އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ޖަވާހަރްލާލް ނެހްރޫ ޔުނިވަސިޓީގައި ފެބްރުއަރީ މަހުގެ ކުރީކޮޅު ބޭއްވި މުޒާހަރާއާ ގުޅިގެން، ހަމަޖެހުން ނަގާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރަން ހޯދަމުންދިޔަ ދެ ކިޔަވާކުދިން އަމިއްލައަށް، އެކުދިންގެ ނަފްސު ފުލުހުންނާއި ހަވާލުކޮށްފިއެވެ.

ހައްޔަރު ކުރުމުގެ އަމުރު ފުލުހުން ނެރުމަށްފަހު ހޯދަމުންދިޔަ ޔުނިވަސިޓީގެ ދެ ކިޔަވާކުދިންނަކީ އުމަރު ޚާލިދާއި، އަނިރްބާން ބަޓަޗަރްޔާއެވެ. އެމީހުން ނަފުސު ފުލުހުންނާއި ހަވާލުކުރީ، އެދެމީހުން ހައްޔަރުކުރަން ފުލުހުން ކުރަމުންދިޔަ މަސައްކަތް ހުއްޓުވެން ނެތްކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

ޖަވާހަރްލާލް ނެހްރޫ ޔުނިވަސިޓީގައި ބޭއްވި މުޒާހަރާއަކީ، ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތް ކުރަމުންދިޔަ އަފްޒަލް ގުރޫ މަރާލި ހާދިސާގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި މުޒާހަރާއެކެވެ.

މި މުޒާހަރާ ގޯހުން ގޯހަށް ދިޔައީ، އިންޑިއާއާ ދެކޮޅު ޝުއޫރު ފާޅުކުރުމުން ކަމަށް ވެއެވެ. މިކަމާ ގުޅިގެން އިންޑިއާ ފުލުހުންވަނީ ޔުނިވަސިޓީގެ ކިޔަވާކުދިންގެ ޔޫނިއަންގެ ލީޑަރަކަށްހުރި ކަނައްޔާ ކުމާރު، ފެބްރުއަރީމަހުގެ 12 ވަނަ ދުވަހު އަނިޔާވެރި ގޮތެއްގައި ހިފައި ހައްޔަރު ކޮށްފައެވެ.

ކަނައްޔާ ހައްޔަރު ކުރުމުން ޖަވާހަރްލާލް ނެހްރޫ ޔުނިވަސިޓީގެ ޓީޗަރުންނާއި، ކިޔަވާކުދިން ވަނީ އެކަމާ ދެކޮޅަށް ނިއުދިއްލީގެ މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާއެއްވެސް ކޮށްފައެވެ. އެމީހުން ބުނަމުންދަނީ، ސަރުކާރާ ދެކޮޅު ޚިޔާލުގެ މީހުން ބޭއިންސާފުން ހިފައި ހައްޔަރުކުރަނީ ސަރުކާރުން ރާވައިގެން ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީގެ ސަރުކާރަށްވެސް ބޮޑެތި ފާޑުކިއުންތައް އަމާޒު ކޮށްފައި ވެއެވެ.

މިމައްސަލަ އިތުރަށް ހޫނުވެ، ސިޔާސީ ބޮޑު އަރާރުމަކަށް ވެގެންދިޔައީ، ޖަވާހަރްލާލް ނެހްރޫ ޔުނިވަސިޓީގެ ކިޔަވާކުދިންގެ ޔޫނިއަންގެ ލީޑަރ ކަނައްޔާ ކުމާރު ކޯޓަށް ހާޟިރުކުރި ދުވަހު، އިދިކޮޅު ވަކީލުންތަކެއް ކޯޓް ތެރޭގައި ކަނައްޔާއަށް ހަމަލާދީ މާރާމާރީ ހިންގުމުންނެވެ.

މިމައްސަލާގައި ކަނައްޔާއާއެކު ހައްޔަރު ކުރަން ފުލުހުން އަމުރުނެރުނު އުމަރު ޚާލިދާއި، އަނިރްބާން ބަޓަޗަރްޔާ ބުނެފައިވަނީ، އެމީހުން ފުލުހުންނަށް ފިލީ، އަނިޔާކޮށްފާނެތީ ބިރުން ކަމަށެވެ. ނަމަވެސް އިންސާފާ ކުރިމަތިލާން ތައްޔާރު ކަމަށެވެ.

އުމަރު ޚާލިދާއި، އަނިރްބާން ބަޓަޗަރްޔާ ކޯޓަށް ހާޟިރުކުރި ނަމަވެސް، އެދެމީހުންނަށް އެއްވެސް ގެއްލުމެއް ލިބުނަ ނުދޭނޭކަމުގެ ޔަގީންކަން ފުލުހުން މިހާރުވަނީ ދީފައެވެ.

ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރަން ބޭނުންވެގެންއުޅޭ އިތުރު ތިން ކިޔަވާ ކުއްޖަކު މިހާރުވެސް ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީގެ ކެމްޕަސްގައި ހިމާޔަތް ހޯދައިގެން އެބަތިއްބެވެ. ޔުނިވަސިޓީ ވެރިންގެ ހުއްދަނެތި ފުލުހުންނަކަށް ކެމްޕަސް ތެރެއަކަށް ނުވަދެވެއެވެ.

ޖަވާހަރްލާލް ނެހްރޫ ޔުނިވަސިޓީގެ މައްސަލާގައި އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސް ޕާޓީން ޔުނިވަރސިޓީގެ ކިޔަވާކުދިންގެ ހައްގުގައި އަޑުއުފުލަމުން ދާއިރު، ވެރިކަންކުރާ ބީޖޭޕީއާއި ކޮންގްރެސްއާއި، ސިޔާސީ ޕާޓީތަކުގެ މެދުގައިވެސް ދަނީ ބޮޑެތި އަރާރުންތައް ވަމުންނެވެ.

މިމައްސަލަ އިންޑިއާގެ ޕާލަމެންޓަށް ވެއްދުމަށްވެސް އިދިކޮޅު ޕާޓީތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.