ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) އިން މިއަދު ރާއްޖެއާއި މެދު ކޮންމެ ގޮތަކަށް ފިޔަވަޅު އެޅި ނަމަވެސް އެކަން ބަލައިގަންނާނެ ކަމަށާއި ނަމަވެސް ފިޔަވަޅު އަޅަންވާނީ ރާއްޖޭގައި ކަންކަން ހިނގާ ގޮތް ބެލުމަށްފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު އއ. އުކުޅަހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި ރާއްޖެއާއި މެދު ފިޔަވަޅު އަޅަންޖެހޭތޯ ބެލުމަށް ކޮމަންވެލްތްގެ އެޖެންޑާގައި ރާއްޖެ ހިމެނުމާ ގުޅޭ ގޮތުން މިއަދު ބާއްވާ ސީމެގްގެ ބައްދަލުވުމުގައި ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނިކޮށެވެ.

ރައީސް ވިދާޅުވީ ކޮމަންވެލްތް ނުވަތަ ސީމެގުން ނަމަވެސް ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ އެކަން ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ ދިވެހިރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަންވާނީ މަދަނީ ތަހުޒީބީ މުޖުތަމައަކުން، އިސްލާމީ މުޖުތަމައެއްގައި ކަންކަން ކުރާ ގޮތާއި އެއް މިންގަނޑު ތަކުގެ މިންގަނޑުން އަޅުގަނޑުމެން މިނެކިރައިގެން ކަމަށެވެ. ރާއްޖޭގެ ގާނޫނު ތަކާއި ހިލާފުވާ މީހުންނަށް ފިޔަވަޅު އެޅުމުން އެކަމާ ގުޅިގެން މުޅި ދައުލަތަށް ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަލުގަނޑުމެންގެ މައުސޫމް ކަން ނަގާލައި އަޅުގަނޑުމެންގެ އެތަން މިތަން ހަލާކުކޮށްލީމާ މިކަންކަމާ ދޭތެރޭގައި ގާނޫނީ ޝަރުއީ މަރުހަލާގެ ތެރެއިން އަންނަ ހުކުމްތަކެއް އައިމާ އެއީކީ ރައީސެއްގެ ޒިންމާ އުފުލަންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން ނޫންތޯ މިތިބީ ބޮޑު ތިން ނިޒާމު ވަކިކޮށްގެން. ރައީސް އަކީ ޝަރުއީ ދާއިރާގައި ހިނގާ ކަންތައްތަކާއި ބެހޭ މީހެއް ނޫން. އަދި ބެހުމުގެ ޖާގަ ކުރިއަށް އޮތް ތަނުގައިވެސް ލިބިގެންވާނެ ފަރާތެއް ނޫން ރައީސް ކަން ކުރާ މީހުންނަކީ،" ކޮމަންވެލްތް ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރާ އެއް މައްސަލައަކީ ޝަރުއީ ދާއިރާ އިން ނިންމާފައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށްވާތީ އެކަމާއި ގުޅިގެން މުޅި ދައުލަތަށް ފިޔަވަޅު އަޅަން ނުޖެހޭ ސަބަބުން ރައީސް ވިދާޅުވެ ދެއްވި އެވެ.