އާސެނަލް 2-0 ލަނޑުން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލާ ގާތަށް ބާސެލޯނާ ޖެހިލައިފި އެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސާގެ ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީއެވެ. ރޭގެ މެޗުގައި މެސީ ޖެހި ދެ ވަނަ ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. އެޕެނަލްޓީ ބާސާއަށް ލިބުނީ ފްލެމިނީ މެސީއަށް ކުރި ފައުލަކާ ގުޅިގެން ނެވެ.

ރޭގެ މެޗަށްފަހު ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނީ، މެޗުގައި ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ފެނިގެން ދިޔަކަމަށާއި އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވުމުގެ އުންމީދު މިހާރު ވަރަށް ވެސް ބޮޑުވެފައިވާ ކަމަށެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ، ޓީމުގެ ކުޅުންތެރިން މި މެޗުގައި ދެއްކި ހިތްވަރަށް ބަލާއިރު، މިއީ ބަލައިގަންނަން ފަސޭހަ ނަތީޖާއެއް ނޫން ކަމަށެވެ.

އާސެނަލް އާއި ބާސާ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.