ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސްޕޯޓްސް ޑިޕްލޮމަސީގެ ޕްރޮގްރާމުގެ ދަށުން މ. ނާލާފުށީގައި ވޮލީ ކޯޗިންގ ކޭމްޕެއް ފަށައިފި އެވެ.

މި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯޗިންގ ކޭމްޕުގައި ނާލާފުށީގެ 26 ޒުވާނަކު ބައިވެރިވެއެވެ.

މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ނާލާފުށި ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ވޮލީ ކޯޗިންގ ކޭމްޕުގައި ކުޅިވަރުގެ އަހުލާޤާއި ވޮލީގެ ޤަވާއިދުތަކާއި ވޮލީގެ ހުނަރުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ވޮލީ ކޯޗިންގ ކޭމްޕުގެ ބައިވެރިންނަށް ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ވޮލީ ކޯޗިންގ ކޭމްޕުގައި ކޯޗެއްގެ ގޮތުން ހަރަކާތްތެރިވަނީ ޕޮލިސް ކުލަބުގެ ތަޖުރިބާކާރު ދެ ވޮލީ ކޯޗުންނެވެ.

ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ދަނީ ވޮލީ ކޯޗިންގ ކޭމްޕާއި ފުޓްސަލް ކޯޗިންގ ކޭމްޕުތައް ހިންގަމުންނެވެ.