ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބަޔާން މިއުނިކާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗް 2-2 ލަނޑުން އެއްވަރުވެގެން ނިމިއްޖެއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ބަޔާން މިއުނިކުންނެވެ. އެލަނދު މެޗުގެ 43 ވަނަ މިނެޓުގައި ބަޔާންއަށް ކާމިޔާބު ކޮށްދިނީ ތޯމަސް މުލާ އެވެ. މެޗުގައި ބަޔާންއަށް ލީޑު ފުޅާކޮށްދިނީ 55 ވަނަ މިނެޓުގައި ރެބެން ޖެހި ލަނޑުންނެވެ.

ރޭގެ މެޗުގައި ޔުވެންޓަސް އަށް އުއްމީދެއް ގެނެސްދިނީ 63 ވަނަ މިނެޓުގައި ޕައުލޯ ޑީބަލާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ޔުވެންޓަސްއިން ޖެހީ 76 ވަނަ މިނެޓުގައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޓެފާނޯ ސްޓުރާރޯ އެވެ.

ބަޔާނުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، މެޗުގައި ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ހިފުންނަމަ ނަތީޖާ މިއަށް ވުރެ ރަނގަޅު ވީސް ކަމަށެވެ.

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ނުކުޅެވުނު ކަމަށާއި އެހެން ނަމަވެސް ދެ ވަނަ ހާފުގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ހިތް ހަމަޖެހޭ ވަރުގެ މޮޅު ކުޅުމެއް ކަމަށެވެ. އަދި މެޗުން މޮޅުވާން ވެސް ފުރުސަތު ލިބުނު ކަމަށާއި ދެން އޮތް މެޗުން މިމެޗުގައި ދިމާވި މަސްސަލަތައް ރަނގަޅު ކުރުމަށް ވަރަށް މަސައްކަތް ކުރާނަން ކަމަށް ވެސް މަސިމިލިއާނޯ ބުންޏެވެ.

ޔުވެންޓަސް އާއި ބަޔާން ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ، އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.