ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތައް މާޗް މަހުގެ ދެވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމުގެ އިޝާރާތެއް ޕާޓީތަކުން ދީފައިވާތީ މާޗް މަހުގެ ދެވަނަ ދުވަހު ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށިދާނެ ކަމަށެެވެ. އަދި ބައެއް ޕާޓީތަކުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންގެ ނަންތައް ރައީސް އޮފީހަށް ފޮނުވާފައިވާ ކަަމުގައިވެސް ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ މަޝްވަރާތައް ފެށުމަށް އެއްވެސް ބަޔަކު ވަކި ކަމެއް ކުރަން ޝަރުތުކޮށްފައި ނުވާ ކަމަށާއި އެކަަމަކު ޕާޓީ ތަކުން ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ސަރުކާރުން މަޝްވަރާތަކަށް ދާއިރު ސަރުކާރުގެ ވަކި އެޖެންޑާއެއް ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީ ތަކާއި މަޝްވަރާކުރުމަށް ނިންމާ މަޝްވަރާތަކުގައި ބައިވެރިވުމަށް ސަރުކާރުން ޕާޓީތަކަށް ދައުވަތު ދިނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައިވަނީ އިދިކޮޅު އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި، އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރްޕީ އަށެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި ސަރުކާރު ތަމްސީލް ކުރުމަށް ރައީސް އަބްދުﷲ ޔާމިން ކަނޑައަޅުއްވާފައިވާ ތިން ބޭފުޅުންނަކީ ފިޝަރީޒް މިނިސްޓަރު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި، މަޝްވަރާކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ގައުމާއި ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމާއިޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފެންވަރަކަށް ރާއްޖޭގެ ގާނޫނީ، ދުސްތޫރީ އަދި ޝަރުއީ ނިޒާމުގެ ކަންކަން އިސްލާހުކުރުމާއި އަދި ޕޮލިޓިކަލް ރިކޮންސިލިއޭޝަނެއް ގާއިމްކުރުމަށް ސިޔާސީ ގޮތުން އުފެދިފައި ހުރި ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން ގާނޫނީ ނިޒާމްގެ ތެރެއިން ހައްލުތަކެއް ހޯދުމާއި ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށް މަސައްކަތް ކުރުމެވެ.