އެކިއެކި ވިޔަފާރިވެރިން އެމަނިކުފާނަށް އެކިއެކި އަދަދުތަކުން ފައިސާ ދެއްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރަމުން ގެންދަނިކޮށް ރައީސް ޔާމިނަށް ވިޔަފާރިވެރިން ފައިސާ ދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވީ އއ. ތޮއްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކަށް އަދި 2018 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެކިއެކި މަސައްކަތްތައް ކުރުމަށް އެތައް ބަޔަކު އެމަނިކުފާނަށް ފައިސާ ދެއްވާ ކަމަށެވެ. ނަމަވެސް ލިބުނު ފައިސާގެ ތަފްސީލް އެނގިވަޑައިނުގަންނަވާ ކަމަށާއި އެގޮތަށް ލިބޭ ފައިސާގެ ކަންކަން ވެސް ބަލަަހައްޓަމުން ގެންދެވީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށެވެ.

"ފައިސާގެ ފައިދާ ކާކަށްތޯ ނުލިބެނީ؟ ފައިސާގެ ފައިދާ ކާކަށްތޯ ނުލިބެނީ؟ އެކަކު އަނެކަކަށް އެހީތެރިވާން ދޭން ފައިސާ އަދި ސޮދަގާތެއްގެ ގޮތުން ދޭ ފައިސާ ވެސް އެ ބަލައިގަންނަ މީހާ ބަލައިގަނެތޯ އެއީ ސައްހަ ގޮތެއްގައި އޭނާއަށް ލިބުނު ފައިސާ އެއްތޯ؟ ނޫނިއްޔާ އެމީހާ އެފައިސާ ހޯދީ ސައްހަ ގޮތެއްގައިތޯ ކާކުތޯ ބަލައިގަންނަނީ؟ އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި އަހްމަދު އަދީބް އެބަހުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް އަދި އެހެން މީހުންނަށްވެސް އެހީތެރިވެވަޑައިގެންދެއްވާފައި،" ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭގޮތުން ރައީސް މިއަދު ވެސް ވިދާޅުވީ އެެއީ ދިވެހި ތާރީހުގައި މިހާތަނަށް ހިންގާފައިވާ ކޮރަޕްޝަންގެ އެންމެ ބޮޑު އަމަލު ކަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަަމަށެވެ. ރައީސް މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިއިރު އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެފައިސާގައި ސަރުކާރުގައި މިވަގުތު ތިއްބެވި އެއްވެސް ވަޒީރަކާއި އަދި އެމަނިކުފާނު ވެސް ޖެހިވަޑައިގެންފައި ނުވާ ކަަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ޖަރީމާގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭ ބޭފުޅަކީ އަދީބް ކަމަށެވެ.

ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވައިގެން ދިވެހިންގެ ބަޔަކު ރާއްޖެއިން ބޭރުގައި ތިބެގެން ހަގީގަތާ ހިލާފު ބޮޑެތި ވާހަކަތަކެއް ދައްކައިގެން ގައުމަށް ގެއްލުންވާ ގޮތަށް ކަންކަން ކުރައްވާ ކަމަށެެވެ. ރައީސް ވިދާޅުވީ އެބޭފުޅުން ކުރާ ތުހުމަތުތައް ރާއްޖެއަށް ވަޑައިގެން ސާބިތުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެކަމަށް އިންތިޒާރު ކުރައްވާ ކަމަށެވެ.

"އެހެންވީމާ އައްލާމް ވިޔަސް އަލީ ވަހީދު ވިޔަސް އެހެން މީހަކު ވިޔަސް މިވާހަކަތައް ސާބިތުކޮށްދޭން ވަޑައިގަންނަވާ މާލެއަށް. ރާއްޖެއަށް ވަޑައިގަންނަވާ. ރާއްޖޭގެ ކޯޓް ރޫމްގެ ޖަލްސާތަކުގެ ތެެރެއިން އެބޭފުޅުން ވަގުތުކޮޅެއް އެބަޖެހޭ އަޅުގަނޑުމެންނަށް ހުސްކޮށްލަދެއްވަން. ބޭރުގައި ތިއްބަވައިގެން މިގޮތަށް މަސައްކަތް ކުރެއްވުމަކުންނެއް އެއަކުންނެއް އެބޭފުޅުންނަކަށް ފައިދާއެއް ނުވާނެ. ކީއްކުރަންތޯ އަމިއްލައަށް އަމިއްލަ ވަތަން ދޫކޮށްލާފައި އަރުވާލެވިގެން އެ ތިބެނީ. އެބޭފުޅުން ވެސް ލޯބިވާ ފަސްގަނޑު މިއީ. އަދި މިތާ ތިބި ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަޑުހަރުކޮށް ވަކާލާތު ކުރައްވާ ބޭފުޅުން އެއީ. މިތަނަށް ހިދުމަތެއް ކުރެވޭނީ މިތާ ތިބެގެން ދެއްތޯ؟ ޣައިރުގައި ތިބެގެން ހިއެއް ނުވޭ މިރާއްޖެއަކަށް ހިދުމަތް ކުރެވޭނެހެނެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަނާ މިސަރުކާރާ ގުޅުވައިގެން ވާހަކަދައްކާއިރު އެއީ މި ގައުމުގައި އަދި މިސަރުކާރުގައި އެކަނި އުފެދިފައި އޮތް ކަމެއް ނޫން ކަމަށެވެ. މާޒީގެ ފަތްފުއްތަށް ބަލާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، އެސަރުކާރަށް ލިބުނު އާމްދަނީއާ ބަލާއިރު ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ހުރިލެއް މަދު ނޫން ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ކުޑަކޮށް ގައުމު ތަރައްގީ ކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންެނެވީ ބްރިޖް އެޅުމަށާއި، ހޮސްޕިޓަލް ނެތް ތަންތަނުގައި ހޮސްޕިޓަލް އެޅުމަށާއި، ދިވެހި ރައްޔިތުންގެ ބޮލަކަށް ޖެހޭ އާމްދަނީ ދެގުނަ ބޮޑު ކުރުމަށާއި، އެހެން މީހުން ނުވާނެ ކަމަށް ބުނި ކަންކަން ކުރެވޭތޯ ބެލުމަށާއި، ގައުމުގައި ހަމަޖެހުން ގާއިމްކުރުމަާއި ތެދުވެރިކަމާއި އެކު ގައުމަށް ހިދުމަތް ކުރުމަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން ޖަލުގައި ތިއްބެވީ "އާދަޔާ ހިލާފަށް ސިޔާސަކަން ބޮޑުވެގެން" ގާނޫނީ އިމުގެ ބޭރުން ކަންތައްތަކެއް ކުރެއްވުމުން ކަމަށެވެ. އެގޮތުން ވިދާޅުވީ އެއް ބޭފުޅަކީ ކޯޓެއްގެ ފަނޑިޔާރަކު ހިފާ ހައްޔަރުކޮށްގެން ގެންގުޅުމުން ޖަލަށް ލެވުނު ބޭފުޅެއް ކަމަށާއި ދެވަނަ ބޭފުޅަކު ޖަލަށް ލެވުނީ ގޭގައި ހަތިޔާރު ގެންގުޅެގެން ކަމަށާއި ދެން ހުރި ބޭފުޅަކު ޖަލަށް ލެވުނީ ދައުލަތް ވައްޓާލަން ނިކުމެ އެފަދަ ކަންކަން ކުރަން ހިތްވަރު ދެއްވާ ވާހަކަދެއްކެވުމުން ވެސް ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މީހަކު ޖަލަށް ލެވުމުން އެމީހަކަށް ހަމްދަރީ ވެވޭ ކަމަށާއި ނަމަވެސް ކޮންމެ ބޭފުޅަކަށް ވެސް ޖަލަށް ދާން ޖެހެނީ ކުށެއް ކުރެވިގެން ޝަރުއީ މަރުހަލާއިން އެކަމެއް ބެލުމަށްފަހު ޝަރީއަތުން ނިންމާ ގޮތެއްގެ މަތިން ކަމަަށެވެ. އެހެންކަމުން އެހާލަތުގައި ރައީސްގެ ހައިސިއްޔަތުން ވެސް އެމަނިކުފާނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އެހާލަތުގައި އޮންނާނެ ގޮތަކީ އެމީހެއްގެ މައުސޫމްކަން ޝަރުއީ މަރުހަލާތަކުން ސާބިތުކޮށްދިނުން ކަމުގައިވެސް ވިދާާޅުވި އެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ތިންބާރު ވަކިކުރެވީ އަޅުގަނޑުމެން އެންމެ އެގޮތް ބޭނުން ވެގެން ކަމަށްވާތީ ޝަރުއީ ދާއިރާއިން ނިންމާ ކަންކަމަށް އެމަނިކުފާނަށް ގޮތް ކިޔައި ނުހެއްދެވޭނެ ކަމަށެވެ. އަދި އެއީ އެކަން ކުރެވިގެންވާނެ ގޮތެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"ރައީސް ބެހޭނީ ހަމަ އެންމެ ކަމެއްގައި އަދުލު އިންސާފުގެ ދާއިރާގައި. މައްސަލަތައް ލަސްވާ ކަމަންވަންޏާ މައްސަލަތައް އަވަސް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ބެހެން ޖެހޭ ކަމެއް. ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަކީ ރައީސް އަށް މިކަހަލަ، ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް، މުއައްސަސާތައް ހިނގަނީ ގާނޫނު އަސާސީއާ އެއްގޮތަށްތޯ އެކަށައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ބާރު. މުއައްސަސާތައް ހިނގަނީ މުއައްސަސާތައް ހިންގަންވާ ގޮތަށްތޯ. ސްޕީޑް ލިބޭތޯ. އެކަންކަންތައް ހިނގަނީ ރަނގަޅަށްތޯ ބެލުމަކީ އޮތް ކަމެއް. އެކަމަކު ކޯޓްތަކުގެ ހުކުމަކަށް ރައީސުލްޖުމްހޫރިއްޔާއަށް ފާޑެއް ނުކިޔޭނެ،" ޝަރުއީ ދާއިރާއަށް ރައީސް ނުފޫޒު ފޯރުވާ ކަަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޭރުގެ ގައުމުތަކުން ރާއްޖެއަށް ފިޔަވަޅު އެޅިއަސް ގާނޫނުގެ ބޭރުން ކަންކަން ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބޭރުން ފިޔަވަޅު އެޅިނަމަވެސް ސަރުކާރުގެ އެ ސިޔާސަތަށް ބަދަލު ނުގެންނާނެ ކަމަށާއި ގާނޫނުގެ ވެރިކަން ހިންގާނަަމަ ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.