ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށި ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ޖަލްސާ އަންނަ މާޗު މަހުގެ ހަވަނަ ދުވަހު ބާއްވަން ލޯކަލް ގަވަރުމަންޓް އޮތީރިޓީން ނިންމައިފި އެވެ.

އެލްޖީއޭއިން ބުނީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ޖަލްސާ މި އަހަރު ޝަރަފުވެރިކޮށްދެއްވާނީ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ކަމަށެ.

ދަރުބާރުގޭގައި ބާއްވާ މި ހާއްސަ ޖަލްސާގައި އެލްޖީއޭގެ ކުރިއަށް އޮތް ފަސް އަހަރުގެ އެކްޝަން ޕްލޭން އާއްމުކުރުމާއި ކައުންސިލްތަކަށް ދޭން ފަށާ "ކަންގަތި" އެވޯޑް ދިނުން އޮންނާނެ ކަމަށްވެސް އެލްޖީއޭ އިން ބުނެ އެވެ.

އެލްޖީއޭއިން ބުނީ މި ދުވަސް ފާހަގަކުރުމަށް އަންނަ ހުކުރު ދުވަހު ހަވީރު ކުޑަކުދިންނަށް އަމާޒުކޮށް ތަފާތު ކުޅިވަރު ސްޓޯލްތަކާއެކު އާއިލީ ހަވީރެއް ރަސްފަންނުގައި ބާއްވާނެ ކަމަށެވެ. އަދި ދުވަހާ ގުޅާ ހާއްސަ ބަހުސެއް ވެސް ބާއްވަން އެލްޖީއޭއިން ދަނީ ތައްޔާރުވަމުން ކަމަށް އެއޮތޯރިޓީން މައުލޫމާތުދެ އެވެ.