23 މީހުންނާއެކު ދަތުރުކުރަނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު މަތިންދާ ބޯޓް ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ.
ބޯޓް ވެއްޓިފައި އޮއްވާ ފެނުނީ، ނޭޕާލްގެ ހުޅަނގުގެ ފަރުބަދަމަތީ އަވަށެއް ކަމަށްވާ މިޔަގްޑީގެ ހިސާބަކަށެވެ. އަދި ބޯޓް އޮތީ އަލިފާން ރޯވެ އެއްކޮށް އަނދާފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ނޭޕާލްގެ އޭވިއޭޝަން މިނިސްޓަރ އާނަންދަ ޕްރަސާދު ޕޮކަރެލް ވިދާޅުވީ، ވެއްޓިފައިވާ ބޯޓް އޮތް ސަރަހައްދުން ބޯޓް ކައިރިން މަރުވެފައިވާ މީހުންގެ ހަށިތައްވެސް ފެންނާން އެބަހުރި ކަމަށެވެ.
މިހާދިސާގައި ބޯޓުން ދަތުރުކުރި އެންމެން މަރުވެފައިވާކަން ނޭޕާލް ސަރުކާރުން ވަނީ ކަށަވަރު ކޮށްދީފައެވެ.
"އެތަނުގައި މިހާރު ތިބި ޓީމުތަކުން ބުނަނީ، މަރުވެފައިވާ މީހުންގެ ހަށިތައް އެކި ހިސާބުތަކަށް ވިއްސައިގެން ގޮސްފައި އެބަހުރި ކަމަށް. ހަށިތައް އަދި ދެނެގަނެވޭވަރެއް ނުވޭ. ސަލާމަތީ އިތުރު ޓީމުތައް އެ ސަރަހައްދަށް އެބަދޭ. މިހާދިސާގެ އިތުރު މައުލޫމާތު ލިބިގަތުމަށް މިގެންދަނީ މަސައްކަތް ކުރަމުން" ނޭޕާލްގެ ކަލްޗަރ، ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އާނަންދަ ޕްރަސާދު ޕޮކަރެލް ވިދާޅުވިއެވެ.
ނޭޕާލްގެ ޓާރާ އެއަރލައިންގެ ޓްވިން އޮޓަރ މަތިންދާ ބޯޓް، ކޮންޓްރޯލް ޓަވަރާއި މުއާސަލާތީ ގުޅުން ކެނޑުނީ ނޭޕާލްގެ ޕޮކަހާރާއިން ފުރިތާ 8 މިނެޓް ފަހުންނެވެ. ބޯޓް ގެއްލުނުއިރު، ބޯޓުން ދަތުރުކުރީ 20 ފަސިންޖަރުންނާއި، 3 ކްރޫންނެވެ.
ފަސިންޖަރުންގެ ތެރޭގައި، ޗައިނާ މީހަކާއި، ކުވައިތުގެ މީހެއްގެ އިތުރުން ދެން ތިބީ މުޅިންވެސް ނޭޕާލް މީހުން ކަމަށާއި، އޭގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނޭ ކަމަށް ޓާރާ އެއަރލައިނުން ބުނެފައި ވެއެވެ.
ޓާރާ އެއަރލައިނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބޯޓް ވެއްޓުނުއިރު މޫސުންވެސް ރީތި ކަމަށެވެ. ނަމަވެސް އޭވިއޭޝަން ތަޖުރިބާކާރަކު ވިދާޅުވެފައިވަނީ، އެހިސާބަކީ ވަރަށް ވައި ބާރު ސަރަހައްދެއް ކަމަށެވެ.
ބޯޓްގެ ޚަބަރެއް ނުވެގެން، ނޭޕާލް ސިފައިން ހެލިކޮޕްޓަރުގައާއި، ފައިމަގުގައި މިޔަގްޑީގެ ސަރަހައްދު ބަލަމުންދަނިކޮށް، ބޯޓް ވެއްޓިފައި އޮތްތަން ފެނިގެން ރިޕޯޓްކުރީ އާންމުންގެ ބައެކެވެ.
ނޭޕާލަކީ ފަރުބަދަމަތީ ސަރަހައްދުގެ ގައުމެއް ކަމަށްވެފައި، މަގުތައްވެސް ހުންނަ ދަތިއުދަގޫކަމުން، ނޭޕާލްގައި އާންމުންވެސް އަދި ފަތުރުވެރިންވެސް ދަތުރުފަތުރު ކުރުމަށް އާންމުކޮށް ބޭނުންކުރަނީ ވައިގެ މަގެވެ. ނޭޕާލްގެ އެތެރޭގެ އުދުހުންތަކުގައި ގިނަ މަތިންދާ ބޯޓްތައް ބޭނުން ކުރެއެވެ.