ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ)ގެ ބަންދަށް އިތުރު 10 ދުވަސް ދީފި އެވެ.

ކްރިމިނަލް ކޯޓުން އަޑުބަރޭގެ ބަންދަށް އެންމެ ފުރަތަމަ ތިން ދުވަސް ދިނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެމުއްދަތު މިއަދަށް ހަމަވާތީ އަޑުބަރޭ ބަންދުގައި ބަހައްޓަން އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ދިނީ މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަޑުބަރޭ ހައްޔަރުކުރީ ކްރިމިނަލް ކޯޓުން މިމަހުގެ 18 ވަނަ ދުވަހު ފުލުހުންނަށް ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެންނެވެ. އެސިޓީގައި ބުނެފައިވަނީ އެދުވަހު ޖަސްޓިސް ބިލްޑިންގުގެ އުތުރު މަގުގައި ގާޒީ ބާރީ އެހެން މީހަކާ އެކު ހުންނަވަނިކޮށް އެތަނަށް އައި މީހަކު ގާޒީ ބާރީގެ ނުރުހުމުގައި ބާރީގެ ފޮޓޯ ނަގާފައިވާ ކަމަށެވެ.

"ކަލޭމެންގެ ފޮޓޯއެއް ނަގަން އެބަޖެހޭ. ކަލޭމެން ގާޒީން ކަންތައް ކުރާ ގޮތް އަހަރެމެންނަށް އިނގޭ. ކަލޭމެން ހަދާ އެއްޗެއް ހަދާށޭ. ތިމަންނަ ކަލޭމެންގެ ފޮޓޯ ނަގާނަމޭ،" ބާރީގެ ފޮޓޯ ނެގި މީހާ ފޮޓޯ ނަގަމުން ބުނި ކަމަށް ސިޓީގައިވެ އެވެ.

މިސިޓީގައި ބުނެފައިވަނީ ގާޒީ ބާރީއަށް އިންޒާރު ދިން މީހާ ހޯދުމަށްފަހު ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެމީހާއާއި މެދު ފިޔަވަޅު އެޅުމަށެވެ.