނިޒާމީ މައްސަލަ ނަންގަވާ ރޮޒައިނާ ވިދާޅުވީ އޭނާގެ މައިންބަފައިންނާ ނިހާން ބެހިވަޑައިގަންނަވާއިރު މަޖިލީހުގެ ރައީސް އަޑުއައްސަވަން އިންނަވައިގެން ނުވާނެ ކަމަށެވެ.

ނިހާން ކޯފާ އިސްކުރައްވާ މަޖިލީހުގައި ވާހަކަ ދައްކަވަން ފެއްޓެވީ ނިހާންގެ ކުރިން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިހާންގެ ނަން ވިދާޅުވެ ރޮޒައިނާ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ރޮޒައިނާ ވިދާޅުވީ މިއަދަކީ ވެސް އެމްޑީޕީއަށް ބޭއިންސާފުވެރި ދުވަހަކަށް ވާނެ ކަމަށެވެ. އެގޮތުން މިއަދަކީ އެޕާޓީއަށް ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމަށް ހުކުމްކުރާ ދުވަސް ކަމަށާއި އާޒިމަށް ހުކުމްކުރަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅުމުގެ ދައުވާއާއި ގުޅިގެން ކަމަށެވެ. މިފަދަ ދައުވާއެއްގައި އާޒިމަށް ހުކުމް ކުރާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގައި ނިހާން ފުލުހުންގެ ބެރިކޭޑް މައްޗަށް އަރުއްވާ ބެރިކޭޑް ހުރަސްކުރައްވާ ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯ ތަކާއި ފޮޓޯތައް ވެސް އެބަހުރި ކަމަށާއި ނަމަވެސް ނިހާނަށް ދައުވާ ނުކޮށް އާޒިމަށް ދައުވާކުރުމަކީ ބޭއިންސާފު ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު "ލަޓިބުރި" ހިއްޕަވައިގެން ބަޔަކަށް ހަމަލާދިނުމަށް ވަޑައިގަންނަވާ މަންޒަރު އަޑާއި އެކު ފެންނަ ވީޑިއޯ ތައްވެސް އެބަހުރި ކަމަށާއި ނަމަވެސް މިއިން ބޭފުޅަކަށް ދައުވާ ނުކޮށް އެމްޑީޕީގެ މެންބަރުންނަށް ދައުވާކުރުމަކީ ބޭއިންސާފެއް ކަމަށް ރޮޒައިނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ނިހާންގެ ވާހަކަފުޅުގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި މަޖިލީހުގެ މިހާރުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަށް ވެސް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާ ރިޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަދި ރިޔާޒަކީ ދެ އަގައިން ވާހަކަދައްކަވާ "މުނާފިގެއް" ކަމަށް ވިދާޅުވި އެވެ.

ރޮޒައިނާގެ މޫނަށް ނިހާން ކުޅުޖެއްސެވުމުން ހިނގާދިޔަ ދެބަސްވުންތަކާއި ގުޅިގެން މަޖިލިސް މިހާރު ވަނީ މެދުކަނޑާލަފަ އެވެ.